ހަބަރު

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ސާއިދު

Sep 14, 2015

ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖައްސައިފި އެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ އެކި މަސައްކަތްތައް ތަމްސީލުކުރާނެ އެމްބެސެޑަރެއްގެ ގޮތުގައި ސާއިދު ހޮވާފައިވަނީ އޭނާގެ ހިތްވަރާއި ގައުމަށް ރީތި ނަން ހޯދަދިނުމަށްޓަކައި ސާއިދު މިހާތަނަށް ކުރި މަސައްކަތްތަކާއި ހޯދި ކާމިޔާބީއަށް ބެލުމަށްފަހު ޒުވާނުންނަށް ނަމޫނާއަކަށް ސާއިދު ވާތީ ކަމަށް ދިރާގުން ބުންޏެވެ. 

ސާއިދު ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުގައި ރާޢްޖެއަށް ރަން މެޑަލް ހޯދަދީފައެވެ. އަދި އޭނާ ވަނީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓާއި އެކު ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފަ އެވެ. ސާއިދަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާ އެވެ.

 "ދިރާގު އެމްބެސެޑަ ޝިޕް" ޕްރޮގްރާމަކީ ތަފާތު ދާއިރާތަކުން އާދަޔާ ހިލާފު ހުނަރުވެރިކަން ދައްކާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެހެން މީހުންނަށް އެމީހުން މިސާލެއްގެ ގޮތުގައި ދައްކާލުމުގެ ގޮތުން ދިރާގުން ފެށި ޕްރޮގްރާމެކެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ މި ޕްރޮގްރާމުގެ ދަށުން އެމްބެސެޑަރުން ހޮވާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ފަދަ ފަރާތްތައް ހިމެނެ އެވެ.

ދިރާގުން ބުނީ އެމްބެސެޑަރުންގެ ގޮތުގައި މީހުން ހޮވުމުގެ އުސޫލު ދިރާގުން މިހާރު ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާނީ ދިވެހިންގެ ތެރެއިން އެކި ދާއިރާތަކުން މަސައްކަތާއި ހުނަރުގެ ގޮތުން އާދަޔާ ހިލާފު މޮޅު މީހުން ކަމަށެވެ.