ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ބަލި ނެތް ރަށްރަށުގައި މާދަމާ މިސްކިތްތައް ހުޅުވާލަނީ

ކޮވިޑް-19ގެ ބަލި ނެތް ރަށްރަށުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތާއެކު މިސްކިތްތައް ހުޅުވާލަން ނިންމައިިފި އެވެ.

އެކަން ހާމަކޮށްފައިވަނީ މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ.

ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިއަ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސުރުން ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފަ އެވެ. އެ މުއްދަތު އިތުރު ކުރަމުން ގޮސް މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތުގައި ޖަމާއަތް ހެދުން ވަނީ މަނާކޮށްފަ އެވެ. އަދި މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލި ފަހުންވެސް މަސް ދުވަސްވަނީ ވެފައެވެ.

މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަަމަށެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އެ ފިޔަވަޅު އެޅުމުގެ ކުރިން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޑޮކްޓަރުންގެ ބަސް އެއީ އެންމެ ފަހު ބަސްކަމަށް އަޅުގަނޑުމެން މިބަލަނީ. އެގޮތުން މިސްކިތްތަކުގެ ޖަމާއަތް މެދުކަނޑާލީވެސް ޑޮކްޓަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން."

މިނިސްޓަރު ވިދާޅުވީ ބަލީގެ ހާލަތު ކޮންމެވެސް މިންވަރަކަށް ބަދަލުވެފައިވާތީ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމުމުން މިއަދު ޑޮކްޓަރުންނާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިސްކިތުގެ ޖަމާއަތް އަލުން ހުޅުވާލެވިދާނެތޯ ކުރެވުނު މަޝްވަރާގައި ރައްްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތައް ހުޅުވާލެވިދާނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

އެގޮތަށް ހުޅުވާލެވޭނީ ކޮވިޑްގެ ބަލި ނެތް ރަށްރަށުގެ މިސްކިތްތައް ކަމަށާ އަދި މިސްކިތްތައް ހުޅުވާލި ނަމަވެސް ޖަމާއަތުގެ ނަމާދު ކުރެވޭނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް

  • ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
  • ދުވަސްވީ މީހުން މިސްކިތަށް ނުދިއުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • މުސައްލައެއް ހިފައިގެން އައުން
  • މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން
  • ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުން
  • މިސްކިތަށް އަންނައިރު މާސްކް އެޅުން

މިނިސްޓަރު ވިދާޅުވީ ކަނޑައެޅޭ ވަކި ރަށްތަކުގައި މާދަމާ ހުކުރު ނަމާދުގެ ޖަމާއަތަށް މިސްކިތްތައް ހުޅުވާލާނެ ކަމަށެވެ. އެ ރަށްށަކީ އެޗްޕީއޭގެ މޮނިޓަރިންގައި ނުވާ ރަށްތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ އިތުުރުން ކޮވިޑް ފެނި ފައިވަނީ އަދި ހަ ރަށުންނެވެ. އެއީ ހއ. އުލިގަމާއި އެއަތޮޅު ތަަކަންދޫ އާއި ށ. ނަރުދުއާއި އެ އަތޮޅު މިލަންދު އާއި ނ. މަނަދޫގެ އިތުރުން މާލެ އަތޮޅު ތުލުސްދޫންނެވެ. ފަހުން ސ. އަތޮޅުން ވެސް ކޮވިޑްގެ ކޭހެއް ފެނުނެވެ. އެކަމަކު އައްޑޫގެ އެ މީހާގެ ނަތީޖާ ފަހުން ވަނީ ނެގެޓިވްވެފައެވެ. މި ރަށްތަކުގެ ތެރެއިން އުލިގަމާއި، ތަކަންދޫ ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.