ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނޭޕާލް، ބަންގްލަދޭޝްގައި ތިބި ދަރިވަރުން ރާއްޖެ ގެންނަނީ

ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މީގެ ތެރޭގައި ހިމެނެނީ ނޭޕާލުން އަންނަ 18 ދިވެހިންނާއި، ބަންގްލަދޭޝްއިން އަންނަ 51 ދިވެހިންނެވެ.

މި ކުދިން ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރާ ބަންގްލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. މި މަތިންދާބޯޓުން ރާއްޖެއަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން އާދިއްތަ ދުވަހު ނޭޕާލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރާނެއެވެ. އަދި މި ފްލައިޓުން ރާއްޖެއަށް އަންނަ ދިވެހިން ތިބީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައިކަމުން، އެމީހުން ވެރިރަށް ޑާކާއަށް ގެންދިޔުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މިކަމަށް މަގުފަހިކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ދެ ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާ ކުރައްވާފައިވެއެވެ.

ބަންގްލަދޭޝްއިން އަންނަ ފްލައިޓްގައި ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ގައުމުގެ މެޑިކަލް ޓީމެއްވެސް ރާއްޖެއަށް އަންނާނެއެވެ. މި ޓީމަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް 100 ޓަނުގެ އެހީގެ ތަކެތި ހިފައިގެން އަންނަ އެގައުމުގެ އަސްކަރީ މަނަވަރު މިފެށޭ ހަފްތާގެ ތެރޭގައި މާލެއަށް ބަނދަރު ކުރާނެއެވެ.