ކުޅިވަރު

ނިއުކާސަލްގެ ޑީލް ހުއްޓުވުމަށް އެމެނެސްޓީ ގޮވާލައިފި

ސައުދީގެ ޕަބްލިކް ފަންޑްސްއިން ގަނެފައިވާ، ނިއުކާސަލް ޔުނައިޓަޑްގެ ޑީލް ހުއްޓުވުމަށް، އެމެނެސްޓީ އިންޓަނޭޝަނަލްއިން ގޮވާލައިފި އެވެ.

އެމެނެސްޓީން، ޕްރިމިއާ ލީގް ބޮޑީއަށް ގޮވާލާފައި ވަނީ ނިއުކާސަލްގެ އާ އޯނާޝިޕް ބަލައިނުގަތުމަށެވެ. ނިއުކާސަލްގެ ޗެއަމަން ކަމުގައި 13 އަހަރު ހޭދަ ކުރި މައިކް އެޝްލީ ވަނީ އޭނާގެ މިލްކިއްޔާތުގައި އޮންނަ ކުލަބު 300 މިލިއަން ޕައުންޑަށް ސައުދީގެ ޕަބްލިކް ފަންޑަށް ވިއްކާލާފަ އެވެ. އޮނާޝިޕް ބަދަލުވުމުން، ޕްރިމިއާ ލީގްގައި ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.

އެމެނެސްޓީން ބުނީ، ސައުދީން ހިންގަމުންދާ އިންސާނިއްޔަތާ ހިލާފް ޖަރީމާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އެއެއްބަސްވުން ބްލޮކް ކުރުމަށް އެދޭ ކަމަށެވެ. ނިއުކާސަލް ގަތުމުގައި އެންމެ އިސްކޮށް ހުންނެވީ، ސައުދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން އެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގައި، ސައުދީގެ ނޫސްވެރިޔާ ޖަމާލް ހޮޝްގްޖީ މަރާލުމުގެ ތުހުމަތުތައް މުހައްމަދުގެ މައްޗަށް ވަނީ ކުރެވިފަ އެވެ.

ޕްރިމިއާ ލީގްގެ ބްރޮޑްކާސްޓިން ޕާޓްނަރެއް ކަމަށްވާ، ގަތަރުގެ ބީންއިން ސްޕޯޓްސް ގުރޫޕުންވެސް ވަނީ، ނިއުކާސލަގެ އެއްބަސްވުން ބްލޮކު ކުރުމަށް ހުށަހަޅާފަ އެވެ. އެ ކުންފުނިން ބުނީ، ސައުދީން ގަވައިދާ ހިލާފަށް ޕައިރެސީ ބޭނުންކޮށްގެން ޕްރިމިއާ ލީގް ދައްކަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕްރިމިއާ ލީގްގެ ބްރޮޑްކާސްޓިން ރައިޓްސްއަށް އަސަރު ކުރާ ކަމަށެވެ.

ޕްރިމިއާ ލީގުންވެސް ވަނީ 2017 ވަނަ އަހަރު އެ މައްސަލަ ފާހަގަ ކޮށްފަ އެވެ. އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް، ޕްރިމިއާ ލީގުން ވަނީ ސައުދީ ލޯ ފޯމްތަކަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އެ ގައުމުގެ އެއްވެސް ލޯފޯމަކުން އެކަމަށް އިސްނަގާފައެއް ނުވެ އެވެ.