ބަޔާން މިއުނިކް

ބަޔާންގެ ވާހަކަތަކާހެދި ނޯޔާއަށް އުނދަގޫ ވެއްޖެ

ބަޔާން މިޔުނިކްގެ ބައެއް ވާހަކަތަކާ ހެދި، އޭނާއަށް އުނދަގޫ ވާކަމަށް، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު މެނައުލް ނޯޔާ ބުނެފި އެވެ.

ބަޔާންގައި، އޮތް ނޯޔާގެ ކޮންޓްރެކްޓް އަންނަ އަހަރު ޖޫން މަހަށް ހަމަ ވާނެ އެވެ. ނޯޔާގެ ކޮންޓްރެކްޓް އާ ކުރުމާމެދު ބަޔާންއިން އެކިފަހަރު ވާހަކަ ދައްކަނީ އެކިގޮތަށެވެ. ޖަރުމަންގެ ކިކާ ނޫހުން ބުނީ، އާ ކޮންޓްރެކްޓެއް ހަދާނަމަ މުސާރައިގެ ގޮތުގައި އަހަރަކު 20 މިލިއަން ޔޫރޯ ދިނުމަށާއި އަދި ކޮންޓްރެކްޓްގެ މުއްދަތު 2025 ވަނަ އަހަރުގެ ނިޔަލަށް އޮތުމަށް، ނޯޔާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ނޯޔާ ބުނީ، ފެތުރެމުންދާ ވާހަކަތަކާ މެދު އޭނާ ކަންބޮޑު ވެއްޖެ ކަމަށެވެ.

"ވާހަކަތަކާ ގުޅިގެން އަހަންނަށް ކޮންމެވެސް ވަރަކަށް އުނދަގޫ ވެއްޖެ،" ޖަރުމަންގެ ބިލްޑް ނޫހަށް ދިން އިންޓަވިއުގައި ނޯޔާ ބުންޏެވެ. "އަހަރެން ނުވަ އަހަރު ބަޔާންގައި ހޭދަ ކޮށްފިން، އަހަރެން ނޯންނާނެ ކުލަބަށް ސިއްރު ކުރަން ޖެހޭ ކަމެއް."

އޭނާ ބުނީ، އޭނާގެ ކޮންޓްރެކްޓާ ގުޅިގެން ބަޔާންގެ ޑައިރެކްޓަރުންނާއި އޭނާގެ އެޖެންޓާ ދެމެދު ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައި ފެތުރެމުންދާ ބައެއް ވާހަކަތަކަކީ ހަގީގަތެއްގެ މައްޗަށް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.

އޭނާ ބުނީ ކޮންޓްރެކްޓާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދެއްކުމަކީ މީގެ ކުރިން ބަޔާންގެ ފަރާތުން ފެނިފައިވާ ކަމެއް ނޫން ކަމަށެވެ.

"އަހަންނަށް އެނގޭ ފަސް އަހަރު ކޮންޓްރެޓަކީ ހަގީގަތަކަށް ނުވާނެކަން، އެއީ އެހާހިސާބަށް ދާއިރު އަހަންނަށް 39 އަހަރު ފުރޭނެ، އެއްވަރެއްގައި އަބަދު ޕާފޯމް ނުކުރެވޭނެ،" ނޯޔާ ބުންޏެވެ. "އެކަމަކު އަހަރެން ޑިމާންޑް ކުރަނީ އަހަންނަށާއި ކުލަބަށްވެސް އެއްބަސްވެވޭ ޝަރުތަތަކެއް."