ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

މާލެ ސަރަހައްދުގެ ކާފިއު އިތުރު ހަފްތާއަކަށް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތައް ހަފްތާއަށް އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެއި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތައް ހަފްތާގެ މުއްދަތަށް އިތުރުކުރާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާ ސުކޫލުތަކާއި ކޮލެޖް އަދި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ރާއްޖެއިން އިތުރު 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 44،956 އަށް އަރާފަ އެވެ. މި ބަލީގައި 104 މީހަކު ވަނީ މަރުވެފައެވެ. އެއީ މި މަހުގެ 31 ވަނަ މަރެވެ. މި އަހަރުގެ 53 ވަނަ މަރެވެ.

ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 9 - 1091 މީހަކު ޕޮޒިޓިވް
  • މެއި 10 - 1204 މީހަކު ޕޮޒިޓިވް
  • މެއި 11 - 1501 މީހަކު ޕޮޒިޓިވް
  • މެއި 12 - 1572 މީހަކު ޕޮޒިޓިވް
  • މެއި 13 - 1216 މީހަކު ޕޮޒިޓިވް
  • މެއި 14 - 1467 މީހަކު ޕޮޒިޓިވް
  • މެއި 15 - 1007 މީހަކު ޕޮޒިޓިވް

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 16،997 މީހުންނެވެ. މިހާތަނަށް 28،849 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 268 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރެއިން 15 މީހަކު އޮތީ އައިސީޔޫގައެވެ. 10 މީހަކު ވަނީ ވެންޓިލޭޓަރުގައެވެ.