ކުޅިވަރު

ލަލީގާގެ ކުޅުންތެރި ތިން ފަހަރަށް ޓެސްޓް ހަދަނީ

އަލުން ސީޒަން ފެށުމުގެ ކުރިން، ލަލީގާގައި ކުޅޭ ކޮންމެ ކުޅުންތެރިޔަކު ތިން ފަހަރު ޓެސްޓް ހަދަން ނިންމައިފި އެވެ.

ސްޕެއިންގައި ކޮވިޑް-19 ގެ ބިރުވެރި ކަމަށް އަދިވެސް މަޑު ޖެހުމެއް އައިސްފައެއް ނުވެ އެވެ. ޓީމުތައް ޕްރެކްޓިސް ކުރުން ސްޕެއިންގެ ސިއްހީ އިދާރާއިން ވަނީ ހުއްޓުވާފަ އެވެ.

ޔޫރަޕްގެ ގިނަ ފުޓްބޯޅަ ލީގްތަކުން މަސައްކަތް ކުރަމުން ދަނީ، މެއި މަހު ފަހު ކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅު ސީޒަން އަލުން ފެށޭނެ ކަމަށެވެ. ސީޒަނަށް ނުކުތުމުގެ ކުރިން ލަލީގާގެ ކުޅުންތެރިން ތިން ފަހަރު ޓެސްޓް ކުރުމަކީ އެ ލީގްގެ ރައީސް ހާވިއާ ޓެބަސްގެ ހިޔާލެކެވެ. ސްޕެއިންގެ ސިއްހީ އިދާރާގެ އޮފިޝަލުންވެސް ވަނީ ރައްކާތެރި ކަން ކަށަވަރު ކުރުމަށް ތިން ފަހަރު ޓެސްޓް ހެދުމަށް ބާރު އަޅާފަ އެވެ.

ފުރަތަމަ ޓެސްޓް ހައްދަން ޖެހޭނީ، ކޮންމެ ކުޅުންތެރިޔަކުވެސް އިންޑަވިޖުއަލް ޕްރެކްޓިހަށް ނުކުތުމުގެ ދެ ދުވަސް ކުރިންނެވެ. އެ ދެ ދުވަހަށް ފަހު ޕްރެކްޓިސް ކުރިއަށް ދާނީ އިންޑަވިޖުއަލް ކޮށެވެ. ދެ ވަނަ ޓެސްޓަކީ ގުރޫޕް ޓްރެއިންތައް ފަށަންވާއިރަށް ހައްދާ ޓެސްޓެވެ. އެންމެ ފަހު ޓެސްޓް ކުރާނީ ސީޒަން އަލުން ފެށުމުގެ ކުރިންނެވެ. ހަދާ ތިން ޓެސްޓަކީވެސް ތަފާތު ތިން ކެޓަގަރީގެ ޓެސްޓްތަކެވެ.

ބައެއް ކުލަބުތަކުގެ ކުޅުންތެރިންގެ ގައިން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން ލަލީގާއިން ވަނީ، ލީގްގައި ކުޅޭ ހުރިހާ ކުލަބެއްގެ ކުޅުންތެރިން ޓެސްޓް ކުރުމަށް ހިޔާލު ހުށަހަޅާފަ އެވެ. އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފޯވަޑް ރޮނާލްޑޯގެ ޗެއާމަންޝިޕް އޮންނަ ކުލަބު ރެއާލް ވަޔަޑޮލިޑުންނެވެ.

އެ ކުލަބުން އޭރު ބުނީ، ޓެސްޓް ކިޓްގެ ބޭނުން މާބޮޑަށް ޖެހިފައިވާ ތިބި އާންމުން އެބަތިބި ކަމަށާއި ފުރަތަމަ ބޭނުން ޖެހިފައިވާ މީހުންނަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

ސްޕެއިގެ ހާލަތަކަށް ބަދަލެއް ނާންނާތީ، ލަލީގާ ކެންސަލް ކުރަން އުޅޭ ވާހަކަވެސް މިޑީއާތަކުގައި ދަނީ ދައުރު ވަމުންނެވެ.