ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑެލިވަރީއަށް ހޯދި ވޮލިންޓިއަރުން ގޭގައި މަޑުކުރަން އަންގައިފި

މާލޭން ކޮވިޑް-19 ފެނި، މާލެ ސަރަހައްދުގެ ރަށްތައް ލޮކްޑައުން ކުރުމާ ގުޅިގެން ގޭގެއަށް ބޭނުންވާ މުދާތައް ޑެލިވާ ކޮށްދޭން ޔޫތު މިނިސްޓްރީން ހޯދި ވޮލިންޓިއަރުންތައް ގޭގައި މަޑުކުރަން އަންގައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުސާން ފިހާރަ ކުންފުނީގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ބައްޔަށް ޕޮޒިޓިވްވި ކަން ފިހާރައިން އެންގި ވަގުތުން ފެށިގެން ހަމަޖެހިފައިވާ އުސޫލުތަކާ އެއް ގޮތަށް ވޮލިންޓިއަރުންގެ މަސައްކަތް ހުއްޓާލައި ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށް ގޭގެއިން އޯޑަރު ކުރާ މުދާތައް ގެންގޮސްދިނުމުގައި ލަސްވާން ފެށުމުން، ޑެލިވަރީ އަވަސް ކުރުމުގެ ގޮތުން މުދާ ޑެލިވާ ކޮށްދޭނެ ވޮލިންޓިއަރުން ހޯދަން މިނިސްޓްރީން އިއުލާންކޮށް 500 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅު ކުރި އެވެ.

އޭގެ ތެރެއިން ބައެއް މީހުން މަސައްކަތަށް ނެގި އެވެ. ޔޫތު މިނިސްޓަރު އާއެކު އެ މީހުން ދިޔައީ ޑެލިވަރީގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ވޮލިންޓިއަރުން ޑެލިވަރީ ކޮށްދިނީ ވެސް އިހުސާން ފިހާރަ އިންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 67 މީހަކު ފެނިފައިވާއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން މާލޭން ވެސް ދަނީ ބައްޔަށް ޕޮޒިޓިވް މީހުން ފެންނަމުންނެވެ. މާލޭން މިހާތަނަށް ޕޮޒިޓިވް ވެފައިވާ 46 މީހަކު ފެނިފައިވެ އެވެ. އެއީ 23 ދިވެހިންނާއި 24 ބިދޭސީންނެވެ. މާލޭން ހއ. އުލިގަމަށް ދިޔަ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.