ކޮވިޑް-19 ގެ ބަލާއަފާތް ދުނިޔެ ތަހައްމަލު ކުރަން ފެށީއްސުރެ އެކަމުން ލިބޭނެ ގެއްލުންތަކާއި އާންމު ދިރިއުޅުމަށް ބުރޫއަރާނެ މިންވަރު އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ދަނީ ބުނެދެމުން ވިސްނައި ދެމުންނެވެ. އެހެންވިޔަސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑްގެ ނުރައްކާ މުޅި ދުނިޔެ ވަށާލި އެވެ. ދަތުރުފަތުރު ހުއްޓުވައި އިގްތިސޯދީ ހުރިހާ ހަރަކާތްތަކެއް މަޑުޖެއްސުވި އެވެ. އެއާ ގުޅިގެން އާމްދަނީ ލިބޭނެ ހުރިހާ މަގެއް ބަންދުވެ އެތައް މިިލިއަން ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. ކުންފުނިތަެއް ބަނގުރޫޓްވޫމާއި ކައިރިއަށް ގޮސްފައި ވެއެވެ.
މި އަސަރުތައް އެންމެ ބޮޑަށް ކުރި އަދި ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ފަތުރުވެރިކަމަށް މުޅިންހެން ބަރޯސާވެފައިވާ ރާއްޖޭގެ މައިދޮރާށީ ގައި ވަނީ "ބަންދު ބޯޑް" އަޅުވާފަ އެވެ. އޭގެ އަސަރު މުޅި ގައުމަށް ކޮށްފައި ވެއެވެ. ރާއްޖެއިންވެސް އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ. އަދިވެސް ގެއްލެމުން ދަނީ އެވެ.
މަހުން މަހަށް ލިބެމުންދިޔަ އާމްދަނީ ހުއްޓުމުން ކުންފުނިތައް ވަނީ ހުއްޓިފަ އެވެ. މުވައްޒިފުންނަށް ދެމުންދިޔަ މުސާރަކޮޅު ދެވޭނެ ގޮތެއް ނެތެވެ. އޭގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިފައިވަނީ މަސައްކަތްތެރިންނަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މުޅި ރާއްޖޭގެ ވަނީ ލޮކްޑައުންކޮށްފަ އެވެ. ވަރަށް އަސާސީ ބޭނުމަކަށް ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ބޭރަށް ނުކުމެ އުޅުން އޮތީ މަނާ ކޮށްފަ އެވެ. ސަބަބަކީ މާލެއިން ފުލުފުލުގައި ކޮވިޑްގެ ބަލި މީހުން ފެންނަމުންދާ ދިއުމެވެ. މާލޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ އެކަން ކުޑަ ކުރުވުމެވެ.
މިއީ ނާޒުކު އަދި ހާއްސަ ހާލަތެކެވެ. މި ހާލަތުގައި ވެރިރަށް މާލޭގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް މިއަދު ކުރަންުޖެހިފައިވަނީ ތަފާތު ބަހުސެކެވެ. އެއީ ކުލި ނުދެއްކިފައި ތިބި މީހުން ބުރަކަށީގައި އަތް އަޅައި ގޭގެއިން ނެރޭ މައްސަލަ އެވެ. މިހާތަނަށް ވެސް އެފަދަ ބައެއް ހާދިސާތައް ހިނގައިފި ވެ. އެފަދަ ބައެއް މީހުނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދީފައި ވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ނިސްބަތްވާ އެތައްހާސް ބަޔަކު މާލޭގައި ދިރިއުޅެމުން ގެންދެއެވެ. މާލޭގައިވާ ބޮޑެތި އުސް އިމާރާތްތަކުގައި ދިރިއުޅޭ ގިނަ މީހުންނަކީ މަހު ކުއްޔަށް އެޕާޓްމަންޓްތައް ހިފައިގެން ދިރިއުޅެމުން ގެންދާ މީހުންނެވެ. ބައެއް މީހުން ވަރަށް ބޮޑެތި ކުލީގަ އެވެ. ކޮވިޑްގެ ނުރައްކާ ފުރަތަމަ ރާއްޖެއަށް ކުރިމަތިވީ ވަގުތު ބައެއް ގެދޮރުވެރިން ނަމޫނާ ދެއްކި އެވެ. މަހަކަށް ނޫނީ ދެ މަހަށް ކުލި މައާފު ކޮށްދިން ގެދޮރުވެރިން ތިއްބެވެ. އަދި ކުލިން ބައެއް ކުޑަކޮށްލީ ކުލި ދައްކަން ތިބި މީހުންނަށް ލުއިކޮށްދިން ބައެއް މީހުން ހިމެނެ އެވެ.
މީގެ އިތުުރުން ބައެއް ގޭގޭގެ ކުލި ބޮޑުކުރި ވާހަކަތަކެއް ވެސް އަޑުއިވިގެން ދިޔަ އެވެ. އެކަންކަން ހުއްޓުވުމަށް ލޯން ނަގައިގެން ގެދޮރު ހަދާފައިވާ ފަރާތްތަކަށް ބޭންކްތައް މެދުވެރިކޮށް ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދިނެވެ.
މިހާރު ދިމާވެފައި މިވަނީ އެއަށްވުރެ މާ ސީރިއަސް މައްސަލައެކެވެ. މި ބަހުސް މިއަދު ދަނީ ކުރަމުންނެވެ. ސަރުކާރާ، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައިވެސް އޮތީ މި ބަހުސެވެ.
މިއީ މަހުން މަހަށް ލިބޭ މުސާރައިން ކުލީގެ ކަންކަން ހަމަޖައްސަމުންދިޔަ މީހުންނަށް ނުވަތަ ކުރާ މަސައްކަތުން ލިބޭ އާމްދަނީން ކުލި ދައްކަމުންދިޔަ މީހުންނަށް ކުލި ދެއްކުމަށް އިންތިހާއަށް އުނދަގޫ ވަގުތަކަށްވާނެ އެވެ. މިސާލަކަށް ޓެކްސީ ކުރާ މީހުންނަށް މިހާރު އެ މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތެވެ. އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރަމުންދިޔަ މީހުންނަށް ވެސް މުސާރަ ނުލިބި އެބަ ތިއްބެވެ. ސަރުކާރު ބަންދުވުމުން މިދިޔަ މަސްދުވަހު އިތުރު ގަޑީގެ ފައިސާ ލިބުނު ސިވިލްސާވެންޓަކު ވެސް ނެތެވެ. އެހެންވީމަ ހުރިހާ ގޮތަކުން ވެސް އާމްދަނީ ލިބޭނެ މަގު ވަނީ ބަންދު ވެފައެވެ. މަހުން މަހަށް ލިބޭ ފައިސާކޮޅުން ދިރިއުޅުން ހަމަޖައްސަމުންދިޔަ އެތައް އާއިލާއެއް ވަނީ ހަދާނެ ގޮތް ހުސްވެފަ އެވެ.
ކުލި ނުދެއްކުނަސް ގެއިން ނުނެރެން އިލްތިމާސް
ސަރުކާރުން ވަނީ ކުލި ނުދައްކައިގެން ގެއިން ނެރޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ބުނެފަ އެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވެވޭނެ ގޮތްތަކެއް ހަމަޖައްސަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ. ބައެއް ސުކޫލްތައް ވަގުތީ ހިޔާތަކަށް ބަދަލުކޮށް ތައްޔާރު ކުރަމުންދަނީ ވެސް މިވަގުތު ގެދޮރު ގެއްލޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދައިދޭށެވެ.
ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވި ގޮތުގައި މިއީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެކެވެ. މި ހާލަތުގައި ކުލި ނުދެއްކުނު ނަމަވެސް ކޮންމެވެސް އިންތިޒާމްތަކެއްގެ ދަށުން އެ މީހުން ގޭގޭގައި ބައިތިއްބައި ދިނުމަކީ ސަރުކާރުން އެދޭ އެދުމެކެވެ.
"ގޭގެ ކުލި ނުދެއްކިގެން އެ ގެއިން ބޭރަށް ނުކުތުމަށް މި ހާލަތުގައި ބަޔަކަށް ވަނީ އަންގާފައި. އަދި އެފަދަ އެތައް ކޭސްތަކެއް އުޅޭކަމުގެ މައުލޫމާތު ލިބޭ. މާލޭގައި ވަކިން ހާއްސަކޮށް އުޅޭ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ. މިކަހަލަ ލޮކްޑައުންއެއްގައި އޮންނަ ހާލަތެއްގައި ވަންނާނެ ތަނެއްނެތި މީހަކު މަގުމަތިވާން އެހެން ދޫކޮށް ނުލުން އެއީ ކޮންމެހެން މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ގޭގެ ކުލި ނުދެއްކިގެން އެ ގެއިން ބޭރަށް ނުކުތުމަށް މި ހާލަތުގައި ބަޔަކަށް ވަނީ އަންގާފައި. އަދި އެފަދަ އެތައް ކޭސްތަކެއް އުޅޭކަމުގެ މައުލޫމާތު، މާލޭގައި ވަކިން ހާއްސަކޮށް އުޅޭ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ. މިކަހަލަ ލޮކްޑައުންއެއްގައި އޮންނަ ހާލަތެއްގައި ވަންނާނެ ތަނެއްނެތި މީހަކު މަގުމަތިވާން އެހެން ދޫކޮށްނުލުން އެއީ ކޮންމެހެން މުހިންމު ކަމެއްމަބުރޫކް އަޒީޒް | ސަރުކާރުގެ ތަރުޖަމާން
މި މައްސަލާގައި އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް މެންބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ. މިއީ މެންބަރުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.
ކުލި ނެގުން ހުއްޓުވާ ގާނޫނެއް
ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ ހާލަތުގައި ކުލި ނެގުން މި ވަގުތު ހުއްޓުވާ ގޮތަށް ވަގުތީ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތާއީދު ކުރައްވާ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މާލޭގައި ކުއްޔަށް އުޅޭ މީހުން ތަމްސީލު ކުރާ މާލެ ޓެނެންޓްސް ޔުނިއަން (އެމްޓީޔޫ) ޖަމިއްޔާ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފެމިލީ ލީގަލް ކްލިނިކުން ވަނީ މި ހާލަތުގައި ކުލި ނެގުން ހުއްޓުމާ ނުވަތަ ކުލި ނުދެއްކޭ ހާލަތުގައި ތަނުން ނެރެން އެންގުން މަނާ ކުރާ ގޮތަށް ގާނޫނެއް ގެނައުމަށް ގޮވާލައިފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދިމާވާ ކަންކަމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައެޅުމަށް މަޖިލީހުގެ އެކި ކޮމިޓީތަކުގައި ދިރާސާ ކުރަމުން ދާއިރު، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ކުލި ނުދެއްކިގެން ތަނުން ނުކުންނަން ޖެހޭ މީހުންގެ މައްސަލަ ވެސް ހުށަހަޅައިފަ އެވެ. އެ ކޮމިޓީން ދަނީ މައްސަލަ ދިރާސާ ކުރަމުންނެވެ.
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ވިދާޅުވީ ކުލި ނެގުން މި ވަގުތަށް ހުއްޓުވަން ވަގުތީ ހާއްސަ ގާނޫނެއް ނުވަތަ ރެންޓް މޮރެޓޯރިއަމް އެކްޓްއެއް ގެންނަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އެކަމަކު އެ ގާނޫނު ފާސް ކުރަން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށާއި އެ ކަމަށް އުޅުއްވާނެ ކަމަށެވެ. މީކާއީލް ވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް އެ ބަހުސް ފައްޓަވާފައެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ހާލަތުގައި ރެންޓް މޮރެޓޯރިއަމް އެކްޓެއެއް އެބަ ގެނޭ، އެފަދަ އުސޫލުތަކެއް އެބަ ހަމަޖައްސައި، އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ގާނޫނެއް އެބަ ގެންނަން ޖެހޭ. އަޅުގަނޑު އެކަކަށް އެފަދަ ގާނޫނަކަށް ތާއީދު ކުރަން،" މީކާއީލް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވީ މިފަދަ ހާލަތެއްގައި ކުލި ނުދެއްކިގެން ބަޔަކު މަގުމަތިވެގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ހަމައެކަނި އިލްތިމާސްތަކެއް ކުރުމުން ނުފުދޭނެ ކަމަށެވެ.
"..ނެރެވިފައިވާ ކުއްލި ހާލަތުގެ ތެރެއިން ގަވާއިދަށް ގެނެވޭ ބަދަލަކުން ނުވަތަ މަޖިލީހުން ފާސްކުރާ ގާނޫނަކުން ނަމަވެސް މަގުމަތިވާ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަންޖެހޭ." ގައްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ބޭފުޅުންވެސް ގެންދަނީ އެފަދަ ގާނޫނެއް މުހިންމު ކަމަށް ވިދާޅުވަމުންނެވެ. އަދި މިއީ ކުލި ނުދެެއްކިދާނެ ހާލަތެއް ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށާ ވަޒީފާ ގެއްލި، ގޭގައި ތިބެން ޖެހުމުން ފައިސާ ލިބޭނެ ގޮތެއް ނޯންނާނެކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ.
ދެ ކަފި ވެފައިވާ ބަހުސެއް
މި މައްސަލާގައި އާންމު ރައްޔިތުންގެ ތެރޭގައި ތަފާތު ޝުއޫރުތައް ދަނީ ފާޅުކުރަމުންނެވެ. ހާއްސަކޮށް މި ބަހުސްގައި މާލޭގެ ގެދޮރުވެރިންގެ ތެރެއިން ބައެއް މީހުންގެ ހިޔާލު ވަރަށް ތަފާތެވެ.
މިކަމާ ގުޅުންހުރި ހަބަރުތަކަށާއި، ސޯޝަލް މީޑިޔާގައި އެފަދަ މީހުން ކޮށްފައިވާ ބައެއް ކޮމެންޓްތަކަށް ބަލާއިރު މާލޭގެ ބައެއް ރައްޔިތުންނަކީ ކުލީގެ ފައިސާއިން ދިރިއުޅުން ހަމަޖައްސަމުންދާ މީހުންނެވެ. އެހެން ކަމަށްވީއިރު ކުލި ނުދައްކާނަމަ ނުވަތަ ކުލި ނުލިބޭނަމަ އެ މީހުން ދިރިއުޅޭނީ ކިހިނެތްތޯ ސުވާލު އުފައްދާފައިވެއެވެ.
"..ބަލަ އަހަރެމެން މި އުޅެނީ ގެއިން ލިބޭ ކުލިންނޭ. އެހެންވީއިރު ކުލީގެ ފައިސާ ނުލިބޭނަމަ އަހަރެމެން އާއިލާތައް އުޅޭނީ ކިހިނެތް. މި ހުރިހާ ދުވަހު ލިބުނު ފައިސާއިން ދިރިއުޅުން ހަމަޖައްސަމުން ލޯން ދައްކަމުންދިޔައީ. މިއަދު އެ ފައިސާ ނުލިބޭނަމަ އަހަރެމެންނަށްވެސް ކެވޭނެ ގޮތެއްނެތް." ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މާލޭގެ ގެދޮރުވެެރިއަކު ލިޔެފައިވެއެވެ.
މި ދުވަސްވަރަކީ މާލެ 14 ދުވަހުގެ ލޮކްޑައުންއެއްގައި އޮތް ދުވަސްވަރެކެވެ. އެހެން ކަމުން ކުލި ނުދައްކައިގެން ބަޔަކު ނެރުނަސް އެ ތަންތަނަށް ވަންނާނެ ބަޔަކުވެސް މިވަގުތަކު ނުލިބޭނެއެވެ. އެހެންކަމުން މިއީ ކެތްތެރިކަމާއެކު އަދި އޯގާތެރިކަމާއި އިހުސާސްތެރިކަން އިސްކޮށް އަނެކުންނާމެދު އަމަލުކުރަންވީ ވަގުތެވެ.
"..މިސާލަކަށް ފަހުން ދައްކާ ގޮތަށް ނަމަވެސް އެއްބަސްވުމަކަށް އަންނަންވީ. މިމަހުގެ ކުލި ނުވަތަ އަންނަ މަހުގެ ކުލި ފަހުން ދޭގޮތަށް. ނުވަތަ ހާލަތު ބަދަލުވުމުން ކުލި ނުދެއްކުނު މުއްދަތުގެ ފައިސާ އެކި މަސްމަހުން ނަމަވެސް ދައްކާގޮތަށް. އެއްވެސް ހާލެއްގައި ކުލި ނުދެއްކިގެން ގެެއިން ނެރުން ބަލައެއް ނުގަނެވޭނެ." ސަރުކާރުގެ އިސް ބޭފުޅަކު ޓްވިޓާގައި ލިޔުއްވާފައިވެއެވެ.
ކޮންމެ ގޮތެއްވީނަމަވެސް ކުލި ނުދައްކައިގެން ކަމަށް ބުނެ ބަޔަކު މަގުމަތިކޮށްފިއެވެ. އެއީ ނިސްބަތުން މަދު ބައެއް ނަމަވެސް އެކަން އެބަ ހިނގައެވެ. ސަރުކާރުން އެފަދަ މީހުން ދެނެގަނެ އެހީވުމުގެ މަސައްކަތްވެސް އެބަ ފަށައެވެ. އެހެންވީމަ ގެދޮރުވެރިންގެ ދަތިތަކުގެ އަޑުވެސް އަހާ، މި މައްސަލައަށް އަވަސް ހައްލެއް ގެންނަންޖެހެއެވެ. އެހެން ނޫނީ ހީވެސް ނުކުރާފަދަ ބޮޑު މައްސަލައަކަށް އެކަންވެ، ސަރުކާރަށް ކަންކަން ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ގޮސްދާނެއެވެ.