(ފަހު ބައި)
"އުހުނ މިގަޑިއަކު ނޫން. މިރޭ ސެވަންގަ އާދޭ ޝާޔާ ބުނާ ތަނަކަށް." އަހަރެން ފޯނު ބޭއްވީމެވެ.
"މަށޭ. ކީއްވެ މަ ބޮލަށް؟" ޝާޔާ ހިތްހަމަ ނުޖެހުނެވެ.
"ދެން. ދެން ވެސް ގޮތެއް ކިޔައިބަލަ. މޮޅު ކަމެއް ރާވަބަލަ." ޝާޔާގެ ދެ އަތުގައި ހިފައިލީމެވެ.
"ސެވަން؟" ޝާޔާ ސުވާލު އުފެއްދި އެވެ.
"މޭކަޕް. ވެޑިން." އަހަންނަށް ތުންފަތުގައި ދައިގަނެވުނެވެ. "ޝާ ގުޅައިފަ އަވަސް ކޮށްލާ. ސެވަން މާލަސް."
"ސަޅިއޭ. ސެލޫނަށް ގެންދާނީ؟ އެކަކު ވެސް އެތަނަކަށް ނުދާނެއްނު." ޝާޔާ ހިނިތުންވެލި އެވެ.
ދެމީހުންގެ ސިކުނޑިން ކަންކަން ރާވާލީމެވެ. ފުރަތަމަ ފިޔަވަޅުން ފެށިގެން އެންމެ ފަހު މަރުހަލާއަށެވެ. އަރުހަމުގެ ކިބައިން ސަލާމަތްވާނެ ގޮތަށް ހުރިހާ ކަމެއް ބައްޓަން ކުރީމެވެ. ދައްކަންވީ ވާހަކައަށް ދަންދެން ފަރިތަކުރެވުނެވެ. ގަޑިން ހައެއް ޖެހި އިރަށް އަރުހަމު ގުޅިއެވެ. އޭރު މޭކަޕްކޮށް ނިމުނީ އެވެ. އަހަރުމެން ރޭވި ގޮތަށް ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން ދިޔައީމެވެ.
"އަރޫ. އަހަންނަށް މި ނޫން ގޮތެއް ނެތް. އާދޭސްކޮށްފަ ބުނަން. އަހަރެން މިކަމުން ސަލާމަތް ކޮށްދީ." އަރުހަމުގެ ކޮނޑުގައި ނިތްކުރި ޖައްސާލައިގެން އޮވެ ރޯ ކަމަށް ހެދީމެވެ.
"ދެން! މި ހުރިހާ ކަމެއް މި ގޮތަށް ކޮށްފަ، އަހަރެން ކިހިނެއް ހަދަންވީ؟" އަރުހަމު ދަތްކުނޑި ވިކައިގަތެވެ. "މުހުސިނު ވަގަށް ނަގަންވީތަ؟ އޭނާ ގެއްލުވާލަން ވީތަ؟"
"ނޫން، ނޫން އޭނާއަށް ގޮތެއް ނުހަދާތި؟" އަހަރެން ރޮމުން ގިސްލަމުން ބުނެލީމެވެ.
"ދެން ލަމް ބުނެބަލަ އަހަރެން ކުރަންވީ ކަމެއް؟" އަރުހަމު ދެ އަތަށް ބާރުކޮށްލިއެވެ. "ލަމް ބުނި ކޮންމެ ކަމެއް އަހަންނަށް ކުރެވިދާނެ. އޭނާގެ ވަސް ވެސް ދުއްވާލެވިދާނެ."
"އަހަރެން.. އަހަރެން ކައިވެނި ކޮށްފާނަން. އެކަމަކު އަހަންނަށް އޭނާއަށް އަނތްބެއްގެ މަގާމެއް ނުދެވޭނެ. ކައިވެނި ކުރިޔަސް އަހަރެން... އަހަރެން ހުންނާނީ އަހަރެންގެ ގޮތުގައި. އަރުހަމުގެ މީހެއްގެ ގޮތުގައި." ނޭފަތް ދަމަމުން ގިސްލެވޭގޮތް ދައްކަން ފެށީމެވެ.
"ކިހާ ދުވަހަކަށް؟" އަރުހަމު ހިންދިރުވާލިއެވެ.
"ހަފުތާއެއް."
"އެންމެ ރަނގަޅު. އަހަރެން ކެތް ކުރާނަން. އެކަމަކު އަހަންނަށް އެންމެ ސިކުންތެއް ވެސް ވަނީ އެތައް ގަރުނަކަށް. އެންމެ ދުވަހެއް އެތައް މިލިއަން އަހަރަކަށް." އަރުހަމު ބަލައިލީ ސީދާ އަހަރެން ލޮލަށެވެ.
އޭނާގެ އެ ބެލުމުގައި ޖާޒުބީ ގޮތެއް ހުއްޓެވެ. އަހަންނާ ހަތަރު ކަޅި ހަމަކޮށްލި އެވެ. އޭނާގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަހަންނަށް ފެނުނެވެ. އަރުހަމު މަޑުމަޑުން އަހަންނާ ކައިރިވި އެވެ. އަހަންނަށް ވެސް ހުރެވުނީ އެވެ. އޭނާގެ ހަރަކާތްތަކަށް ބަލާށެވެ. އަރުހަމުގެ ހޫނު ނޭވާ އަހަރެންގެ ނޭފަތަށް އެޅުނެވެ.
"ލަމް." ޝާޔާ ދޮރު ހުޅުވާލި އެވެ.
ސިހިފައި އަހަންނަށް ދުރަށް ޖެހިލެވުނެވެ. އަރުހަމު ވެސް ދުރަށް ޖެހިލި އެވެ. ޝާޔާ ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ. އަރުހަމު ބަލަން ހުރީ ޝާޔާ އަށެވެ.
"ކާރު އަތުވެއްޖެ. ގަޑި ޖެހެނީ؟" ޝާޔާ އިޝާރާތް ކޮށްލީ ބޭރަށެވެ.
"ވަރަށް ލޯބިވޭ،" އަރުހަމު އަހަރެންގެ އަތުން ދޫކޮށްލިއެވެ. "ބިއްލޫރި ހިތަކަށް ވުރެ މަޑު، ފުށްކޮޅަކަށް ވުރެ ހަރު ހިތެއް. އަސަރު ކުރާނީ ހާލުގައި ޖެހުނީމަ."
އަރުހަމު ބަލަން ހުރީއެވެ. އޭނާގެ ޖުމުލަތައް އިވިފައި އަހަންނަށް ހުއްޓެވުނެވެ. ބުނި ވާހަކަތައް ދޭހަ ކުރަން އުނދަގޫވީމަ އެވެ. ފަސް އެނބުރި ބަލައިލެވުނެވެ. އަރުހަމު ހުރީ ފާޑަކަށް ހިނިތުން ވެގެންނެވެ. އަތް އުރައިލައިގެންނެވެ. ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލީގެ އަހުރުގައި އޭނާ ދަތްދޮޅި ޖައްސާލި އެވެ. ޝަހާދަތް އިނގިލިން ދެތިން ހަރަކާތެއް ކޮށްލަމުން އަމިއްލަ ކޮލުގައި ޖައްސާލި އެވެ. އަހަންނަށް ބަލައިލެވުނީ ޝާޔާގެ މޫނަށެވެ. އޭނާ ހުރީ އަހަރެންގެ ހެދުމުގެ ފަސްބައި އަތަށް ބޮނޑިކޮށްލައި ގެންނެވެ.
"އަޅައިނުލާ." ޝާޔާ ވައި އަޑުން ބުނެލިއެވެ. "ސޮރީ."
އަހަރެން ހިނގައި ގަތީމެވެ. ކޮޓަރިން ނުކުންނަމުން ބަލައިލީމެވެ. އޭރު އަރުހަމު ކުރިމަތީގައި ހުރީ މޭކަޕް ކޮށްދޭން އުޅުނު ކުއްޖާ އެވެ.
ކައިވެނީގެ ހުރިހާ ކަމެއް ނިމުނެވެ. ހަނިމޫނު އޮތީ ރޭވިފަ އެވެ. ސިންގަޕޫރެވެ. ދާނެ ތަންތަނާއި އުޅޭނެ ގޮތް ވެސް އޮތީ ރޭވިފަ އެވެ. ފުރަން ހަމަޖެހިފައި އޮތް ރެއެވެ. އަހަރެން އުޅުނީ ފާޚާނާގަ އެވެ. މުހުސިން އުޅުނީ ފޮށި ތައްޔާރު ކުރުމުގަ އެވެ. ކައިވެންޏަށް ސާޅީސް އަށްގަޑިއިރު ހަމަވަނީ އެވެ. ފޯނު ރަނގަބީލުވާ އަޑު އިވުނެވެ.
"ކޮންމެ ވެސް އަރުހަމެއް." މުހުސިން ފާޚާނައިގައި ޓަކި ޖަހައިލަމުން ބުނެލި އެވެ.
"ބާއްވަ ނަގާނެ ކަމެއް ނެތް." އަހަރެން ބާރުބާރަށް ބުނެލީމެވެ.
ދެ ތިން ފަހަރު ފޯނު ރަނގަބީލުވި އަޑު އިވުނެވެ. އެއަށްފަހު ކެނޑުނީ އެވެ. ތުވާލި ބޮލުގައި އޮޅައިލީމެވެ. އަވަސްއަވަސް ކޮށްލައިގެން ފާޚާނާއިން ނިކުތީމެވެ. ލިބުނީ ހައިރާން ކަމެވެ. ފޮއްޓަށް އަޅަން ނެގި ހުރިހާ އެއްޗެއް ހުރީ މުށިގަނޑު މަތީގަ އެވެ. އެތަން މިތަނުގަ އެވެ. މުހުސިން ދެކޮޅަށް ހިނގަނީ އެވެ.
ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ މުހުސިނަށެވެ. އޭނާގެ މޫނަށެވެ. ފެނުނީ މުހުސިންގެ ފަރާތުން ނުފެންނަ މޫނެކެވެ. އޭނާގެ މޫނުވަނީ ރަތްވެފަ އެވެ. ދެ އަތްވަނީ މުއްކަވާލެވިފަ އެވެ. އަހަރެން ފެނުމާއެކު އޭނާ އަހަންނާ ދިމާއަށް އައެވެ. ރުޅި އައިސްފައިވާ ކުއްތާއެއް ފަދައިންނެވެ.
"ކާކު އެއީ؟" މުހުސިން ހިފީ އަހަރެންގެ ބޮލުގައި އޮތް ތުވާލީގަ އެވެ.
"ކާކު؟" އަހަންނަށް ވެސް ބުނެލެވުނެވެ.
ބޮލުގައި އޮތް ތުވާލި މުހުސިނު ދަމައިގަތެވެ. އަހަރެންގެ އިސްތަށިގަނޑު އޭނާގެ އަތަށް އޮޅައިލި އެވެ. އަހަންނަށް ބާރަށް ރޮއިގަނެވުނެވެ. ބޮލުގައި އަތްއަޅައިލެވުނެވެ.
"އެ ގުޅަނީ ކާކުހޭ؟" މުހުސިން އަޑުގައި ރުޅިވެރިކަން އިތުރުވިއެވެ.
"ރައްޓެއްސެއް." އަހަރެން ބިރު ގަންނަން ގޮތްވި އެވެ.
"ކިހާ ވަރެއްގެ؟" އޭނާ އިސްތަށިގަނޑަށް ބާރުކޮށްލި އެވެ.
އަހަންނަށް ރޮއި ގަނެވުނެވެ. ބޮލަށް ތަދުވާ ވަރުން ހަޅޭއްލަވަން ފެށުނެވެ.
"ކިހާވަރެއްގެ މީހެއްހޭ؟" މި ފަހަރު މުހުސިން ހިފީ އަހަރެންގެ ކޮލުގަ އެވެ.
ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލި އަހަރެންގެ ކޯތާފަތް ތެރެއަށް ވަދެގެން ދިޔަ އެވެ. އޭނާ ފިތާލިލެއް ބާރު ކަމުން ތަދުވަން ފެށި އެވެ. އަހަންނަށް ވޭނީ އާޚެއް ލައްވާލެވުނެވެ. ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ. ކޮލުން ދިލަނަގަން ފެށިމުންނެވެ. ދެ ލޮލުން ހޯސް ލާފައި ކަރުނަތައް އޮހިގަތެވެ.
"ރައްޓެއްސެއް ހަމަ." އަހަންނަށް ބުނެވުނީ އެވަރަށެވެ.
އަނގައިން އަޑު ބޭރުވަނީ ވެސް ފާޑަކަށެވެ. މުހުސިން އަނގައިގައި ހިފައިގެން ހުރީމަ އެވެ.
"ކިހާ ވަރެއްހޭ މި އަހަނީ؟" މުހުސިން އަހަރެން ހޫރައިލި އެވެ.
އޭނާ ހޫރައިލި ގޮތުން އަހަރެން ޖެހުނީ އެނދު މައްޗަށެވެ. ވެއްޓުނު ގޮތުން ތުންފަތަށް ދަތްވަނެވެ. ވީތަދުން ރޮއިގަނެވުނެވެ. މަޑުމަޑުން އިސް އުފުލައިލީމެވެ. އަނގައިގައި އަތްޖައްސާލީމެވެ. އަތުގައި ހޭކުނީ ލެޔެވެ.
"އަހަންނަށް އަނިޔާ ނުކޮށް އަނގައިން ކިޔާ އެއްޗެއް ކިޔާ،" އަހަންނަށް ރުޅި އިސްކުރެވުނެވެ. "މުހުސިނަކަސް އަނިޔާއެއް ނުކުރެވޭނެ. ވީގޮތެއް ބުނީމަ އެނގޭނީ."
"މަށަށް އޭރު ވެސް ޝައްކުވި. މިހާރު ޔަގީން ވެއްޖެ." މުހުސިން ހިތްހަމަ ނުޖެހުނެވެ. "އަހަންނަށް ދޭނެ ހަދިޔާއެއް ކަލޭގެ އަތަކު ނެތް. މާ ގާތް ރައްޓެހިން. ގިނަވީމަ ވާނީ ތިހެން. ކޮފީތަކަށް ދުވެ ނަގާ އަންހެނެއް ދުވަހަކު ވެސް ރަނގަޅުވާނެ ތަ؟ އަހަންނަށް ކުރެވުނީ ކުށް ހީއެއް. ކަލޭއަކީ މާތް މީހެއްކަމަށް ވިސްނުނީ އަހަރެންގެ މޮޔަ ކަމުން."
"ކިޔާ އެއްޗެއް ސާފުކޮށް ކިޔައިބަލަ." އަހަރެން ލޭ ކެކިގަތެވެ.
"ސާފުކޮށް މި ބުނަނީ މި ވަގުތުން ފެށިގެން އާމިނަތު ލަމްހާ އިސްމާއީލް ތީ މަގޭ އަނތްބެއް ނޫން." މުހުސިނު ބާރުބާރަށް ބުނެލި އެވެ.
އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ހައިރާންވެ ބަސް ހުއްޓުނެވެ. އެނދުން ތެދުވެ މުހުސިނުގެ މޫނަށް ބަލައިލެވުނެވެ. ލޮލަށް ގިނަވި ކަރުނަތައް ހޯސްލާފައި ފައިބައި ގަތެވެ.
"ސަބަބަކީ؟ އަހަރެން ކޮން ކުށެއް ކުރީ؟ ކޮން ކަމެއް މަދުވީ؟" ގިސްލަމުން ގިސްލަމުން އަހައިލެވުނެވެ.
މުހުސިން ދިއްކޮށްލީ އަހަރެންގެ ފޯނެވެ. އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. އަނގަ ހުޅުވުނެވެ. އެއީ އަހަންނާ އަރުހަމުގެ މަންޒަރުތަކެވެ. އަހަރުމެންގެ ގައިގޯޅި މަންޒަރުތަކެވެ. ރިސޯޓުގައި އުޅުނު ގޮތުގެ ވީޑިއޯ އެވެ.
"ތި... ތި..." އަހަންނަށް ބުނަންވީ ވާހަކަ ދުލާ ހަމައަށް ނުނިކުތެވެ.
"ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް." ފޯނު އަހަންނާ ދިމާއަށް ހޫރައިލިއެވެ.
ފޯނުގެ ބައިތައް އެކި ތަނަށް ބުރައިގެން ދިޔައެވެ. އަހަންނަށް ތިރިވެވުނެވެ. މުށިގަނޑުމަތީގައި ދެ ކަކޫ ޖެއްސުނެވެ.
"ކައިވެނީގެ ތިން ދުވަސްކުރި. އަހަރެން ބޭރަށް ދިޔައީމަ ގަތް ގަނޑު. މާ މާތް މީހަކަށް ވެގެން އަހަރެން ދެކެ ލޯބިވާ ކަމަށް ހެދިގެން. ބުނާނެ އެ އެޑިޓެކޭ. އަމިއްލަ ފޯނުގެ ކެމެރާއިން ވީޑިއޯކޮށްފަ އަމިއްލަ ފޯނުގައި ރައްކާކޮށް ގެންގުޅޭ އެޑިޓެއް." މުހުސިނު ދަތްކުނޑި ވިކައިލިއެވެ.
އަހަންނަށް އިސް ޖަހައިލެވުނެވެ. ބުނާނެ އެއްޗެއް ދައްކާނެ ވާހަކައެއް ނެތެވެ. އެއީ އަހަރެން ގަސްތުގައި ކުރި ކަމެކެވެ. އެކަމަކު މިހެން ވެދާނެ ކަމަކަށް އަހަންނަށް ނުވިސްނެ އެވެ. މުހުސިނަށް އެ ވީޑިއޯ ފެނިދާނެ ކަމަކަށް ކުރިން ނުވިސްނުނެވެ. ލިބުނު މޮޅީގައި ފޮއްޓަށް އެއްޗެހި އަޅައިގެން ގެއިން ނުކުތީމެވެ. ރޮމުން، ގިސްލަމުންނެވެ. މައިންބަފައިންނަށް ދައްކާނެ މޫނަކާ މެދުގައި ސުވާލު އުފެދިގެންނެވެ.
"ޝާޔާ... އަހަންނަށް އެހީވެދީ." ޝާޔާގެ ކޮޓަރީގެ ދޮރު ހުޅުވުމާއެކު އަހަންނަށް އޭނާގެ ގައިގައި ބައްދާ ގަނެވުނެވެ.
އަހަންނަށް ގެއަށްދާނެހާ ހިތްވަރު ނުލިބުމުން ދިޔައީ ޝާޔާގެ ގާތަށެވެ. ރޮމުން ގިސްލަމުން ކަން ވީގޮތް ޝާޔާއަށް ކިޔައިދިނީމެވެ.
"އަހަންނަށް އަރުހަމަށް ގުޅައިލަދީބަލަ." ޝާޔާ ގާތު އާދޭސްކުރަން ފެށުނެވެ.
އެންމެފަހުން ޝާޔާ އެކަން ކުރިއެވެ. އަރުހަމު ބުނި ގަޑިއަށް އަހަންނާއެކު ޝާޔާ ވެސް ރަސްފަންނަށް ދިޔައެވެ. ޝާޔާ ހުރީ އަހަރެންގެ ކަނާއަތް ފަރާތުގަ އެވެ. އަރުހަމު ހުރީ ރަސްފަންނުގެ ނަންބޯޑު ކައިރީގަ އެވެ. އަހަރުމެން ފެނުމުން އޭނާގެ އަތުން އިޝާރާތްކޮށްލި އެވެ. އަހަރުމެން އޭނާއާ ދިމާއަށް ހިނގައިގަތީމެވެ.
އަރުހަމު މިހާރު ފެންނަނީ މާ ތާޒާކޮށެވެ. ކުރިއަށްވުރެ ރީތިހެން ވެސް ހީވި އެވެ. އޭނާގެ ލޮލުގައި އޮތް އަވި އައިނު ބޮލަށް ހެޔޮ ކޮށްލި އެވެ. އަހަންނާ ދިމާ ބަލައިލަމުން ހިނިތުންވެލި އެވެ. އަހަންނަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އަރުހަމާ ދެތިން ފޫޓު ކައިރިއަށް ދެވުމާއެކު އަހަންނަށް ހުއްޓެވުނެވެ. އޭނާ ހިނގައިގަތީމަ އެވެ. އަހަންނަށް ލޯ މަރައިލެވުނެވެ. ހިތައި ހިތުން ޝުކުރު އަދާކޮށްލެވުނެވެ. މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އޭރު އަރުހަމު އަހަރެން ފަސްދީ ދަނީ އެވެ. އަހަންނަށް އެނބުރި ބަލައިލެވެނެވެ. އަރުހަމާ ދިމާއަށެވެ. އަރުހަމު ހުރީ އަންހެން ކުއްޖެއްގެ ކޮނޑަށް އަތްލައިގެން ފިތިބާރު ވެފަ އެވެ.
އަހަންނަށް ބަލައިލެވުނީ ޝާޔާ ކޮބައިތޯ އެވެ. ޝައްކެއް ވެގެންނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަރުހަމާއެކު ދިޔައީ ޝާޔާ އެވެ. އެ ދެމީހުން ތިބި ގޮތުން އަހަންނަށް ޔަގީންކ ުރެވުނެވެ. ދެމީހުންގެ ގުޅުމަކީ ކޮބައިކަން ކަށަވަރުވި އެވެ. އެކަމަކު ޝާޔާއާ މެދު އެތައް ސުވާލެއް އުފެދުނެވެ. އެ ސުވާލުތައް އަހާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބޭނެ އެވެ.
ދެލޮލުން ކަރުނަތައް އޮހިގަތެވެ. ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. ގިސްލަމުން ގިސްލަމުންނެވެ. ބޮލުގައި އަތް އަޅައިލެވުނެވެ. މޫނަށް އަނދިރިވާ ގޮތްވުމުންނެވެ. ދެން ވީނުވީއެއް ނޭނގުނެވެ.
ލޯހުޅުވާލެވުނު އިރު އޮތީ ހޮސްޕިޓަލުގައެވެ. ގާތުގައި މަންމަ އިނެވެ. މަންމަ އެތައް ސުވާލެއް ކުރިއެވެ. އަހަންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މަންމައާ ހަތަރުކަޅި ހަމަކޮށްލާނެހާ ހިތްވަރު ވެސް ނުލިބުނީ އެވެ. އަހަންނަށް ހުރިހާ އެއްޗެއް ގެއްލުނީ އެވެ. އެންމެ ލޯބިވި މީހާ އެވެ. ގާތް ރަހުމަތްތެރިޔާ އެވެ. މިއީ އަހަރެން އަމިއްލައަށް ބުއި ބޮނޑިއެކެވެ. ރައްޓެހިންގެ އަވާގައި ޖެހުމުގެ ނަތީޖާ އެވެ. ބާޖުމަރައިގެން ލިބުނު މޮޅެއް ނެތެވެ. ލިބުނީ ލަނޑެވެ. ކޮޅުކެއްސެވެ. ދެންއޮތީ ކެތްކޮށްލައިގެން މި ހަގީގަތާ ކުރިމަތިލުމެވެ. މިއީ ހަގީގަތްކަން ހިތާއި ސިކުނޑިން ގަބޫލުކުރުމެވެ. (ނިމުނީ)