ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރުގ ރައްޔިތުން ހަނާވެއްްޖެ، އެހީވާނެ އިދާރާއެއް ނެތް: ޝިޔާމް

ކޮވިޑް 19 އާއި ގުޅިގެން ނައިފަރުގައި އެޅި ފިޔަވަޅުތަކާއެކު އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ އެކު ރައްޔިތުން "ހަނާވެފައިވާ" ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ނައިފަރު މޮނިޓަރިން އަށް ގެންދިޔައީ މާޗް 23 ގައެވެ. އޭގެފަހުން ހަތަރު މަސް ވާން ކައިރިވެފައިވާއިރު މި މަހުގެ މިހާތަނަށް ނައިފަރުން ކޮވިޑްގެ އެއްވެސް ކޭހެއް އަދި ފެނިފައެއް ނުވެ އެވެ. އެރަށުން މިހާތަނަށް ޖުމްލަ 920 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ނައިފަރުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގެން ޝިޔާމް މިއަދު ވާހަކަ ދެއްކެވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ނައިފަރު ލޮކްޑައުންކުރި ފަހުން އެރަށުގެ ރައްޔިތުން އާމްދަނީ ހޯދާނެ ހުރިހާ މަގެއް ބަންދުވެފައިވާ ކަމަށެވެ. އެކަމަކު ރައްޔިތުންގެ ހާލަތު ބަދަލުކުރަން އެހީވާނެ އިދާރާއެއް ފެންނަން ނެތް ކަމަށެވެ.

"ކައުންސިލުން ދައްކާ ވާހަކަ މިނިސްޓްރީއަށް އަޑުއިވެނީކީ ނޫން. ކައުންސިލުން ދައްކާ ވާހަކަ އޮތޯރިޓީތަކަށް އިވެނީކީ ނޫން. ރައްޔިތުން ހަނާވެއްްޖެ. ރައްޔިތުން ނިިކަމެތިވެއްޖެ. ކައުންސިލުން އާންމުކޮށް ރައްޔިތުންނަށް އެބަ ތިބި ކެއާ ޕެކޭޖް ދޭން ޖެހޭ އާއިލާތައް. ޔަގީނުންވެސް 80 ވަރަކަށް އާއިލާ އެބައުޅޭ ގަވައިދުން ކެއާ ޕެކޭޖް ދޭން ޖެހޭ. އެކަމަކު ކައުންސިލަކު ނެތް އެ ކެެއާ ޕެކޭޖް ދެވޭނެ ފައިސާ އެއްވެސް" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ހާލަތު އޮތް ގޮތުން ނައިފަރުގެ ރައްޔިތުންނަށް މާސްކެއްް ދިއްކޮށްލާނެ ވަރުވެސް ނެތް ކަމަށާއި އެވެސް ލިބެނީ އަތޮޅު ހޮސްޕިޓަލުގައި އެދިގެން ދިނިއްޔާ ކަމަށެވެ. އަތޮޅު ހޮސްޕިޓަލްގައި ކަމަކަށް އެދެފިނަމަ ސަރުކާރަށް ހުށަހަޅައިގެން އެކަމަށް ކުރަން އެތައް މަހެއް ހޭދަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަދި އެވަރުން ވެސް ލިބެނީ އެދޭ ވަަރަށް ވުރެ މާ މަދުން،" ޝިޔާމް ވިދާޅުވި އެވެ.

ޅ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް އުޅެން ޖެހިފައިވަނީ ނައިފަރުގެ ރައްޔިތުން މިއަދު އުޅޭ ހާލުގައި ކަމަށް ވިދާޅުވެ ލާމަރުކަޒީ ނިޒާމަށް ވެސް ޝިޔާމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ދެ އަހަރު ދުވަސްވީ ކޮވިޑްގެ މި ހާލަތު މެނޭޖްކުރުމުގައި އުޅޭތާ. ކީއްތޯ ވާނީ ކޮންމެ ރަށަަކުން އެ ވަސީލަތް އެ ރަށެއްގެ ހޮސްޕިޓަލުން ނުވަތަ ހެލްތު ސެންޓަރުން ލިބޭނެ އިންތިޒާމެއް ބޭއްވިއްޔާ. ކޯއްޗެއްތޯ މަދުވަނީ. އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ވާހަކަ ދައްކާއިރު މިއީ ހާލަކީ. ކައުންސިލަކު ނެތޭ ކޮވިޑްގެ މި ހާލަތުގައި ރައްޔިތުންނަށް ހިދުމަތްކޮށްފައި އިތުރު އެއްވެސް ފައިސާއެއް. އެކަމަކު [ސަރުކާރުން] އިންތިހާއަށް ފައިސާ ހޯދައިފި. ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ބިލިއަނުން ފައިސާ ހޯދައިފި" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝިޔާމު ވިދާޅުވި އެވެ.