ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން އެއް ގަޑިއިރު

މާލޭގައި ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރުޝް ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ނިކުންނަން ޖެހޭ މީހުން ތިބޭތީ އާއިލާތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްޓަކައި ކޮންމެ ތިން ދުވަހުން އެއް ދުވަހު ވިޔަފާރި ކުރަން ވަގުތީ ހުއްދައެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ހުއްދަ ލިބޭނީ އެއް ގަޑިއިރަށް ވިޔަފާރި ކުރުމަށް ކަމަށާއި އަދި ނިކުމެ އުޅޭނީ މާލޭގެ ވަކި ސަރަހައްދެއްގައި ކަމަށް ފައިރޫޝް ވިދާޅުވި އެވެ. އެގޮތުން މާލޭގެ 26 ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު ވިސްނުމަކީ މިހާރު މިއޮތް ހާލަތުގައި ގެއިން ނިކުމެގެން ބޭރުގަ އުޅޭ އުޅުމަށް ކޮންމެވެސް ވަރަކަށް ކޮންޓްރޯލެއް ގެންނަން ޖެހޭތީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކޮންމެ ގެއަކުން ވެސް ބޭރަށް ނިކުމެ ކުރައްވަން ޖެހޭ ކަންކަން ކުރުމަށް ގަޑިއެއްހާ އިރުގެ ފުރުސަތެއް ދިނުން. މިގޮތައް ހެދީމަ ކޮންމެ ގޮތެއް ވިޔަސް މަގުމަތީގަ މީހުން އުޅޭ އުޅުން މަދުވެގެން ދާނެ އަދި ފިހާރަތަކަށް އިތުރު ފަސޭހައެއް ލިބޭނެ،" ފައިރޫޝް ވިދާޅުވި އެވެ.

ފައިރޫޝް ވިދާޅުވީ އެ ހުއްދައިގެ ދަށުން ނިކުމެގެން އުޅޭ ކޮންމެ މީހެއްގެ ފޯނަށް ކިއުއާރް ކޯޑަކާއި ނަމްބަރެއް އިންނާނެ ކަމަށެވެ. އެ ކޯޑު ފުލުހުން ސްކޭން ކޮށްގެން ހުއްދަ ދީފަ އޮތް ތަނަކާއި ގަޑި އާއި މައުލޫމާތު ވަރަށް ފަސޭހައިން ބެލޭނެ ކަމަށާއި އޭގެ ސަބަބުން ހުއްދަ ނޯންނަ މީހަކު ނުވަތަ ދާން ނުޖެހޭ ޒޯންއަކަށް ދިޔަޔަސް އިނގޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މާލެ މި މަގްސަދަށްޓަކައި ބަހާލަނީ 26 ޒޯނަކަށް. މިހެން ބަހާލިއިރު އިސްކަން ދީފަ އޮންނާނީ އާބާދީއަށާއި ފިހާރަތައް ހުރި ނިސްބަތަށް ބަލާއިރު ފަސޭހައިން މީސް މީހުންނަށް ބޭނުންވާ އެއްޗެހި ގަންނަން ދެވޭނެ ގޮތަކަށް،" ފައިރޫޝް ވިދާޅުވި އެވެ.

އާންމު ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް މިހާރު ވެސް ހުއްދަ ދިން ނަމަވެސް އާ ބަދަލުތަކާއެކު ވިޔަފާރިތަކުން މުއައްޒަފުން ދާން އޮންނަ ޑިއުޓީއާ ބެހޭ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް އެ ޑިއުޓީ ވަގުތުތަކަށް މުއައްޒަފުންނަށް ވަޒީފާއަށް ދިޔުމުގެ ފުރުސަތު ދޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

ސަރުކާރުން މާލޭގައި ކާފިއު އިއުލާންކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.