(ފުރަތަމަ ބައި)
ހުޅުމާލޭގެ އިރުމަތީ ފަރާތު އަތިރި މައްޗެވެ. ހަލަބޮލި މާހައުލެކެވެ. މޫދަށް އެރޭ މީހުންނެވެ. ދަތުރުގޮސް އުޅޭ އާއިލާތަކެވެ. ކޯޅިކޯޅިއަށް ތިބި މީހުންނެވެ. ބައިގަނޑުގަނޑަށް ދުވެ ސަކަރާތް ޖަހަމުން ދިޔަ ކުދީންނެވެ. މުޅިތަނުގައި ވަނީ ހޯބޯލެވުމުގެ މަސްހުނި އަޑެވެ.
"އެބަ އަންނަން ފެންފުޅިއެއް ގަނެގެން." ސައިކަލުން ފައިބަމުން ހަމީޝާ ބަލައިލީ ފިރާޝާގެ މޫނަށެވެ.
"ބީޗުގަ މި ޖައްސާލަނީ އޯކޭ ދޯ." ކަންފަތަށް ފޯނުގެ ހެޑު ސެޓު ހެޔޮ ކޮށްލަމުން ފިރާޝާ ހިނިތުންވެލި އެވެ.
"ހޫމް، ދުރެއް ނޫނެއްނު. މިހިރަ ފިހާރަ އަށޭ މި ވަންނަނީ." ހަމީޝާ އިނގިލި ދިއްކޮށްލީ މަގުގެ އަނެއް ފަރާތުގައި ހުރި ފިހާރަ އަށެވެ.
ފިރާޝާ ފޯނާ ކުޅެމުން ދޮންވެލި ގަނޑާ ދިމާއަށް މިސްރާބު ޖެހިއެވެ. ތަންކޮޅެއް މީހުން މަދު ދިމާއެއް ބަލައިލަމުން އެ ދިމާއަށް ހިނގަމުން ދިޔައެވެ. އޭރު ވެސް ފިރާޝާގެ ނަޒަރު ހުރީ ފޯނުގެ އިސްކުރީނު ގައެވެ. އެ ހަލަބޮލި މާހައުލުގައި ހިނގަމުންދާ ކަންކަމެއް އޭނާ އަކަށް ނޭނގެ އެވެ. އެކަމަކަށް އޭނާ ސަމާލު ކަމެއް ވެސް ނުދެ އެވެ. ފޯނަށް ބަލަމުން ގޮސް ފިރާޝާ އިށީނެވެ.
"އޭ ކައޭ އަމިއްލަ މުދާތަ ތި؟"
ފިރާޝާއަށް ސިހިފައި ބަލައިލެވުނެވެ. ފިރިހެނެއްގެ އަޑު އިވުމުންނެވެ. ކުރިމަތީގައި ހުރީ ފަޔާޒެވެ. ފަޔާޒަކީ ހިކިތޮޅި ޒުވާނެކެވެ. ބަލައިބެލުމަށް ހަށިގަނޑު ފެންނަނީ ބަލިކަށިކޮށްނެވެ. އޭނާ ހުރީ ތެމިފޯވެފަ އެވެ. ގައިގެ އެތަން މިތަނުގައި ފެންތިކިތައް ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ މޫނުގައި ތަތްވެފަ އެވެ. ދެފައިގައި ހުރީ ދޮންވެއްޔެވެ. އޭނާ އައީ މޫދުންނެވެ.
ފިރާޝާއަށް ބަލައިލެވުނީ ފަހަތަށެވެ. އެ ފަޔާޒު ވާހަކަ ދައްކަނީ އޭނާއަށް ކަން ޔަގީން ނުވާތީ އެވެ. އެއްވެސް މީހަކު ފަހަތަކުން ނުފެނުނެވެ.
"ބަލަ މަ ވާހަކަދައްކަނީ ކައޭ އާއޭ." އަނގައިގައި ވަރު އެލުވާލައިގެން ފަޔާޒު ވާހަކަދެއްކި އެވެ. "ކީއްވެތަ ފާޑަކަށް ކައޭ ތި ބަލަނީ؟"
ފިރާޝާ ކަންފަތުން ހެޑު ސެޓު ނައްޓައިލަމުން ލޮލަށް ގޮތެއް ހަދައިލި އެވެ.
"ކައޭއަށް ހަމަ ނީވެނީތަ؟" އަނެއްކާ ވެސް ފަޔާޒު ފެށި އެވެ.
"އަހަރެން ކީއްކުރީ؟" ފިރާޝާ ހިތްހަމަ ނުޖެހުނެވެ. "ތަނަކުން މީހަކު ފެންނަ އިރަށް ކަލޭމެން ފޮށިގަންނަން ޖެހޭތަ؟"
"އޭ ކައޭ ނުފުއްޕައްޗޭ. ކައޭ ތިހެން ފުއްޕަންޏާ ހޭ ދައްކާޔަން ޖެހިދާނެ އިނގޭ." ފަޔާޒު ދެބުމަ ކައިރިކޮށްލި އެވެ.
"މަތަ މި ފުއްޕަނީ؟ ކަލޭއެއް ނޫންތަ ފުއްޕިގަނެގެން ތި އުޅެނީ؟" ފިރާޝާ ކޮޅަށް ތެދުވި އެވެ.
ދެތިން ފިޔަވަޅު ކުރިއަށް ޖެހިލަމުން ފަޔާޒާ ކައިރިވެލި އެވެ. އޭނާއާ ހަތަރު ކަޅި ހަމަކޮށްލަމުން ތުންފަތް އޫ ކޮށްލިއެވެ.
"ބުނަން ވާހަކައެއް، ތަނަކުން މީހަކު ފެންނަ އިރަށް ދެން ވެސް ނުފޮށޭތި! ކަލޭމެން ހީކުރަނީތަ ކަލޭ ފުއްޕާލާއިރަށް މަ ބިރު ގަންނާނޭ. މަ ބިރުން ފިލަންދާނޭ. ނުދާނެ. އެހެން އަންހެނުން ކަލޭމެން އަނގައިން ބުނެލާއިރަށް ބިރުން ވިރިގަތަސް މަށެއް ނުދާނެ،" ފިރާޝާގެ ޝަހާދަތް އިނގިލި ފަޔާޒުގެ މޫނަށް ދިއްކޮށްލި އެވެ. "މަށަކީ ފިނޑިއެއް ނޫން. ކަލޭމެންނަށް ބޭނުންހާ ވަރަކަށް ފުއްޕެނީ، ބޭނުންހާ ގޮތަކަށް އުޅޭން ފުރުސަތު ލިބޭތީ. ދެން ވެސް ނުބެހޭ މީހުންނާ ނުބެހޭތި!" އަޒުމާ ޖޯޝާއެކު ފިރާޝާ ވާހަކަދެއްކިއެވެ. ތުންފަތާއި ބުމައިން އިންޒާރުގެ ސިގުނަލް ދެމުންނެވެ.
"އޭ ކައޭ ބަ..." ފަޔާޒު ރުޅި އައިސްގެން ކަނާއަތް މަޅައިލިއެވެ.
ފިރާޝާ ހުރީ ބަލާށެވެ. ފަޔާޒުގެ އަތުގައި ފަހަތުން މީހަކު ހިފިއެވެ. އެއީ ވެސް މޫދުން އަރައިގެންއާ މީހެކެވެ. ކުލަ އަލި ޒުވާނެކެވެ. އޭނާގެ ހަށިގަނޑު މެދުމިނެވެ. ލުއި ހިނިތުންވުމަކުން ފިރާޝާއަށް މަރުހަބާ ކިޔެވެ. އެއީ، ދާނިޝްއެވެ.
"ފަޔާ، ކިހިނެއް ވެގެން މި އުޅެނީ؟" ދާނިޝް ބަލައިލީ ފިރާޝާގެ މޫނަށެވެ.
"ކައޭ އަހައިބަލަ. މާ ގަޓުވެގެން މިހުރީނު ރާނީ ވެފަ،" ފަޔާޒު ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި އެވެ. "އެ ގޮލާ އަހަރުމެން ޓީޝާޓުގައޭ އިނީ."
ފިރާޝާ ބަލައިލީ ފަހަތަށެވެ. އޭނާ ކުރިން އިން ތަނަށެވެ. އެތަނުގައި ހުދުކުލައިގެ ޓީޝާޓަކާއި ރަތްކުލައިގެ ޓީޝާޓެއް އޮތެވެ. ޓީޝާޓުތަކުގެ ފަހަތުގައި ދެ ފައިވާން ވެސް ހުއްޓެވެ.
"ކަލޭ ރަނގަޅަށް ބަލައިފަ ދޯ ފުއްޕި ގަންނަން ވާނީ. މަ އިނީ ކަލޭގެ މުދަލަކު ނޫނޭ." ފިރާޝާ މޫނުމަތިން ދެތިން ރޫ އަރުވައިލި އެވެ.
"ފަޔާ އެ ކުއްޖާ ގާތުން މާފަށް އެދޭ." ދާނިޝް ބުނެލި އެވެ.
"ނޫޅެން." ފަޔާޒު ރުޅިގަދަވި އެވެ.
އޭނާ ހިނގައިގަތެވެ. ޓީޝާޓު ނަގައި އަތަށް ބޮނޑިކޮށްލަމުން އެއްގަމާ ދިމާއަށެވެ.
"ސޮރީ! ފަޔާ ތަންކޮޅެއް ރުޅި ގަދަވާނެ. އޭނާ ކީ ހުރިހާ އެއްޗަކަށް މާފަށް އެދެން." ދާނިޝް ހިނިތުންވެލި އެވެ.
"ހުމް." ފިރާޝާ މޫނު ކުނިކޮށްލަމުން ތުންފަތަށް ވައްތަރު ޖައްސައިލި އެވެ.
އޭރު ހަމީޝާ އެދިމާއަށް އަންނަ މަންޒަރު ފެނުނެވެ. ހަމީޝާގެ ކޮތަޅުން ފެންފުޅިއެއް ނަގައި ފިރާޝާއަށް ދިއްކޮށްލިއެވެ. ފިރާޝާ ވާހަކަތަކެއް ދެއްކުމުން ހަމީޝާ ބަލައިލީ ދާނިޝްއާ ދިމާ އަށެވެ. އޭރު ވެސް ދާނިޝް ހުރީ އެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ. ތަންކޮޅެއް ދުރުގައެވެ. އެ ދެ މީހުން ހިނގައިގަތެވެ. ދާނިޝް ވެސް އެއްގަމާ ދިމާއަށް މިސްރާބު ޖެހި އެވެ.
"މަށަށް ހީވަނީ ފިރާ، ވެސް ވެއްޖެހެން ރުޅި މަޑުކުރަން،" މަސްކާށި ކޮތަޅު މޮހައިލަމުން ހަމީޝާ ބުނެލި އެވެ. "ތިހެން މާ ރުޅި ގަދަވެގެން މީހަކު ބުނާ އެއްޗަކަށް ހަ އެތި ބުނަން އުޅެނިކޮށް ބޮނޑިއެއް ލިބޭނީ."
"އަދިވެސް މަ ތަ ރުޅި މަޑުކުރަންވީ؟ އޭނާއަށް ވެސް ބުނެވިދާނެ ދޯ ތިމަންގެ ޓީޝާޓު ނަގަން ވެގެންނޭ ތަންކޮޅެއް ދީބަލައިލާށޭ." މަސްކޮޅެއް އަނގަޔަށް ލަމުން ފިރާޝާ ބުނެލި އެވެ.
"އެޔެއް ނޫނޭ. ތިބުނާ ސޮރު ކިތައްމެ ފުއްޕައިލިޔަސް ދެން ހުރީ ސަޅި މީހެއް ނޫންތަ؟" ހަމީޝާ މައުޟޫޢު ބަދަލު ކޮށްލި އެވެ.
"މަ ނުބަލަން ތިއެއް. މަ ގާތަށް އައި ރުޅީގަ އޭނާއަށް ވެސް ދީފައި މިއައީ،" ދަތުން މަސްކޮޅެއް ނައްޓައިލަމުން ފިރާޝާ ބުނެލި އެވެ. "އެ ސޮރު ބުނި ސޮރީ އޯ ވެސް. އެކަމަކު އަނެއް ގޮލާ ހުރީ ފުއްޕި ގޮތަށް. ކޮންމެ ވެސް ފަޔާއެއް، ބެއާއެއް ކަހަލަ ނަމެއް ކީ."
ފިރާޝާއާއި ހަމީޝާއެކުގައި ހޭންފެށި އެވެ. އޭރު މުޅި ތަނަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ދުރުން ތަންކޮޅެއް ދުރުން، މަޣްރިބު ނަމާދުގެ ބަންގީގެ އަޑު އިވެމުން ދިޔަ އެވެ.
"ހިނގާ ދަމާ، ބަންގި ގޮވީ އެ، ނަމާދަށް އަރަން ޖެހޭނެ."ފިރާޝާ ތެދުވި އެވެ.
"ހޫމް، ކައޭ މާ ނަމާދު ކުރާ މީހެއްނު ..." ފަޔާޒު ބަލައިލީ ދާނިޝް އަށެވެ.
"ފަޔާ، ނަމާދު ކުރުމަކީ ވަކި މީހަކަށް އޮތް ކަމެއް ނޫނޭ، އެންމެން ވެސް ކުރަން ޖެހޭ ކަމެއް އެއީ، ހިނގާ އަހަންނާއެކު މިސްކިތަށް ދާން. ތިހެން އުޅޭކަށް ނުވާނެ. މިއެއް ނޫނޭ އުޅެން އޮތް ތަނަކީ،" ދާނިޝް ހިފީ ފަޔާޒުގެ އަތުގައެވެ. "މަޣްރިބު ނަމާދަށް ވެސް ދެވުނެއްނު، ފަޔާގެ ގައިން ތަނެއް އުނިވިތަ؟ އިޝާ ނަމާދު ކޮށްލީމަ ދެން މިއަދުގެ ނަމާދުތައް ނިމުނީ އޭ މި."
ފަޔާޒުގެ އަތުގައި ހިފައިގެން ދާނިޝް ހިނގައިގަތެވެ. މިސްކިތާ ދިމާ އަށެވެ. ފަޔާޒު ވެސް އިތުރު ވާހަކައެއް ނުދައްކާ މިސްކިތާ ދިމާއަށް ދިޔައީ އެވެ.
"ކިހައި ހިތްހަމަ ޖެހޭ. ނަމާދުކޮށް ދުޢާ ކޮށްލީމަ ލިބޭ ހިތްހަމަ ޖެހުން މާ ބޮޑުވާނެ. އަސްލު ފަޔާއަށް މިހާރު އެކަން އިހުސާސް ވާނެ، ދެން އިރާދަކުރެއްވިއްޔާ ފަޔާ މުޅިން ތި ރަނގަޅު ވަނީ،" ދާނިޝްގެ އިނގިލިތަކުން، ނިތްމަތީގައި ހުރި އިސްތަށިތަކާ ކުޅެލަމުން މިސްކިތު ހަރިންމައިން ބޭރަށް ނިކުމެ ހުއްޓިލި އެވެ.
"އޭ ބަލައިބަލަ، އެހެރަ ދަނީ އެއްކަލަ... އެއްކަލަ ފުއްޕާ ގޮލާ." ފަޔާޒު އިޝާރާތްކޮށްލީ މަގުގެ އަނެއް ފަރާތަށެވެ.
ދާނިޝް ވެސް އެ ދިމާ ބަލައިލި އެވެ. ފަޔާޒު އިނގިލި ދިމާކޮށްލި އެވެ. މަގުގެ އަނެއްފަޅިއަށެވެ. ދުވާރު މައްޗަށެވެ. ފިރާޝާ އަށެވެ. ފިރާޝާ ހިނގަމުން ދިޔައީ ފުލެޓުތަކާ ދިމާ އަށެވެ.
"ހިނގައިބަލަ،" ދާނިޝް ހިފައިލީ ފަޔާޒުގެ ކޮނޑުގައެވެ. "އެ މަންޖެއާ ވާހަކަދައްކައިލަން."
ފަޔާޒާއި ދާނިޝް މަގު ހުރަސްކޮށްލި އެވެ.
"އޭ މަންޖޭ!" ދުވާރު މައްޗަށް އަރަމުން ފަޔާޒު ގޮވައިލިއެވެ.
ފިރާޝާ ހުއްޓުނެވެ. ފަޔާޒު ގޮސް ފިރާޝާގެ ގާތުގައި ހުއްޓިލިއެވެ. އޭރު ދާނިޝް ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާ އަޅަމުން ދިޔައީ ލަސް ފިޔަވަޅުތަކެކެވެ.
"ސޮރީ!" ފަޔާޒު ބުނެލިއެވެ. "މިއަދު ވީ ކަންތަކާ ވަރަށް ބޮޑަށް ސޮރީ!"
"އަދިވެސް ފުއްޕާތި ތަނަކުން މީހަކު ފެންނަ އިރަށް!" ފިރާޝާ ހިނގައިގަތެވެ.
"މަންޖޭ މަޑުކޮށްބަލަ." ފަޔާޒު އަނެއްކާ ވެސް ގޮވައިލި އެވެ.
ފިރާޝާ އެނބުރި ބަލައިލިއެވެ. އޭނާގެ ދެ ބުމަ ކައިރިކޮށްލިއެވެ. ނިތްމައްޗަށް ވެއްޓުނު އިސްތަށިކޮޅު ނަގައި ކަންފަތުގައި އަޅުވައިލިއެވެ.
"މަށަކީ މަންޖެއެއް ނޫން. އައިޑީ ކާޑުގައި އޮތީ މަންޖެއެއް ނޫން،" ފިރާޝާ ރުޅި އަންނަކަމަށް ހަދައިލިއެވެ. "ދެން ބުނޭ ލޯބި ވެވިއްޖޭ. ވަރަށް ލޯބިވެޔޭ. އެޔެއްނު ކަލޭމެން ފިރިހެނުންގެ ވައްތަރަކީ."
"ޗި، މަ އެބައުޅޭ ކައޭދެކެ ލޯބިވެގެން. ހެއް! އެހެން ނޫނަސް މަށަކީ ކައޭހާ ޗީޕް މީހެއްނޫނޭ،" ފަޔާޒުގެ ރަސްމީ ރާގުގައި ފެށިއެވެ. "އަދި މަ ރަނގަޅު ކަމުން ކައޭ ގާތު ސޮރީއޭ ބުނީމަ ވެސް، ކައޭ އަނެއްކާ ވެސް ތި ފުއްޕަން ފެށީ."
"މަށަށް މަގު މަތިންނާ، ބީޗުންނާ ފޮށުނީ. މަގުމަތިން ދާހާ މީހަކާ ތަނަކު ހުންނަހާ މީހަކާ ފޮށެނީ މަތަ؟ ނޫނީ ކަލޭތަ؟" މި ފަހަރު ހަގީގަތުގައި ވެސް ފިރާޝާގެ ގާތަށް ރުޅި އައެވެ. "ދެން އަނެއްކާ ވެސް އެހެން ތަނަކުން ފެންނަ އިރަށް ކަލޭ ބުނާނެ ސޮރީއޭ. ރުޅި ގަދަވީއޭ، ހަމައިން ނެއްޓުނީއޭ، ހިނދުކޮޅު އައީއޭ. ކަލޭމެން ވެއްޖެއްނު ހަމައިގަ ތިބެން ދަސްކުރަން."
"އޭ އަނެއްކާ ވެސް ކައޭ މަ ރުޅި އަރުވާ ގޮތަށް ފުއްޕަން ފެށީއޭ ތި. މަ މި އައީ ނަމާދުންނޭ." ފަޔާޒު ހިތްހަމަ ނުޖެހުނެވެ.
"ނަމާދުން ފައިބައިފަ ކުރަން އޮތް ކަމަކީ މަގު ހިނގާ މީހުންނާ ފޮށުންތަ؟ އޭރުންތަ ސަވާބު އިތުރު ވަނީ؟" ފިރާޝާ ހިނގައިގަތެވެ.
"މަންޖޭ، މަޑުކޮށްބަލަ! އަހަރެން ވާހަކައެއް ބުނަން ވެގެންނޭ!" އަނެއްކާ ވެސް ފަޔާޒުގެ ރާގު ބަދަލުވިއެވެ.
އޭރު ދާނިޝް ހުރީ ފަޔާޒުގެ ފަހަތުގައެވެ.
"ބަލަ މަށަކީ..." ފިރާޝާ އެނބުރިލި އެވެ.
ފިރާޝާ ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުކުރެވުނެވެ. ފަޔާޒުގެ ފަހަތުގައި ދާނިޝް ހުރިތަން ފެނުމުންނެވެ.
"އަނެއްކާ ވެސް ދެމީހުން ދިމާވެ ކޯޅެއް ފެށީތަ؟" ދާނިޝް އަހައިލި އެވެ.
"މިހުރީނު ރާނީ." ފަޔާޒު ރުޅި އައިސްގެން ގެއާ ދިމާއަށް ހިނގައިގަތެވެ.
"އަނެއްކާ ވެސް ސޮރީ! އަހަންނަކީ ދާނިޝް، އެއީ ފަޔާ." ދާނިޝް ސަލާމަށް އަތްދިއްކޮށްލި އެވެ.
"ވާލައިކުމުއް ސަލާމް،" ދާނިޝްގެ އަތް ފެނުމުން ސަލާމަ ބަލައިގަނެ އަމިއްލައަށް ތަޢާރަފުވެލި އެވެ. "ފިރާޝާ."
"އޯހް ސޮރީ." ފިރާޝާއާ ދިމާއަށް ދިއްކޮށްލި އަތުގައި ނުހިފާ ސަލާމް ބަލައި ގަތުމުން ދާނިޝް ލަދުގަންނަ ގޮތްވިއެވެ.
"ދެން އޭނާ އަހަންނާ ފޮށިއްޖެ ނަމަ ފުލުހުންނަށް އަންގާނަން." ފިރާޝާ ތުންފަތަށް ބާރުކޮށްލަމުން ބުނެލިއެވެ. "ކަލޭ އަކީ ހަމަޖެހޭ މީހެއް ކަމަށް ފެންނާތީ ބުނެލީ."
"ޝުކުރިއްޔާ!" ދާނިޝް ބުނެލި އެވެ.
ފިރާޝާ ބަލައިލީ ސީދާ ދާނިޝްގެ މޫނަށެވެ. އޭނާއަށް ދޭހަ ނުވީއެވެ. ދާނިޝްގެ ފަރާތުން ޝުކުރު އަދާކުރަން ޖެހޭ ސަބަބެވެ.
"އޭނާ މިގެން ގުޅެނީ ވަރަށް ބަލައިގެން. ކަންކަން މި ކުރުވަނީ ގަދަކަމުން. އެއީ އަހަރެން ދޮންބެގެ ހުރި ހަމައެކަނި ދަރި. މިއަދު ފިރާޝާ ދިމާވި ފަހުން ވެސް ދެތިން ކަމެއް އޭނާއަށް އިސްލާހު ކުރަން ފުރުސަތު ލިބިއްޖެ." ދާނިޝް ހިނގައިގަތެވެ. "ހިނގާ ދަމާ. ފިރާއާ އެކު އަހަރެން ހިނގައިދާނަން."
"އެ ކީއްކުރަން؟" ފިރާޝާ ބަލައިލީ ދާނިޝްގެ މޫނަށެވެ.
"ފާފައެއްތަ؟ ނޫނީ މަނާ ކަމެއްތަ؟" ދާނިޝް ހިނިތުންވެލި އެވެ.
"އެހެންނެއް ނޫން." ފިރާޝާ ހިނގައިގަތެވެ.
ފަޔާޒާއި ދާނިޝް އޮތީ ނިދަން ތައްޔާރުވެގެންނެވެ. ފަޔާޒުގެ އެނދު ހުރީ ކޮޓަރީގެ އެއް ކަނުގައެވެ. ދާނިޝް އޮތީ ފާޚާނާ ދޮރު ކައިރީގައި ހުރި އެނދުގަ އެވެ. ދާނިޝް އޮތީ ނިތްމަތީ އަތް ބާއްވާލައިގެންނެވެ. އޭނާގެ ފިކުރުތަކުގައި ހުރީ ފިރާޝާ އެވެ. ފިރާޝާގެ ވާހަކަތަކެވެ. ފިރާޝާއާއެކު ގެއަށް ދިޔަ މަގުމަތީ ދެއްކި ވާހަކަތަކެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ހަނދާންތަކެވެ. އެ މަންޒަރުތަކެވެ. އެ ހިނިތުންވުމެވެ. ހީލުމުން ކޮލަށް ވަދެގެން ދާ އަޑިކޮޅެވެ.
"އެ ހާދަ ފުއްޕާ މަންޖެ ގަނޑެކޭ." ފަޔާޒު ވާހަކަދެއްކީ ދާނިޝްއާ އެވެ.
"ކާކު؟" އެއްފަރާތަށް އެނބުރިލައި، ރަޖާގަނޑުގައި ހިފައިލަމުން ދާނިޝް ހިނިތުންވެލި އެވެ. (ނުނިމޭ)