ލައިފްސްޓައިލް

ތަރުބިއްޔަތުގެ ތަނބަކީ އަމަލުން ދޭ އިލްމު!

ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތެއް ފަށާނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި ކައިވެނީގެ ފޮނި މޭވާ ކަމުގައިވާ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައުގެ ތެެރެއަށް ނެރުމަކީ ކޮންމެ ދެމަފިރިއެއްގެ ވެސް އެންމެ ބޮޑު އުއްމީދާއި ހުވަފެނެވެ.

ދަރިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ، ދީންވެރި އަދަބުވެރި ހުލްގު ހުރި ބަޔަކަށް ވުމަކީ ހުރިހާ މައިންނާއި ބަފައިން ވެސް އެދޭނެ އެންމެ ބޮޑު އެދުމެވެ. އެ މަގަށް ކުދިން ތަރުބިއްޔަތު ވެއްޖެނަމަ ދެމަފިރިއެއްގެ ޒަވާޖީ ހަޔާތުގެ އެދުންތަކުގެ އެންމެ ބޮޑުބައި ކާމިޔާބު ކަމާއެކު ފުރިހަމަވީ އެވެ.

ދެމަފިރިއެއްގެ މި އެދުން ފުރިހަމަ ކުރާނީ ކިނެއް ހެއްޔެވެ؟

މި އެދުން ފުރިހަމަ ކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް މައިންބަފައިން އަޅަންޖެހޭ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ވެއެވެ. އެ ހާއްސަ ފިޔަވަޅުތައް ދުލުންނާއި އަމަލުން ވެސް އަޅަން ޖެހޭނެ އެވެ. އޭގެ ފަހަށް ފޮތާއި އެދުރުން މެދުވެރިކޮށް ވެސް ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

އުޅުމުގައި ކިތަންމެ ފައިދާއެއް ހުރި ފިލާވަޅުތަކެއް ކުދީންނަށް ދިނަސް އަދި ކިތަންމެ ފައިދާވާ އިލްމު ހޯދަން ގަދަ އަޅާ މަސައްކަތް ކުރަން އެ ކުދީންނަށް ބުނެދިން ނަމަވެސް މައިންބަފައިންގެ އަމަލުން އެ ކަންކަން ނުފެންނަ ނަމަ އޭގެ އެއްވެސް ބޭނުމެއް ދަރިންނަކަށް ގިނަ ފަހަރަކު ނުހިފެ އެވެ. އަދި އެންމެ އެދެވޭ ނަތީޖާއެއް ވެސް ނުފެނެ އެވެ.

ދަރިފުޅުގެ ސިކުނޑިއަށް އެންމެ ފުރަތަމަ ނަގައި ގަނެވެނީ އެ ކުއްޖާގެ ވަށައިގެންވާ މާހައުލުގައި ހިނގަމުންދާ ކަންކަން ކަން އެންމެނަށް ވެސް އެނގެ އެވެ. އަދި ކިތަންމެ އަގު ހުރި އިލްމަކުން އެ ކުދީންގެ ސިކުނޑި މުއްސަނދި ކުރަން މަސައްކަތް ކުރި ނަމަވެސް މައިން ބަފައިންގެ އަމަލުން އެކަން ނުފެންނަ ނަމަ ވެށީން އެކަން ނުފެންނަ ނަމަ އެ އިލްމުން ކުރާނޭ އެއްވެސް ފައިދާއެއް ނޯވެ އެވެ.

ކުދިން ގާތުގައި ފަސް ވަގުތު ނަމާދު ކުރަން ބުނަމު ނޫން ހެއްޔެވެ؟

އެކަމަކު އެކަން މަންމަ އާއި ބައްޕަގެ އަމަލުން ނުފެންނަ ނަމަ ނަމާދު ކުރުމުގެ މުހިންމުކަން ވިސްނައިގަންނަން ދަރިންނަށް ފަސޭހައެއް ނުވެ އެވެ. އެއީ ކުރަންޖެހޭ ކަމެއް ކަމަށް މައިންބަފައިން ބުނަމުންދާއިރު އެކަން ނުކޮށް މައިންބަފައިން ތިބޭ ނަމަ ނަމާދުގެ މުހިންމުކަން ކުދިންނަށް ނުވިސްނުމުގެ ފުރުސަތު މާ ބޮޑެވެ.

އެހެންކަމުން ރަނގަޅު އާއިލާއެއް ބިނާ ކުރަން މައިންބަފައިންގެ އަމަލުން ކުދިންނަށް އުގަންނައިދޭ އިލްމަކީ ތަރުބިއްޔަތުގެ ތަނބު ކަމަށް ބެލެވިދާނެ އެވެ.

އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި ރީތި ބަހުން ވާހަކަ ދެއްކުމާއި އިސްލާމީ ރީތި އުސޫލުތަކުގައި ހިފެހެއްޓުމަކީ ދަރީންގެ ފުރަތަމަ މަދަރުސާ، ގޭތެރެއިން އެ ކުދީންނަށް އުގަންނައިދޭން ޖެހޭނެ މުހިންމު އިލްމެކެވެ.

ގޮވާމެއް ކުރަން އެދޭ މީހާގެ ފުރަތަމަ ފިޔަވަަޅަކަށް ވާނީ އޭނާ މުޑުވައް ކުރާނޭ ރަނގަޅު ބިމެއް ހޯދުމެވެ. ހަމަ އެގޮތަށް ހަރުދަނާ ގޮތް ހުރި ދަރިންނަށް، ނުވަތަ އާއިލާއަކަށް އެދޭ ފިރިހެނަކު ނަމަ ފުރަތަމަ އޭނާގެ ވާޖިބަކަށް ވާނީ ރަނގަޅު ހެޔޮ ލަފާ އަންބަކު ހިޔާރު ކުރުމެވެ. އޭގެ ސަބަބަކީ އެ އަނބިމީހާ ވާނީ ދިރިއުޅެން ތައްޔާރުކުރާ ހަތަރުފާރުގެ އެތެރެއަށް ގެއެއްގެ ސިފަ ގެނުވައިދޭ މީހާއަށެވެ. ހެޔޮލަފާ ދަރިފަސްކޮޅެއް ބޭނުންވާ ފިރިހެނަކު މިއީ ވިސްނަންޖެހޭނެ ވަރަށް މުހިންމު ކަމެކެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އަންހެން ދަރީންނާމެދު އިތުރަށް ސަމާލުވާން އިސްލާމް ދީން ވަރަށް ބާރު އަޅަ އެވެ. އެއީ އެތައް ސަބަބުތަކަކަށްޓަކައި ވެސް މެއެވެ.

ދަރީން ފުރާވަރަށް އެޅުމާއި އޭގެ ފަހަށް ތަސަރައްފު ފުދުމާއެކު ދިރިއުޅުމެއް ފަށައި މައިންބަފައިންނާ ވަކިވެގެން ދާއިރު އެކުދީންގެ އުޅުން ބައްޓަން ވެފައިވާ ގޮތެއްގެ ސަބަބުން މައިންބަފައިންނަށް އޭގެ ތައުރީފާއި މަލާމާތް ލިބޭނެ ކިތަންމެ ކަމެއް ހުރެ އެވެ.

ރަނގަޅު އަންހެން ދަރިޔަކީ ކިތަންމެ ބޮޑުވިޔަސް ދިރިއުޅުމުމުގެ ރީތި އުސޫލުތަކުގައި ހިފައިގެން އުޅޭނެ ދަރިއެކެވެ. މި ރީތި އުސޫލުތައް އަންހެން ދަރިޔަކަށް އޮޅުންފިލުވައި ދިނުމުގައި މަންމަގެ ދައުރު ވަރަށް ބޮޑެވެ.

އަންހެންދަރީން ފުރާވަރަށް އެޅެމުން އަންނައިރު ބުނެދޭން ޖެހޭނޭ އެތައް ކަމެއް ހުންނާނެ އެވެ. އަމިއްލަ ނަފުސުގެ ރައްކާތެރި ކަމުން ފެށިގެން ގޮސް ދެމަފިރީންގެ ސިއްރުތައް ހިފެހެއްޓުމާއި ފިރީންނާމެދު އަމަލުތައް ބަހައްޓާނެ ފަދަ އެތައް ކަމެކެވެ. މިކަންކަން އުގަންނައި ދިނުމަށް މައިމީހާގެ އުނގު ފިޔަވައި ވަންނާނެ މޮޅު މަދަރުސާއެއް ވަކި ނުހުންނާނެ އެވެ.

ވަރަށް ގިނަ ބެލެނިވެރިން އެމީހުންގެ ދަރިން ނުރައްކާތަކާއި ޝައިތޯނާގެ ނުބައިކަމުން ރައްކާތެރި ކުރަން ކުރެވެން އޮންނަ ހުރިހާ ކަމެއް ކުރެ އެވެ. އެއީ ކުދީންގެ ކުރިމަގަށް ކިރިޔާ ވެސް ނޭދެވޭ އަސަރެއް ކުރިމަތިވިޔަ ނުދިނުމުގެ ނިޔަތުގަ އެވެ. ނަމަވެސް މައިންބަފައިން އެމީހުންގެ ދަރިންނަށް ގާއިމް ކޮށްދީފައިވާ މާހައުލުން ދަރީންގެ ދިރިއުޅުމަށް ކުރަމުންދާ ނޭދެވޭ އަސަރާމެދު ވިސްނާ މީހުން ބައެއް ފަހަރަށް މަދުވެ އެވެ.

ދަރިންގެ ކުރިމަތީ ނޫނީ ފެންނަ ހިސާބުގައި ކުރާ ނޭދެވޭ އަމަލުތަކުން ދަރިންގެ އުޅުމަށް ކުރާނޭ ނޭދެވޭ އަސަރު އަންދާޒާ ކޮށްލެވިފައި ވަނީ ކޮން ބަޔަކަށް ހެއްޔެވެ؟

ވަރަށް ގިނަ ފަހަރަށް ދަރީންގެ ކޮޓަރިތަކާއި އެ ކުދީންގެ ފޮތް ހަރުގަނޑުތަކާއި އެނދުތައް ފުރާފައި ވަނީ އެކި ސިފާގައި ފަރުމާކޮށްފައިވާ ބުދާއި ޖަނަވާރުންނެވެ. އެކަން ކަމަކީ ގަބޫލު ކުރެވޭ އަދި އެދެވިގެންވާ ކަމަކަށް ހަދައިގެން ދިރިއުޅޭ ބަޔަކު ރާއްޖޭގައި ވެސް ވަރަށް ގިނަ އެވެ. އެކަމަކު އެއީ ހެދޭ ވަރަށް ބޮޑު ގޯހެއް އަދި ވަރަށް ބޮޑު ހިތާމައެއްވެސް މެއެވެ.

ދަރީން ހިތްހަމަޖައްސައި ދޭން ކަމަށް ބުނެ ވަކި ބަޔަކު ކުރާތީ ނުވަތަ ވަކި ބަޔަކު ކުރާ ގޮތާ އެއްގޮތަށް އެ ނިޔަތުގައި ނޫން ކަމަށް ބުނެ ބައެއް ދުވަސްތައް ވެސް އާއިލާތަކުގައި ފާހަގަ ކުރެ އެވެ. ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުންނަށްވާއިރު އެފަދަ ކަންކަން ދޫކޮށްލާފައި ތަރުބިއްޔަތުގެ އަސްލުގައި ހިފާން ޖެހެ އެވެ.