ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ވެސް ކޮވިޑް-19 އިގެ ބަލިމަޑުކަން ބާރަށް ފެތުރެމުން ދާތީ ސަރަހައްދު މިވަނީ ލޮކްޑައުން ކޮށްފަ އެވެ. ދިވެހިންގެ ގިނަ ބަޔަކު އުޅޭ މި ސަރަހައްދު ލޮކްޑައުންކޮށް ގޭތެރޭގައި އެންމެން ތިބެން ޖެހުމުންނާއެކު ގިނަ ބައެއްގެ ކަމަކީ ސޯޝަލް މީޑިއާގެ ތެރޭގައި އުޅުމެވެ.
ސޯޝަލް މިޑިއާއިން ގިނައިން ފެންނަނީ ވިޔަފާރި ކުރަން ބޭރަށް ނުދެވޭތީ، ގެއަށް ގެންނަން އޯޑަރު ކުރާ މުދާ އައުން ލަސްވާތީ މީހުން ކުރާ ޝަކުވާގެ ޕޯސްޓްތަކެވެ. ގުޅި އަދަދާއި ފޯނު ނުނެގި އަދަދާއި ޖަވާބު ދެވުނު، އަދަދާއި ޑެލިވަރީ އާދޭތޯ އިންތިޒާރު ކުރަން ޖެހުނު ދިގު މިން ވެސް ލިޔެފައި ހުރެ އެވެ.
މުދާ ގެއާ ހަމައަށް ދިއުން ލަސްވެ އެއް ބަޔަކު ހަމަ ހިތްހަމަނުޖެހި ޝަކުވާ ކުރަނީ އެވެ. އަނެއް ބަޔަކު ކެތްތެރި ވާން ނަސޭހަތްތެރި ވަނީ އެވެ. މި ހާލަތުގައި ކުރަން ޖެހިފައިވާ ބައެއް ތަޖުރިބާތަކާއި ދިމާވާ ބައެއް ހާދިސާތައް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ލިޔަމުންނެވެ.
އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ފޭސްބުކް ޕޯސްޓެކެވެ؛ އިއްޔެ ހެނދުނު އޯޑަރު ކުރި މުދާ ގެއަށް އައީ ރޭގަނޑު ދަންވި ފަހުންނެވެ. މުދާ އައުން ލަސްވިޔަސް ދެރަވީ މުޅިން އެހެން ކަމަކާ ކަމަށް ޕޯސްޓް ކުރި އަންހެން މިހާ ލިޔެފައި ވެ އެވެ. އޭނާ ދެރަވީ މުދާ ހިފައިގެން ދިޔަ ބިދޭސީ މީހާގެ ހާލަތު ފެނިފަ އެވެ. ވަރުބަލިވެ މާ ނޭވާ ލަމުން ދިޔަ ބިދޭސީ މީހާއާ އޭނާ އިހުތިރާމުކޮށް ވާހަކަ ދެއްކުމުން އެ މީހާ ރޯން ފެށީ އެވެ.
"... އިއްޔެ އޯޑަރު ކުރި އެއްޗެއް ލިބުނީ ރޭގައި 12 ޖެހި ފަހުން، އެކަމު ވެސް އެއްވެސް ޝަކުވާއެއް ނުކުރަން. އެކަމު ދެރަވި އޭނާ ހުރި ގޮތް ފެނިފަ ވެސް. ބޭރު މީހަކު އައީ ޑެލިވާ ކުރަން ޖެހޭ މުދާ ހިފައިގެން. އަހަރެން އޭނާާ ކައިރީ ބަލައިގެން އުޅެއްޗޭ އެއްވެސް މީހެއްގެ އަތަށް ކޮތަޅު ނުދީ ކޮންމެ ގެއެއްގެ މީހުން ނުކުތީމަ ދޮރު ކައިރީ ބަހައްޓާށެ ބުނީމަ ހުރީ ހަމަ ރޮވެން ކައިރިވެފައި." އަންހެން މީހާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައިވެ އެވެ.
ބިދޭސީ މީހާގެ ވާހަކަތައް ވެސް އެ އަންހެން މީހާއާ ހިއްސާ ކޮށްދިނެވެ. ލޮކްޑައުން ކޮށްފައި އޮތުމުން ގޭގެއަށް މުދާ ޑެލިވާ ކޮށްދޭން ހެނދުނުން ފަށައިގެން ރޭގަނޑު ދަންވަން ދެން އުޅުން ޖެހެނީ އެ މަސައްކަތުގަ އެވެ. ހުޅުމާލޭގެ ގެތަކަށް ޑެލިވާ ކޮށް ދެމުން ދިޔަ އިރު ބައެއް ގެތަކުގައި ޖެހެނީ ވެސް ސިޑިއަން އަރައި ފާބައި އުޅޭށެވެ. އެކަމަކު އެތައް ގެއެއްގެ ދޮރު ކައިރިން އޭނާ އަޑު އަހަން ޖެހުނީ ޑެލިވަރީ ލަސްވެގެން މީހުން އޭނާއަށް ބޭއަދަބީކޮށް ގޮވި ހަޅޭކުގެ އަޑެވެ.
"ބޭރު މީހާ ބުނި، ދައްތާއޭ، އަހަރެމެން ހެނދުނު ދާ ގޮތަށް މި މުޅި ހުޅުމާލެ މި އުޅެނީ ދަން ވަން ދެން ބައިވަރު އޯޑަރު ހުރެއޭ ސިޑިން އަރަން ޖެހެއޭ... އެކަމަކު މީހުން ހަޅޭއް ލަވަނީއޭ... އޮޅިގެން އެއްޗެއް ނުލެވި އޮތަސް... ބައިވަރު އޯޑަރު ހުރުމުން އެހެން ވެސް ވާނެ. ނޫންހޭ... ބައެއް މީހުން ހަޑި އެއްޗެހި ގޮވައި ގައިން ނުބައި ވަސް ދުވައޭ ކިޔައޭ.. އަދި ބަލި ހިފައިގެންނޭ އައީ ވެސް ބުނެޔޭ.."
މިއީ މުޅި ދުވަހު މަސައްކަތް ކޮށްގެން އަހަރެމެން ބޭނުންވާ ޒަރޫރީ ތަކެތި ހިފައިގެން ޑެލިވާ ކޮށްދިނުމުގައި ބުރަކޮށް އުޅޭ މީހުނެވެ. ބިދޭސީންނަށް ވިޔަސް އެ ކޮށްދެނީ އަހަރެމެން ދިވެހިންނަށް ވަރަށް ބޮޑު ހިދުމަތެކެވެ. އެފަދަ ގޮތަކަށް އެ މީހުންނާ މެދު އަމަލު ކުރަން ވާނެ ހެއްޔެވެ؟ މި ހާލަތުގައި އެ މީހާއަށް ވެސް އުޅެން ޖެހިފައި އޮތީ ވަކި ފަސޭހަ ދިރިއުޅުމެއް ހެއްޔެވެ؟
ބުނެލަން އޮތީ އަންހެން މީހާގެ ޕޯސްޓް ވެސް ނިންމާލަމުން ބުނެފައިވާ ވާހަކަތަކެވެ. ހެޔޮ ނުވާނެ އެވެ. އެހާ ވެސް ރަހުމު ކުޑަކޮށް އެ މީހުނާ މެދު މުއާމަލާތް ނުކުރާށެވެ. އެއީ ވެސް އަހަރެމެން ގޮތަށް ތިބި އިންސާނުންނެވެ. އެމްއެންޑީއެފް، ފުލުހުން، ޑޮކްޓަރުން، ނަރުހުން ވަމުންދާ ގޮތަށް ގުރުބާނީއާ އެ މީހުން ވެސް މުޅި ދުވަސް ގުރުބާން ކޮށްލަނީ އެވެ.. ގެއަށް މުދާ ހިފައިގެން އަންނަ ބިދޭސީ މީހާއަށް ވެސް ޝުކުރު އަދާ ކުރަން ހިނގާށެވެ.