ހަބަރު

ކެނެޑާގެ ބަޑީގެ ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

Apr 21, 2020

ކެނެޑާގައި މިދިއަ ހޮނިހިރު ދުވަހު ދިން ބަޑީގެ ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ކެނެޑާގެ ނޯވާ ސްކޯޝިއާގައި މީހަކު ބަޑިން ހަމަލާދީ ކުށެއް ނެތް އާއްމުންގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން، އެ ހަމަލާ ކުށްވެރިކޮށްފައި ވަނީ، ކެނެޑާގެ ހާރިޖީ ވަޒީރު ފްރަންސްވާ-ފިލިޕް ޝެމްޕޭންއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖެއްގަ އެވެ.

ޝާހިދުގެ މެސެޖްގައި ވިދާޅުވީ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި މި ހަމަލާގެ އަޑު އެއްސެވީ ކުއްލި ހައިރާންކަމާ، ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނާ، ސަރުކާރުގެ ނަމުގައި، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށެވެ.

ހޮނިހިރު ދުވަހު ދިން ހަމަލާއަކީ، ފަހުގެ ތާރީހެއްގައި ކެނެޑާގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ. ފުލުހުންގެ ޔުނިފޯމެއް ލައިގެން ހުރި މީހަކު ނޯވާ ސްކޯޝިއާގެ އެކި ސަރަހައްދުތަކުގައި ކާރުގައި ދަތުރުކޮށް ބަޑިން ހަމަލާދީ، އަދި ބައެއް ގެތަކުގައި ވަނީ ރޯކޮށްލައިފަ އެވެ.

މިހަމަލާތަކުގައި 18 މީހަކު މަރުވެފައިވާއިރު، މީގެ ތެރޭގައި ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ އަންހެން އޮފިސަރަކު ވެސް ހިމެނެ އެވެ.

ރޯކޮށްލާފައިވާ ތަންތަނުގެ ތެރޭގައި މަރުވެފައި އިތުރު ބަޔަކު ތިބުން އެކަށީގެންވާކަމަށް ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް އިން ވަނީ ބުނެފަ އެވެ.

ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާތައް 12 ގަޑިއިރަށް ދިގު ދެމިގެން ދިޔައިރު، ފުލުހުންނާ، ހަމަލާ ދީން މީހާއާ ދެމެދު ހިނގި ކުރިމަތިލުމުގައި ހަމަލާ ދިން މީހާ ވަނީ މަރުވެފަ އެވެ.