ރާއްޖެއިން އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވީ މީހަކީ ޓެކްސީ ދުއްވުމުގެ މަސައްކަތް ކޮށް އުޅުނު މީހެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.
އެންއައިއޯސީން މިހާރު ބާއްވަމުންދަ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ދެ ދިވެހިން ކަމަށެވެ. އޭގެ ތެރެއިން އެންމެ ފަހުން ޕޮޒިޓިވްވީ މީހަކީ ކުރިން އަމީނީ ހިޔާއިން ޕޮޒިޓިވްވީ ބިދޭސީ މީހާއާ ގުޅުން އޮތް މީހެއް ކަމަށް އަފްޒަލް ވިދާޅުވިއެވެ. ބިދޭސީ މީހާގެ ކޭސްއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރޭ ޕޮޒިޓިވްވި އެ މީހަކީ އެސްޓީއޯ ހެޑްކްއާޓަރުގައި ސެކިއުރިޓީގެ މަސައްކަތުގައި އުޅޭ މީހެއް ކަމަށާ ނަމަވެސް އޭނާއަކީ ޑިއުޓީ ކުރާ ވަގުތު ނޫން އެހެން ވަގުތުތަކުގައި ޓެކްސީ ކުރާ މީހެއް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. -އޭނާއަކީ ކުލީ ދުވެލީގެ ޓެކްސީ ޑްރައިވަރެކެވެ.-
އޭނާގެ ކިބައިން އަލާމަތްތައް ފެންނަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާ މިހާތަނަށް އެ ކޭސްއާ ގުޅިގެން ހަތް މީހަކު ފާހަަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރޭ ފުރަތަމަ ޕޮޒިޓިވްވީ މީހާއަކީ އިއްޔެ ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އޭނާ ފްލޫ ކުލިނިކަށް ދައްކަން ދިއުމާ ހަމައަށް އުޅެމުންދިޔައީ ރަހުމަތްތެރިއެއްގެ ކައިރީގައި ކަމަށާ އޭގެ ފަހުން އޭނާގެ އާއިލާއާއެކުވެސް އުޅެފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަދި މިމަހުގެ 14 ވަަނަ ދުވަހުގެ ނިޔަލަށް އެމީހާ އީދު މިސްކިތަށް އަރާ އުޅުނު ކަމަށްވެސް ވިދާޅުވިއެވެ.
އެ ކޭސްއާ ގުޅިގެން މިހާތަނަށް 13 މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ދެ މީހުންންނާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 66 އަކަށް އެރީ އެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 86 އަރާފައެވެ.
ކޮވިޑް-19 ހަލުވިކަމާއެކު މާލޭގައި ފެތުރި އެ ބައްޔަށް ކޮންމެ ދުވަހަކު ގިނަ ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ.
މާލޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ލިލީ ސްޓޯރާ ގުޅުން އޮތް ކްލަސްޓާއިންނެވެ. އެގޮތުން އެތަނުގެ ދިވެހި މުވައްޒަފަކާއި 13 ބިދޭސީ މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެމީހުން ގުޅުން އޮތް 68 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ. އެމީހުންގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.
އެންމެ ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައި އޮތީ، ކޮވިޑް-19އާ ގުޅިގެން ހާލަތު ދަށް ބިދޭސީން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް ހަމަޖެއްސި އަމީން ހިޔާ ކުއާޓާސްގައި ހުއްޓާ ޕޮޒިޓިވްވި މީހާގެ ކޭސް އެވެ. ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އެ ތަނުގައި އޭނާއާ ކޮންޓެކްޓްވީ 200 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ ތަން ވަނީ މޮނީޓަރިން ހާލަތުގަ އެވެ.
މާލެއިން ބޭރުން އުލިގަމުން މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން އެ ކޭސްއާ ގުޅުންހުރި އިތުރު މީހަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.