ޓެކްސީ އެމްބިޔުލަންސް ބޭނުން ކުރުމުގެ އުސޫލު އާންމުކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންގެ ޙާލަތަށް ދިއުމުން އަސާސީ ސިއްހީ ހިދުމަތް ލިބުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެމަރޖެންސީ ހާލަތުގައި ބަލިމީހާ ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދިއުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދާ ދިނުމަށް ޓެކްސީ އެމްބިޔުލަންސް ބޭނުން ކުރުމުގެ ހުއްދަދީފައިވާ ކަމަށެވެ.
އެޗްޕީއޭއިން އާންމުކުރި އުސޫލުގައި އެމްބިޔުލަންސްގެ ގޮތުގައި ބޭނުންކުރާ ޓެކްސީތައް ހުންނަން ޖެހޭނެ ގޮތާއި ޑްރައިވަރު ހުންނަން ޖެހޭ ގޮތް އަދި އޭނާ އަމަލު ކުރަންޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ޓެކްސީ ޑްރައިވަރު އިންނަ ޝީޓް ހިމެނޭ ބައި ޕާޓްޝަން ޖަހާ ވަކިކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކާރަށް އެރުވޭނީ އިށީންދެ އިދެވޭ ހާލަތުގައި ތިބޭ ބަލި މީހުން ކަމަށާ ދެ މީހުންނަށް ވުރެ އިތުރަށް ކާރަށް މީހުން ނޭރުވޭނެ ކަމަށެވެ. އަދި ބަލިމީހާއާއި އެހީތެރިޔާ ތިބެން ޖެހޭނީ ފަހަތު ޝީޓްތަކުގައި ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބަލި މީހަކު އުފުލާއިރު ޓެކްސީ ޑްރައިވަރު ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކާރު ޑިސްއިންފެކްޓް ކުރަންޖެހޭ ގޮތްވެސް މި އުސޫލުގައި ބުނެދީފައިވެއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާއިރު މިއަދުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.