ލައިފްސްޓައިލް

ކިލޯ މީޓަރަކަށްވުރެ ދުރަށް ކޮނޑުމަތީގައި ބައްޕަ އުފުލައިފި

އިންޑިޔާގެ ކެރެލާގެ މީހަކު އޭނާގެ 65 އަހަރުވީ ބައްޕަ އުރައިގެން އެއް ކިލޯ މީޓަރަށް ވުރެ ދުރަށް ހިނގާ މަންޒަރު މިހާރު ސޯޝަލް މީޑިއާގައި ވަރަލް ވެފައި ވެއެވެ.

އެމީހާގެ ބައްޕަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވާފައި އޮންނަތާ ގިނަ ދުވަސް ތަކަކަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ގޮވައިގެން ގެއަށް ދިއުމަށް އޮޓޯރިކްޝާއެއްގައި ދަނިކޮށް ފުލުހުން ހުއްޓުވައި ރިކްޝާގައި ދަތުރު ކުރިޔަ ނުދިނީ އެވެ. އެހެންވެ އެހެން އެއްވެސް ގޮތެއް ނެތިގެން އެ މިހާ ބައްޕަ އުރައިގެން މަގުމަތީގައި ހިނގާފައިދާ މަންޒަރު މި ވީޑިއޯގައި ފެނެ އެވެ. އޭނާގެ ކައިރީގައި ހުރެގެން ދުވަސްވީ އަންހެނަކު ހޮސްޕިޓަލުގެ ޑޮކިއުމަންޓްތަކާއި އެހެނިހެން ވެސް ތަކެތި ހިފައިގެން ހިނގާފައިދާ މަންޒަރު މި ވީޑިއޯއިން ފެނެ އެވެ.

ކޯލަމް ޑިސްޓްރިކްޓްގެ ޕުނަލޫރް ޓައުނުގައި ހިނގި މި ހާދިސާގެ ވާހަކަ ކިޔައިދެމުން އެ ފިރިހެންމީހާ އިންޑިޔާގެ ނޫހަކަށް ބުނެފައިވަނީ ހޮސްޕިޓަލުގެ ޑޮކިއުމަންޓްތައް ދެއްކުމުން ވެސް އޮޓޯރިކްޝާގައި ބައްޕަ ގޮވައިގެން ގެޔަށް ދިއުމުގެ ހުއްދަ މަގުމަތީގައި ތިބި ފުލުހުން ނުދިނީ އެވެ. އެހެންވެ އެއް ކިލޯ މީޓަރަށް ވުރެ ދިގު ރާސްތާއެއް އޭނާ ކަޑައްތު ކުރަން ޖެހުނީ ބައްޕަ ކޮނޑުގައި އުފުލައިގެންނެވެ.

މި ވީޑިއޯ ވައިރަލް ވުމުން ކެރަލާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މިކަމާ ވަރަށް ހިތްހަމަނުޖެހިގެން ބަޔާނެއް ނެރިފަ އެވެ. އަދި މިއީ ޚާއްސަ ހާލަތެއް ކަމަށާއި މިފަދަ ހާލަތެއްގައި ވެހިކަލް ދަތުރު ކުރުމުގެ ހުއްދަ ލިބެން ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އިންޑިޔާގެ ހުރިހާ ހިސާބެއް ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައިވާއިރު ފުލުހުންނާއި މެޑިކަލް ޓީމުތައް ދަތުރުކުރާ އުޅަނދުތައް ނޫނީ ދުއްވުން އެ ގައުމުގައި ވަނީ މުޅިން މަނާ ކޮށްފަ އެވެ.

މި މީހާ ބުނާ ވާހަކަ އާއި ކެރަލާ ފުލުހުން ބުނާ ވާޙަކަ ތަފާތެވެ. ފުލުހުން ބުނަނީ އެ މީހުން ވެހިކަލް ހުއްޓުވިއިރު އޭގައި ބަލިމީހާ ނެތް ކަމަށެވެ. އަދި ޑްރައިވަރު އަތުގައި އެކަށީގެންވާ ޑޮކިއުމަންޓްތައް ވެސް ނެތް ކަމަށެވެ.

އެމީހާ ވެހިކަލުން ފައިބައިގެން ގޮސް ހޮސްޕިޓަލަށް ވަދެ ބައްޕަ ކޮނޑުމައްޗަށް ލައިގެން ނުކުތީ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.