ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އިރާނުގެ އެންޖެލީނާ ޖޮލީއަށް ޖަލުގައި ހުއްޓާ ކޮވިޑް-19 ޖެހިއްޖެ

އިރާނުގެ އިންސްޓަގްރާމް ތަރި ފާތިމާ ކިޝްވަންދް އަކީ "ޒޮމްބީ އެންޖެލީނާ ޖޮލީ" ގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހެކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް އޭނާ އެނގެނީ ސެހެރް ތާބަރްގެ ނަމުންނެވެ. އިރާނު ޖަލެއްގައި މިހާރު ހުރި ފާތިމާއަށް ވެސް ކޮވިޑް-19 ޖެހިފައިވާ ކަމަށް އިރާނުގެ ނޫހަކުން ވަނީ ބުނެފަ އެވެ.

ސެހެރް މިހާރު އޮތީ ވެންޓިލޭޓާ ސަޕޯޓްގައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ސެހެރް ޖަލަށް ލީ ސޯޝަލް މީޑިއާގެ އެކްޓިވިޓީތައް ކޮންޓްރޯލްކޮށް އިންސްޓަގްރާމްގައި މަޝްހޫރުކަން ހޯދާފައިވާ އިރާނުގެ މީހުންނަށް އެ ގައުމުގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކޮށްފަ އެވެ.

ނިއުޔޯކް ޕޯސްޓްގައިވާ ޚަބަރެއް ބުނާ ގޮތުން އިރާނުގެ ޖަލުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން އޭނާ ޖަލުން މިނިވަން ކޮށްދިނުމަށް އެދި ސެހެރް ގާނޫނީ ވަކީލު ވަނީ ކޯޓުގައި އެދިފަ އެވެ. އޭނާގެ މައްސަލައިގެ އަޑުއެހުންތައް ނުނިމި އޮތުމާއެކު އޭނާގެ ކުށް ސާބިތުވެފައި ނުވި ނަމަވެސް ކޯޓުން އޭނާ ޖަލުން މިނިވަން ކޮށްދޭން އެއްބަސް ނުވީ ކަމަށް ސެހެރްގެ ގާނޫނީ ވަކީލް ތަސްނީމް ބުނެފައި ވެއެވެ.

އަދި ސެހެރްގެ ގާނޫނީ ވަކީލު ވަނީ އެކަމާ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނީ ޖަލުގައި ކޮރޯނާވައިރަސް އުޅޭކަން އެނގުމުން ވެސް ސެހެރް ދޫކޮށްލަން އެއްބަސްނުވެ އޮއްވާ އޭނާއަށް ބަލިޖެހި ހާލު ބޮޑުވެފައިވާ ކަމަށެވެ.

އީރާން ސަރުކާރުން ސެހެރް ހައްޔަރުކުރީ ކޮސްމެޓިކް ސާޖަރީ ތަކެއް ހަދައި އޭނާގެ ސިފަޔަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ދީނަށް ފުރައްސާރަ ކުރުމާއި، ހަމަނުޖެހުން ހިންގުމަށް ފުރުސަތު ދިނުން، ޒުވާނުންނަށް ކޮރަޕްޝަނަށް ހިތްވަރުލިބޭ ކަހަލަ އަމަލުތައް ކުރުން، އަދި ބޭއަދަބީ ކަންކަމުން އާމްދަނީ ހޯދުން ފަދަ ކަންކަން ހިމެނެ އެވެ.

ސެހެރް ހައްޔަރުކޮށް ދައުވާ ކުރީ ތެހެރާންގެ ގައިޑެންސް ކޯޓުންނެވެ. މިއީ "ކަލްޗަރަލް ކްރައިމްސް އާއި ސޯޝަލް އަދި މޯރަލް ކޮރަޕްޝަން"ގެ ކަންކަން ބަލާ ކޯޓެވެ.

އިންސްޓަގްރާމްގައި ސެހެރް މަޝްހޫރުވީ މިދިޔަ އަހަރު ތެރޭގައި އޭނާ ޕޯސްޓްކުރި ފޮޓޯތަކާއި ވީޑިއޯތަކެއްގެ ސަބަބުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އޭނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީ ހަދައިގެން އެ މޫނަށް އަންނަމުން ދިޔަ ބަދަލު ތަކެވެ. އޭނާ ފޮލޯކުރާ 26،800 މީހުންނާ ޝެއާ ކުރި މީގެން ގިނަ ފޮޓޯތައް ހުރީ ވަރަށް ބޮޑަށް އެޑިޓް ކޮށްފަ އެވެ. އަދި މި ފޮޓޯތަކުން ފެންނަނީ ހޮލީވުޑް މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ އާ ވައްތަރު ވާންވެގެން އޭނާ ކޮށްފައިވާ މަސައްކަތްތަކެވެ.

ބައެއް ފޮޓޯ ހުރީ ވަރަށް ބިރުވެރި ޒޮމްބީއެއް ގޮތަށް ތުންފަތް ބޮޑުކޮށް ނޭފަތް އޫކޮށެވެ. އަނެއްބައި ފޮޓޯތަކުގައި އީރާނު މީހުން އާންމުކޮށް އަޅާ ގޮތަށް ބުރުގާ އަޅައިގެން ހުއްޓަ އެވެ. އަދި ނޭފަތުގައި ހުދުކުލައިގެ ބެންޑޭޖެއް ތަތްކޮށްފައި ހުއްޓެވެ. އީރާނަކީ މެދު އިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކޮރޯނާވައިރަސް ފެތުރެމުންދާ ގައުމެވެ. އެ ގައުމުގައި މިބަލި ޖެހިފައިވާ 80،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.