ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނައިފަރު މީހަކު ރަށައް ނޭރި ހަތްގަޑިއިރު ބަނދަރުގައި

ނައިފަރަށް މިއަދު ދިޔަ އެ ރަށު މީހަކަށް ރަށައް ނޭރި ހަތް ގަޑިއިރު ކަނޑުމަތީގައި ހޭދަކުރަން ޖެހިއެވެ.

ނައިފަރަށް ނިސްބަތްވާ އަބްދުﷲ އަބްދުއްހަކީމް ބުނީ އޭނާ އދ. ދަނގެތީގައި ހުރުމަށްފަހު ނައިފަރަށް މިއަދު ދަތުރު ފެށީ ދަނގެތީ ކައުންސިލާއި، ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ލޯންޗު ދަތުރު ކުރުމަށް ވެސް ހުއްދަ ނަގާފައިވާ ކަަމަށާ އެ ލިޔުން ވެސް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ހަވީރު 4:30 ގައި ނައިފަރަށް ދިއުމުން ރަށަށް އެރޭ ގޮތް ނުވި ކަމަށެވެ. އަދި ކައުންސިލުން އެދުމުން ނައިފަރު ހޮސްޕިޓަލްގެ ހުއްދަ ހޯދައިގެން ރަށަށް އަރަން މަސައްކަތް ކުރުމުން ވެސް ކައުންސިލުން އެދިގެން ފުލުހުން އެކަން މަނާކޮށްފައިވާ ކަމަށެވެ.

"މިހާރު ހަތްގަޑިއިރުވީ އަމިއްލަ ރަށައް ނޭރި، އެެއްޗެއް ނުކައި މިހެން ބަނދަރުތެރޭ ލޯންޗުގައި އިންނަތާ. ހުއްދަ ހޯދައިގެން ދަތުރުކުރުމުން ނައިފަރު ކައުންސިލުން ބޭނުމެއް ނުވި އަޅުގަނޑު ރަށަށް އަރުވާކަށް."

އަބްދުﷲ ބުނީ އޭނާ ގެންދިޔަ ލިޔުމަކީ "ފޭކް" ލިޔުމެއް ކަމަށް ނައިފަރު ކައުންސިލުން ބުނުމުން އެކަން ޔަގީން ކުރަން ދަނގެތީ ކައުންސިލަށް ގުޅުމުން އެއީ ދަނގެތީ ކައުންސިލުން ދީފައިވާ ލިޔުމެއް ކަމަށް ވެސް އަންގާފައިވާ ކަަމަށެވެ. އަދި މިރޭ އެ ރަށު ކައުންސިލުން ބޭއްވި ބައްދަލްވުމެއްގައި ދެން އެރަށަށް ނޭރެނެ ކަަމަށް ވެސް އަންގާފައިވާ ކަަމަށެވެ.

"ދެން ކިހިނެތްތޯ އަޅުގަނޑު ހަދާނީ އެ ރަށަކަށް ނާރުވާނެ. މިރަށަކަށް ނޭރުނު. ހަތްގަޑިއިރުވާއިރު ކޮންމެވެސް ގޮތެއްވާންވާނެ ދޯއްތޯ. މި ލޯންޗަށް ވެސް ފުރޭގޮތެއް ނުވޭ. ހުއްދަ ނުހޯދާ ގަވާއިދާ ހިލާފަށް އައިނަމަ މައްސަލައެއް. ނަމަވެސް ގަވާއިދާ އެއްގޮތަށް މިކަން ކުރީމަ މިހެން ވެގެން ނުވާނެ ނޫންތޯ."

މިކަމާ ގުޅޭގޮތުން ފުލުުހުން އަދި ނައިފަރު ކައުންސިލުން ވަކި އެއްޗެއް ނުބުނެއެވެ.