ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިން: ހަ ހަފުތާ ފަހުން ކުދިން ބޭރަށް ނުކުމެލަން ހުއްދަ ދެނީ

Apr 19, 2020

މެޑްރިޑް (އޭޕްރީލް 19) - ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު، މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ސްޕެއިންގެ ކުޑަކުދިންތައް ތިބީ ގޭބަންދުވެފަ އެވެ.

ނަމަވެސް، މިމަހުގެ 27 ވަނަ ދުވަހު އެ ފިޔަވަޅު ލުއިކޮށް، "ސާފުވައި" ކޮޅެއް ހޯދައިލަން، ކުޑަކުދިންނަށް ބޭރަށް ނުކުމެލުމުގެ ފުރުސަތު ދެއްވަން ނިންމާފައިވާކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ސްޕެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 200،000 އަށް ވުރެ މައްޗަށަ އަރާފައިވާއިރު، އޭގެ ތެރެއިން 20،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނަމަވެސް، ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ސަންޗޭޒް ވިދާޅުވީ ބަލާއާފާތުގެ އެންމެ ގޯސް ދަނޑިވަޅުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ. އެހެނަސް، ސްޕެއިންގައި އޮތް ކުއްލި ހާލަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ނިންމާފައިވަނީ، އަވަސް އަރުވައިލައިގެން މާ ގިނަ ފިޔަވަޅުތަކެއް އެއް ފަހަރާ އަޅައިފިނަމަ، އެކަމުން ހިތި ނަތީޖާތަކެއް ނުކުމެދާނެތީކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ދުވާލަކު މަރުވާ މީހުންގެ އަދަދު މަޑުޖެހެމުން އަންނަ އިރު، ސްޕެއިންގައި އެޅި ހަރުކަށި ފިޔަވަޅުތައް މިހާރު ވަނީ ލުއިކުރަން ފަށައިފަ އެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން ކޮންސްޓްރަކްޝަނާއި އުފެއްދުންތެރި ބައެއް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި އެ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން، އާއްމުންވެސް ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަވެސް ދީފައިވެ އެވެ.

ނަމަވެސް، ސްޕެއިންގައި އުޅޭ ގާތްގަނޑަކަށް އަށް މިލިއަން ކުޑަކުދިން ވަނީ އެކަމުން އިސްތިސްނާކޮށްފަ އެވެ. އެ ކުދިން ގޭބަންދުގައި ތިބޭތާ މިހާރު ވެސް މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ކުދީންގެ ނަފްސާނީ ހާލަތާ ގުޅިގެން ކުޑަކުދިންނާގުޅޭ ބައެއް ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖަރުމަނު، ޑެންމާކް އަދި ނޯވޭ ފަދަ ޔޫރަޕުގެ ގައުމުތަކުގައި ސްކޫލްތައް އަލުން ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، އެ ގައުމުތަކަށްވުރެ ސްޕެއިނަށް ކޮވިޑް-19 އިގެ ސަބަބުން ކޮށްފައިވާ އަސަރު ބޮޑުކަމަށް ސަންޗޭޒްވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، އޭޕްރީލް 27 އިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކުޑަކުދިން ބޭރަށް ނުކުމެލާ އުޅުމުގެ ހުއްދަ ދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ކުދީންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަކަށް، އެކަން ކުރިއަށްދާނެ އިންތިޒާމުތަކާއި އުސޫލުތައް އެކުލަވާލެވެމުންދާކަމަށް ވިދާޅުވެފައިވެ އެވެ.