ކުޅިވަރު

ޓޮޓީ އާއި ރޯމާގެ ރައީސްއާ ދެމެދު ހަނގުރާމައެއް

އޭއެސް ރޯމާގެ ރައީސް ކަމުގައި، ޖޭމްސް ޕަލޯޓާ ހުންނެވިހާ ހިނދަކު، ކުލަބުގެ ޓްރެއިނިން ސެންޓަރަށް ނުވަންނާނެ ކަމަށް ކުލަބުގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ ބުނެފި އެވެ.

ރޯމާ އައިކޮން، ޓޮޓީ ރިޓަޔާ ކުރީ މެއި 2017 ގަ އެވެ. އޭނާ ވަނީ އެ ކުލަބަށް، 786 މެޗު ކުޅެ 307 ގޯލް ޖަހާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ރޯމާގެ ބޯޑުގެ ޑައިރެކްޓަރެއްގެ މަގާމު އަދާ ކޮށްފަ އެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ވަނީ، ރޯމާ އާއެކު 30 އަހަރު ވަންދެން އޮތް ގުޅުން މިދިޔަ އަހަރު ޖޫން މަހު ނިމުމަކަށް ގެނެސްފަ އެވެ. ކުލަބުގެ ނިންމުންތައް ނިންމުމުގައި އޭނާގެ ބަހަށް ޕަލޯޓާ ކަމޭ ނުހިތާ ކަމަށް ބުނެ، ޓޮޓީ ވަނީ ކުލަބުގެ ޑައިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފަ އެވެ.

ޓޮޓީ ބުނީ، ރޯމާގެ ކަންކަމުގައި އޭނާ އަލުން އެނބުރި އަންނާނީ އާ ލީޑާޝިޕެއް އައި ދުވަހަކުން ކަމަށެވެ. ޓޯޓީގެ ދަރިފުޅު ކްރިސްޓިއަން ކުޅެނީ ރޯމާގެ 15 އަހަރުން ދަށުގެ ޓީމަށެވެ. ދަރިފުޅުގެ މެޗުތައް ބަލަން ސީދާ، އޭނާ މިހާރު ރޯމާގެ ޓްރޭނިން ސެންޓަރަށް ވެސް ނުވަންނަ ކަމަށް ވެސް ޓޮޓީ ބުންޏެވެ.

"ކުލަބުގައި އެ ހާލަތު އޮތްހާ ހިނދަކު އަހަންނެއް ފައިވެސް ނުލާނަން ކުލަބުގެ އެތެރެއަކަށް،" އިންސްޓަގްރާމްގައި އިޓަލީގެ ކުރީގެ ސްޓައިކަރު އަދި ވެރޯނާގެ މިހާރުގެ ސްޕޯޓިން ޑައިރެކްޓާ ލުކަ ޓޯނީ އާ ކުރި ލައިވް ޗެޓްގައި ޓޮޓީ ބުނެފައި ވެއެވެ. "ކޮންމެ ފަހަރަކުވެސް [ދަރިފުޅު] ކްރިސްޓިއަން ޓްރޭނިންއަށް ގެންގޮސް އަހަރެން ހުންނަނީ ބޭރުގައި މަޑުކޮށްގެން، ނުވަތަ ކާރުގައި އިނދެގެން އަހަރެން ވިސްނަނީ 30 އަހަރު އަހަރެން ހޭދަ ކުރި ކުލަބުގެ މިހާރުގެ ހާލަތާ މެދު."

ޗެޓްގައި ޓޮޓީ، ބުނީ 2017 ވަނަ އަހަރު އޭނާ ހުރީ ކުޅުން ހުއްޓާލަން ނޫން ކަމަށާއި އެހެންނަމަވެސް ރިޓާޔާ ކުރަން އޭނާއަށް މަޖުބޫރު ކުރުވީ ކަމަށެވެ.

"އަހަރެން ހުރީ ކުޅުން ހުއްޓާލަން ބޭނުންވެގެން ނޫން، އަހަރެން ހުރީ ފިޒިކަލީ ވެސް ރަނގަޅު ފިޓްނަސްގައި، ދެން ކީއްވެ އަހަރެން ހުއްޓާލަންވީ، އަހަރެން މި ބުނަނީ އަބަދު ކުޅެން ހުންނާނެއެކޭ ނޫން، ނަމަވެސް އަހަރެން ރިޓާޔާ ކުރި އިރު އަސްލު ކުޅުން ހުއްޓާލަން ޖެހޭ ހިސާބަކަށް ނުދެޔޭ، ޓޮޓީ ބުންޏެވެ.

"އަހަންނަށް ކުޅެވޭނެ، ބޭނުން ނަމަ އެހެން ކުލަބަކަށް ގޮސްވެސް ކުޅެވުނީސް ނަމަވެސް އަހަރެން ބޭނުން ނުވީ ރޯމާ ނޫން ކުލަބަކަށް ކުޅެން."