ހާލަތު ބަދަލުނުވާނަމަ ކުރިއަށް އޮތް ރަމަޟާން މަހު ތަރާވީސް ނަމާދުގެ ޖަމާއަތް މާލެ ސަރަހައްދުގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރަމަޟާން މަހު ތަރާވީސް ނަމާދުގެ ޖަމާއަތް ބޭއްވޭނީ މިހާރު މި އޮތް ހާލަތު ބަދަލުވެއްޖެނަމަ ކަމަށެވެ. މިހާރު އޮތް ހާލަތަށް ބަދަލެއް ނާންނަ ނަމަ ތަރާވީހު ނަމާދު ކުރަން ޖެހޭނީ ގޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަދިވެސް އަތޮޅުތެރޭގެ ރަށްރަށުގައި ހާލަތު މާ ގޯސް ނޫން ކަމަށްވާތީ ރަމަޟާންމަހު ރަށްރަށުގައި ތަރާވީހުގެ ޖަމާއަތް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ދޭންޖެހޭ ލަފަޔާ އިރުޝާދު މިނިސްޓްރީން ދެމުން ގެންދާނެ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
"..މިހާރު މި އޮތް ހާލަތު ދެމި އޮންނަނަމަ ތަރާވީހު ނަމާދެއް ނުކުރެވޭނެ. އެހެންވީމަ ތަރާވީހު ނަމާދު ގޭގައި ކުރައްވަން ޖެހިވަޑައިގަންނަވާނީ. އަތޮޅުތެރޭގައި މިހާރު މި އޮތް ގޮތަށް ސުމޫތުކޮށްދާކަމުގައިވާނަމަ އިރާދަކުރެއްވިއްޔާ ތަރާވީސް ނަމާދު ކުރުމުގެ ފުރުސަތު އޮންނާނެ. ނަމަވެސް ހާލަތު ބަަދަލުވެއްޖެނަމަ ޖަމާއަތުގައި ތަރާވީސް ނަމާދު ކުުރުމުގެ ފުރުސަތެއް ނޯންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.
ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 24 ވަަނަ ދުވަހެވެ. އެހެން ކަމުން ރަމަޟާންމަސް ފެށެން ދެން އޮތީ ފަސް ދުވަހެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ނަމާދުގެ ޖަމާއަތް މެދުކަނޑާލާފައިވާއިރު އެ މުއްދަތު މިހާރު ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެއީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެ މުއްދަތަށް އިތުރުކޮށްފައިވާތީއެވެ.