ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޭގެއަށް މުދާ ޑެލިވާ ކޮށްދޭން ވޮލިންޓިއަރުން ހޯދަނީ

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާ ގުޅިގެން، މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވާތީ އާންމުން ބޭނުންވާ މުދާތައް އެ ގެތަކަށް ޑެލިވާ ކޮށްދޭނެ ވޮލިންޓިއަރުން ހޯދަން އިއުލާން ކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގެ ގެތަކަށް ފިހާރަތަކުން މުދާ ޑެލިވާ ކޮށްދިނުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ދިނުމަށް އެ މިނިސްޓްރީއަކު މަސައްކަތް ކުރާނެ ވޮލިންޓައަރުން ހޯދަމުންދާ ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން 7335426 އަށް އެސްއެމްއެސް ކުރުމަށް އެ މިނިސްޓްރީން އެދޭ ކަމަށް ބުންޏެވެ.

މާލެ ސަރަހައްދުގެ ފަސް ރަށް ވެސް މަގުމަތީ އުޅުން މަނާކޮށް ލޮކްޑައުން ކޮށްފައިވާއިރު، ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ފިހާރަތަކުން ލިބުމުގައި ދަތިތަކެއް އުޅޭ ކަމުގެ ޝަކުވާ ބޮޑެވެ. ލޮކްޑައުންގައި ގޭގެއަށް ޑެލިވާ ކޮށްދޭ ފިހާރަތަކުގެ ނަންބަރުތަކަށް ނުގުޅޭތީ އެ ކަމުގެ ކަންބޮޑުވުން ވެސް ވަރަށް ބޮޑަށް އެބަ އޮތެވެ.

އާއްމުން ގޭގެ އަށް މުދާ ހޯދަން ދީފައިވާ އޯޑަރު ތަކަށް މުދާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، އެސްޓީއޯ ސުޕަ މާކެޓުގައި ސިފައިން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އާއްމުން ފޮނުވާފައިވާ ލިސްޓުތަކަށް މުދާ ނަގައި ގޭގެއަށް ގެންގޮސްދިނުމުގައި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 3:30 އިން ފެށިގެން މާލެ ލޮކްޑައުން ކޮށްފައިވާއިރު، މިއަދު ވަނީ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފަ އެވެ. ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައި ވަނީ، މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާގެ އިތުރުން ޕޮޒިޓިވްވި އިތުރު ހަތް މީހަކު ފެނުމުންނެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅެވެ.