ވިޔަފާރި

ޑޮލަރު އޭޓީއެމްއަކާއެކު ބީއެމްއެލްގެ އައިއެންއައިއޭ ބްރާންޗް އަލުން ހުޅުވައިފި

Sep 14, 2015

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗު މަރާމާތަށްފަހު ޑޮލަރު އޭޓީއެމްއަކާ އެކު އަލުން ހުޅުވައިފި އެވެ.

މިރޭ އެއާޕޯޓްގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އެ ބްރާންޗް އަލުން ހުޅުއްވައިދެއްވީ އެ ބޭންކުގެ ސީއީއޯ، އެންޑްރޫ ހީލީ އެވެ.

އެ ރަސްމިއްޔާތުގައި ހީލީ ވިދާޅުވީ އައިއެންއައިއޭގައި ގާއިމް ކުރި ބްރާންޗުގައި ސެލްފް ސާވިސް ބޭންކިން ތިން އޭޓީއެމް ހުންނާނެ ކަމަށާއި އޭގެ ތެރެއިން އެއް އޭޓީއެމް އަކީ ޑޮލަރުގެ މުއާމަލާތް ކުރެވޭ އޭޓީއެމް އެއް ކަމަށެވެ.

އެއާޕޯޓްގައި ގާއިމް ކުރި ޑޮލަރު އޭޓީއެމް އަކީ ރާއްޖޭގައި ގާއިމް ކުރެވުނު އެފަދަ ތިން ވަނަ އޭޓީއެމް އެވެ. ޖުމްލަ ތިން އޭޓީއެމްއާ އެކި މިރޭ ހުޅުވި އެ ބްރާންޗަކީ މާލެ ސަރަހައްދުގައި ހުޅުވި އަށް ވަނަ ސެލްގް ސާވިސް ބޭންކިން ހިދުމަތް ދޭ ޔުނިޓެވެ.

"އެއާޕޯޓު ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު އަޅުގަނޑު ދެކޭ ގޮތުގައި އެއާޕޯޓުގައި މިފަދަ ހިދުމަތްތަކަކާ އެކު ބޭންކުގެ ބްރާންޗެއް ގާއިމް ކުރެވުމަކީ ހަމަ ގައިމުވެސް އެ މަޝްރޫއުތަކަށް ދިރުން ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ގާތުން، އެންމެ ފަސޭހަ ގޮތަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް ދޭން،" ހީލީ ވިދާޅުވިއެވެ.

ހީލީ ވިދާޅުވި ގޮތުގައި މާލޭގައި ހުންނަ ޑޮލަރު އޭޓީއެމްތަކުންވެސް މަހެއްގެ މައްޗަށް 40،000 އަށް ވުރެ ގިނަ ޓްރާންސެކްޝަންސް ޕްރޮސެސް ވެއެވެ. އެހެން ކަމުން ރާއްޖެއަށް ފަތުރުވެރިން އެތެރެވާ މައި ދޮރާށްޓަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުކަމަށްވުމުން އެތަނުގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ އެ ބޭންކުގެ ކަސްޓަމަރުންނަށް ބޮޑުތަން ފަސޭހަވެގެންދާނެ ކަމެއް ކަމަށްވެސް ހީލީ ވިދާޅުވިއެވެ.