މަސައްކަތާއި ނުގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ސާފު ނުކުރާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ކޮވިޑް-19 އިގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ހުއްދަ ނެތި މަގުމަތީގައި އުޅޭ މީހުން ހޯދުމަށް ފުލުހުން ބައެއް މީހުންނާ ސުވާލު ކުރާއިރު އެ ވަގުތު ހޯދަން ނުޖެހޭ ޒާތީ ބައެއް މައުލޫމާތު ބައެއް ފުލުހުން ހޯދަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން މީޑިއާއަށް ފޮނުވި މެސެޖެއްގަ އެވެ.
ފުލުހުން ބުނީ ކޮވިޑް ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް، އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ.
މިހާރު ކުރިއަށް ގެންދާ ލޮކްޑައުންގައި ފުލުހުން ގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މަގުމަތިން ބައެެއް މީހުން ހުއްޓުވާ ސުވާލުކުރަމުންނެވެ. އެގޮތުން ފުލުހުންގެ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑު ނަންބަރު އޮޅުންފިލުވަފާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި ފޯނަށް އެސްއެމްއެސް އެއް ފޮނުވުމަށް ފޯނު ނަންބަރު އަހާފާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ކަމާއި ނުގުޅޭ މައުލޫމާތެއް ސާފުކުރަން އިތުރު ސުވާލުކުރާނަމަ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުމުގެ ފުރުސަތު އޮތް ކަންވެސް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
ފުލުހުން ގެންދަނީ ލޮކްޑައުން ތެރޭގައި މަގުމަތީގައި ޗެކްޕޯސްޓްތައް ބަހައްޓާ ގަވާއިދާ ހިލާފަށް މަގުމައްޗަށް ނިކުމެ އުޅޭ މީހުން ހޯދައި، ޖޫރިމަނާކުރަމުންނެވެ.