ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލުކޮށްފި

މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކޮށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އަމުރު މިރޭ ބާތިލުކޮށްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކުރުން ހިމެނެއެވެ. ފުރަތަމަ ނިންމީ ރޭގަނޑު 8 އިން ފަތިހު ފަހަކަށް ވެހިކަލް ދުއްވުން މަނާ ކުރުމަށެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ބޮޑުތަނުން ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން ފިޔަވަޅުތައް ހަރުކަށިކޮށް ވެހިކަލް މަނާ ވަގުތު އިތުރުކުރި އެވެ. އެގޮތުން އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި އަދި ހުޅުލޭގައި ވެހިކަލް ދުއްވުން މަނާކުރިއެވެ. އެ ނިންމުން އަައީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ނަމަވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުނު އަމުރުގައި ބުނެފައިވަނީ ވެހިކަލް ދުއްވުން މަނާ ވަގުތު ކަނޑައަޅާ މިދިޔަ މަހުގެ 12 ވަނަ ދުވަހު ނެރުނު އަމުރު ބާތިލުކޮށްފައިވާ ކަމަށެވެ.

ވެހިކަލް މަނާ ވަގުތު އުވާލިނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަކަށް ނުދެއެވެ. އަދިވެސް އެ އަދަދު ހުރީ ކޮންމެ ދުވަހަކުހެން 100 އިން މަތީގައެވެ. ރާއްޖޭގެ ޕޮޒިޓިވް ނަންބަރު 23،000 ކައިރިކުރާއިރު ކޮވިޑް ފިޔަވަޅުތައް އުވާލުމަށް އެޗްޕީއޭއަށް ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. އަދި ފިޔަވަޅުތައް ދަމަހައްޓަނީ ވަކި ބައެއްގެ ނާޖައިޒު މަންފާއަށް ކަމަށް ތުހުމަތުކޮށް ސިއްހީ ހިދުމަތް ތެރިންނަށް ބޮޑެތި ތުހުމަތުތައްވެސް އަމާޒު ކުރަމުން ގެންދެއެވެ.

ރޯދަ މަހަށް ކޮވިޑް ފިޔަވަޅުތަކަށް ލުއި ދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިނަށް ލުއި ދޭންވެސް ސިޔާސީ ބޭފުޅުން އެޗްޕީއޭއަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރިއެވެ.