ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުތުރުގެ ހަ ރަށެއް ލޮކްޑައުންކޮށްފި

Apr 19, 2020

ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރު ކުރާ ބޯޓެއްގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ހުރުމުން ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ދަތުރުކޮށްފައި ވަނީ "ކާވިއާ" ނަމަކަށް ކިޔާ ބޯޓެއްގަ އެވެ. އެ މީހާއަކީ މާލެއިން އުލިގަމަށް ދަތުރު ކުރި މީހެކެވެ. އަދި އެ ބޯޓަކީ އުލިގަމުގެ އިތުރުން ވައިކަރަދޫ، ހިރިމަރަދޫ، ނޮޅިވަރަންފަރު އިހަވަންދޫ އަދި ތަކަންދޫއަށް ވެސް ދަތުރު ކުރާ ބޯޓެކެވެ.

އެ ބޯޓުން ދަތުރު ކުރި މީހުން އެ ހަ ރަށަށް ވެސް ފާބައިފައިވާތީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެންނަން އެޗްޕީއޭ އިން އަންގާފައިވާ ކަމަށް ރަށު ކައުންސިލްތަކުން މައުލޫމާތު ދެއެވެ. އެކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިވަގުތު މުޅި ރާއްޖެ ވަނީ ލޮކްޑައުންއަކަށް ގެނެސްފަ އެވެ. އެގޮތުންޒަރޫރީ ބޭނުމެއްގައި މެނުވީ ގެއުން ނުނިކުތުމަށް މާލެ ފިޔަވާ އެހެން ރަށްރަށަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. އެހެން ނަމަވެސް މާލޭގައި ވަނީ 14 ދުވަހަށް ކާފިއު ހިންގައިފަ އެވެ.

މާލެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 51 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބިދޭސީންނާއި މާބަނޑު އަންހެނުން އަދި ކުޑަކުދިން ވެސް ހިމެނެ އެވެ.