ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުން ތަންފީޒު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުއްވި އަމުރުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ކަމަށެވެ.
މި އެންގުމުން އިސްތިސްނާވާނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން އަދި އިމަޖަންސީކޮށް ސިއްހި ފަރުވާ ހޯދަންދާ މީހުންނެވެ.
ފުލުހުން ބުނީ ޑިރެކްޓަރު ޖެނެރަލްގެ އެންގެވުން ތަންފީޒު ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ޑީޖޭގެ އެންގުމަށް ތަބާނުވާނަމަ މީގެ ކުރިންވެސް ފުލުހުން ގެންދިޔައީ ޖޫރިމަނާ ކުރަމުންނެވެ. މަނާ ގަޑީގައި ވެހިކަލް ދުއްވާނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި މަހުގެ ދެވަނަ ދުވަހުވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.