ލައިފްސްޓައިލް

ހޮސްޕިޓަލެއް ހޯދަން ނުކުތް މީހާ ޑެންޓަލް ކްލިނިކެއްގައި ވިހައިފި

އިންޑިޔާ ލޮކްޑައުން ކޮށްފައިވާއިރު އެކަމުން އެ ގައުމުގެ ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ވަރަށް ގިނަ އެވެ. ޚާއްސަކޮށް ކުއްލިއަކަށް ސިއްހީ މައްސަލަތައް ދިމާވާ މީހުންނަށް ހޮސްޕިޓަލަށް ދެވޭނެ ރަނގަޅު އިންތިޒާމުތައް ނެތުމުން ވަރަށް ބޮޑެތި ތަކުލީފުތަކާ މީހުންނަށް ކުރިމަތިވެ އެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި ވަރަލްވެފައިވާ ވީޑީއޯއެއްގައި ވެހިކަލެއް ނުލިބުމުގެ ސަބަބުން މީހަކު އޭނާގެ ދުވަސްވީ ބައްޕަ އުރާލައިގެން މަގުމަތީގައި އެތައް ކިލޯމީޓަރަކަށް ހިނގާފައިދާ މަންޒަރު ވަނީ ފެނިފަ އެވެ. މިފަހަރުގެ ހާދިސާގައި މާބަނޑު އަންހެނަކު ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދަން ވެހިކަލެއް ނުލިބި އެ މީހާއަށް ހޮސްޕިޓަލެއް ހޯދަމުން ހަތް ކިލޯމީޓަރަށް ހިނގަން ޖެހުނެވެ.

ބަނޑުގައި ރިއްސާ ހާލުގައި 20 އަހަރުގެ މި އަންހެންމީހާ އޭނާގެ ފިރިމީހާއާއެކު ހިނގަމުން ދިޔައީ ކްލިނިކެއް ނުވަތަ ހޮސްޕިޓަލަކާ ހަމައަށް ދެވޭތޯ އެވެ. ނަމަވެސް ހަތް ކިލޯމީޓަރަށް ހިނގި ފަހުން އޭނާއަށް އިތުރަކަށް ކުރިޔަކަށް ނުދެވުނެވެ. އެންމެ ފަހުން އެތާ ހުރި ޑެންޓަލް ކްލިނިކެއްގެ ތެރެއަށް ކިރިޔާ ވަދެވުނުތަނާ އެމީހާ ވަނީ ވިހާފަ އެވެ.

ޓައިމްސް އޮފް އިންޑިޔާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބެންގަލޫރޫގެ ޑޮއްޑަބާމަސަންދުރަ ޑީސްޓްރިކްޓްގެ މި އަންހެންމީހާ ބަނޑުގައި ރިހެން ފެށީ އެޕްރީލް 14 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ ހޮސްޕިޓަލާ ހަމައަށް ގެންގޮސްދޭނެ ވެހިކަލެއް ނުލިބުމުން ފިރިމީހާ އާ ދެ މީހުން ހިނގާފައި ހޮސްޕިޓަލަށް ދާން ނުކުތީ އެވެ.

ވަރަށް ދުރަށް ހިނގާފައިވަނިކޮށް ޑެންޓަލް ކްލިނިކެއް ހުޅުވަން ދޮރުފަތްގަނޑު ކަހާލާ މަންޒަރު އެމީހުންނަށް ފެނިގެން ދުވެފައި ގޮސް އެތަނަށް ވަނީ އެވެ. އަދި ވަންތާ މާ ގިނައިރެއް ނުވެ އަންހެންމީހާ ވިހެއީ އެވެ. އެމީހާއަށް ވިހަން އެހީތެރިވެދިނީ އެ ކްލިނިކްގެ އެސިސްޓެންޓެކެވެ.

ވަގުތުން ކްލިނިކް ހިންގާ ޑޮކްޓަރަށް އެންގުމުން އޭނާވެސް އައިސް މި އަންހެންމީހާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ޑޮކްޓަރު ބުނި ގޮތުގައި އަންހެންމީހާ ވިހާފައިވަނީ ދުވަސް ނުފުރަ އެވެ. އެހާ ދުރަށް ހިނގުމުގެ ސަބަބުން ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން ވިހެއުމަށްފަހު އަންހެންމީހާ ހޭނެތުނީ އެވެ. އަންހެންމީހާގެ ފިރިމީހާ ހީކުރީ ވިހޭއިރުވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ. އެހެންވެ ނޫސް ކަރުދާސްގަނޑަކަށް ލާ އޮޅާލާފައި 20 ވަރަކަށް މިނިޓް ވަނީ ބާއްވާފަ އެވެ.

މި ޑެންޓަލް ކްލިނިކް ހިންގާ ޑެންޓިސްޓް ޑރ. ރާމްޔާ ބުނީ އޭނާއަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ނުވާތީ އަންހެންމީހާ ވިހޭމަ ދެން ހަދާނެ ގޮތެއް ވެސް ނޭނގުނެވެ. ޑރ.ރާމްޔާގެ ފިރިމީހާއަކީ ޖެނެރަލް ފިޒީޝަނެއް ކަމުން އަވަހަށް ފިރިމީހާ އަށް ގުޅައިގެން ގެނައީ ކަމަށް ޑރ. ރަމްޔާ ބުންޏެވެ.

ކުއްޖާ މަރުނުވާކަން ޑޮކްޓަރުންނަށް އެނގިގެން ވަގުތުން ނޫސް ކަރުދާސްގަނޑުން ނަގައިގެން ފަރުވާ ދޭން ފެށުމުން ކުއްޖާގެ ސިއްހީ ހާލަތުވެސް ވަނީ ރަނގަޅު ވެފަ އެވެ. ފަހުން މައިމީހާ އާއި ދަރިފުޅު ވަނީ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.