ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގަލްދޭޝްގެ އަސްކަރިއްޔާގެ އެހީގައި 71 ދިވެހިން ގެނެސްފި

ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބި 71 ދިވެހިން ރާއްޖެ ގެނެސްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން މިއަދު ގެނައީ ބަންގަލްދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށާއި އެގޮތުން ބަންގަލްދޭޝްގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ ގެނެސްފައިވާ ކަމަށެވެ. ރާއްޖެ އައި ދިވެހިންގެ ތެރޭގައިވެސް ހިމެނެނީ ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ. އެ ދަރިވަރުން ރާއްޖެ ގެނެސްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މަހަކަށް ވުރެ ގިނަ ދުވަސް އެ ގައުމުތަކުގައި ތާށިވެފައި ތިބުމަށް ފަހު އެވެ.

އެ ދިވެހިންގެ އިތުރުން ކޮވިޑް-19 އިގެ މަސައްކަތުގައި އެހީތެރިވުމަށް 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓު މިއަދު އެ ގައުމަށް ފުރާއިރު އޭގައި ރާއްޖޭގައި ތިބި ގަވައިދާ ހިލާފު އުޅޭ 70 ބަންގްލަދޭޝް މީހުން އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން އެއްބާރުލެއްވުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މިދިޔަ ދެ ހަފުތާގެ ތެރޭގައި މިނިސްޓަރު ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި އެ މަޝްވަރާތައް ކުރައްވާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް، ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝްއިން ވަނީ ހަދިޔާކޮށްފައެވެ. މި އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރައެވެ. މިތަކެތި ހިފައިގެން އެ ގައުމުގެ އަސްކަރީ މަނަވަރެއް މިހާރު ދަނީ ރާއްޖެ ދަތުރުކުރަމުންނެވެ.