ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

މާހިރުންގެ އަދަދުތަކާއި ނަޝީދުގެ ހިސާބު!

ކޮވިޑް-19 އިގެ ބަލާއާފާތުން މުޅި ދުނިޔެ ހާސްކޮށް، އިގްތިސޯދުތައް މިވަނީ "ހޭނައްތައި" ވައްޓާލާފަ އެވެ. މިހާރު އެ ބަލި 4.5 މިލިއަން މީހުންނަށް ޖެހިއްޖެ އެވެ. ބަލީގައި ތިން ލައްކަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. މިއީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާއިން ވައިރަސް ފެނުނު ފަހުން މި ބައްޔާއި ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ނެރޭ ތަފާސް ހިސާބުތަކުން ފެންނާން އޮތް ނަމްބަރެކެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުންހެން މި ބަލި ޖެހިފައިވާ މީހުން މިހާރު ވަނީ ފެނިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ބޮޑު ބަލާމުސީބާތަށް ވެސް މިވަނީ ވެފައެވެ. އަދި ބައްޔަކަށް ފަރުވާ ހޯދަން އެންމެ ގިނަ މަސައްކަތް ކުރަން ޖެހިފައިވާ ބަލިވެސް މެއެވެ. މުޅި ދުނިޔެ އެކުގައި މަސައްކަތް ކުރަމުން ދަނީ ބައްޔަށް ފަރުވާ ހޯދޭތޯ އެވެ.

ކޮވިޑްގެ ގްރާފްތައް ކޮންމެ ގައުމެއްގައި ވެސް ތަފާތެވެ. ބައެއް ގައުމުތަކުގައި ބަލި ވަރަށް ބޮޑަށް ފެތުުރިފައިވާއިރު އަނެއްބައި ގައުމުތަކުގައި ބަލި ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ ބަލި ޖެހުނު ވަރަށް ގިނަ މީހުން ރަނގަޅުކޮށް ކާމިޔާބު ވެސް ހޯދާފަ އެވެ.

ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ގޯހެވެ. ސިއްހީ މާހިރުންގެ އަންދާޒާތަކުން ކަންބޮޑުވާ މިންވަރަކަށް ބަލި ފެތުރޭނެ ކަމަށް ވަނީ ލަފާ ކުރައްވާފަ އެވެ. އެ އަންދާޒާތަކުގެ ނަމްބަރުތައް ހާމަ ކުރާ ކޮންމެ ފަހަރަކު ރައްޔިތުން ބޮޑު ކަންބޮޑުވުމެއްގެ ތެރެއަށް ވެސް ދެއެވެ.

އެއީ ސިއްހީ އޮފިޝަލުންގެ އަންދާޒާތަކުގައިވާ ނަންބަރުތަކުގެ ބޮޑު ކަމުންނެވެ. މީސް މަދު މި ރާއްޖޭގެ ބޮޑު ބަޔަކަށް ބަލި ޖެހޭނެ ކަމަށް އަންދާޒާތަކުން ދައްކާތީ އެވެ. މިހާތަނަށް އެފަދަ ދެ އަންދާޒާއެއް ނަމްބަރުތައް ވަނީ އާންމު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ އައި އަދަދުތަކަށްވުރެ ދެވަނައަށް އައި އަދަދުތައް ބޮޑުތަނުން ތަފާތެވެ. ފަހުގެ އަދަދުތައް ވަނީ ތިރިއަށް ސޮއްސާލައިފަ އެވެ.

ފުރަތަމަ އަންދާޒާގައިވާ އައީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭގަ އެވެ. އެއީ ކޮވިޑްގެ ބަލި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުނު ދުވަހެވެ. އެ ރޭ ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ މި ބަލި ރާއްޖެއިން 96،000 ވުރެ ގިނަ މީހުންނަށް ޖެހޭނެ އެވެ. އެގޮތުން މާލެ ސަރައްދުން އެކަނި ވެސް 46،000 ވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،000 ވުރެ ގިނަ މީހުންނަށް ޖެހޭނެ އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި މުޖްތަމައުގެ މީހަކަށް މި ބަލި ޖެހޭތާ 45 ނުވަތަ 50 ދުވަހުގެ ތެރޭގައި ބަލި "ޕީކް" އަށް ދާނެ އެވެ. އެހާ ހިސާބުން ދުވާލެއްގެ މައްޗަށް 5،000 ވުރެ ގިނަަ މީހުންނަށް މި ބަލި ޖެހޭނެ އެވެ.

އެ މައުލޫމާތުތައް ކަމާބެހޭ އިދާރާއިން ހާމަ ކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަދަދުތަކެއް ހާމަ ކުރައްވާފަ އެވެ. މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު، ކޮވިޑް ބަލިޖެހޭނެ މީހުންގެ އަދަދާއި، ބަލީގައި މަރުވާނެ ކަމަށް ލަފާވާ މީހުންގެ އަދަދުތަކެއް ވިދާޅުވެފައި ވެއެވެ. އެ އަދަދުތައް އެޗްޕީއޭއިން އާންމުކުރި މައުލޫމާތާއި ވަރަށް ބޮޑަށް ފުށު އަރަ އެވެ.

އެ ސުވާލުތައް އޭރު އުފެދުމުން އެފަދަ އެއްވެސް މައުލޫމާތެއް މަޖިލީހާއި ހިއްސާކޮށްފައި ނުވާނެ ކަަމަށް ވެސް އެޗްޕީއޭއިން އޭރު ބުންޏެވެ.

ދެވަނަ އަންދާޒާއެއްގެ އަދަދުތައް އެޗްޕީއޭއިން ހާމަކޮ ށްފައިވަނިކޮށް އެއާ ދިމާ އިދިކޮޅު އެހެން އަންދާޒާތަކެއް މި ފަހަރު ވެސް ރައީސް ނަޝީދު ވަނީ ނެރުއްވާފަ އެވެ.

މިފަހަރު ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަން މުޅީ ރާއްޖެއަށް ފެތުރޭނެ އެވެ. އަދި އެމަނިކުފާނަށް ފެންނަ ތަނުގައި ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހޭނެ އެވެ.

"ލޮކްޑައުނަށް މި ދިޔައީ ކޮވިޑް ފެތުރިދާނެ ކަމަށް ބުނެ ގައިދުރު ވުމަށްޓަކައި. އެކަމަކު މިހެން ބަންދުގައި ތިއްބާ ވެސް ރޯގާ ދަނީ އިންތިހާއަށް ފެތުރެމުން، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ރޯގާ ދިއުން ގާތް، އަދި ފެންނަ ފެނުމުގައި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ،" މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިދިއަ އަންގާރަ ދުވަހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ލޮކްޑައުނަށް މި ދިޔައީ ކޮވިޑް ފެތުރިދާނެ ކަމަށް ބުނެ ގައިދުރުވުމަށްޓަކައި. އެކަމަކު މިހެން ބަންދުގައި ތިއްބާ ވެސް ރޯގާ ދަނީ އިންތިހާއަށް ފެތުރެމުން، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ރޯގާ ދިއުން ގާތް، އަދި ފެންނަ ފެނުމުގައި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މާލެ ސިޓީ ލޮކްޑައުންކޮށް ފިޔަވަޅުތައް އަޅާފައިވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ހުރިހާ ރައްޔިތުންނަށް ކޮވިޑް ބަލި ޖެހޭނެ ކަމަށް ރައީސް ނަޝީދަށް ފެނިވަޑައިގެންނެވި ނަމަވެސް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު އަދި ހާހަކަށްވެސް ނާރަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 300 ވުރެ އިތުުރު ދިވެހިންނެވެ. މާލެ ސިޓީ ނުހިމަނައި ބަލި ފެނިފައިވަނީ ފަސް ރަށަކުންނެވެ.

މިފަދަ ނާޒުކު ކަމެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަން ޖެހޭނެ އެވެ. އެކަމަކު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ކޮންގޮތަކަށް ހޯއްދަވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާ ކުރައްވައިގެން ހެއްޔެވެ؟

ސިއްހީ މާހިރުން ވިދާޅުވާ ވާހަކަތަކާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަންނަ ވާހަކަތަކާ ބޮޑުތަނުން ތަފާތުތަކެއް ހުރުމަކީ ރައްޔިތުންގެ މެދުގައި ހާސްކަމާއި އިތުރު ކަންބޮޑުވުންތައް އުފެދޭ ކަމެކެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބެވި ސިއްހީ މާހިރުންނާއި ސައިންސްވެރިން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ތަފާތު ވާހަަކަތައް އެމަނިކުފާނާ ހިއްސާ ކުރައްވަ އެވެ. އަދި ދައްކަވާ ވާހަކަތައް ބިނާ ކުރައްވަނީ އެގޮތަށް ލިބިވަޑައިގަންނަވާ މައުލޫމާތުތަކުގެ މައްޗަށެވެ.

އެކަމާ ގުޅިގެން ދެ ޕްރެސްއެއްގައި ނޫސްވެރިން ސުވާލު ވެސް ކޮށްފި އެވެ. ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވި ގޮތުގައި ކަރަންޓީން ކުރާ އުސޫލާމެދު ހިތްހަމަނުޖެހުން އޮތް ނަމަވެސް ކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ. މަބުރޫކް އެހެން ވިދާޅުވަނީ ރަށްރަށަށް ފޮނުވާ މީހުން 14 ދުވަހަށް ކަރަންޓީން ކުރަން ސަރުކާރުން ނިންމި ނިންމުމަށް ރައީސް ނަޝީދު ފާޑު ވިދާޅުވުމުންނެވެ.

މަބުރޫކް ވިދާޅުވި ގޮތުގައި ފުރަަތަމަވެސް ސަރުކާރުން މަސައްކަތް ކުރީ ބަލި ރާއްޖެ އަންނާނެ ކަމަށް ބަލައިގެނެވެ. އަދި މިހާރު މަސައްކަތް ކުރަނީ ބަލި ފެތުރު ނަމަވެސް ވީހާވެސް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ފިޔަވަޅުތައް އަޅާށެވެ.

"އަޅުގަނޑުމެންނަށް ރިސްކެއް ނެގޭކަށް ނެތް، މިވަގުތު އެހެން ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް އައުމަކަށް،" ރައީސް ނަޝީދުގެ ވާހަކަފުޅަށް އިޝާރަތް ކުރައްވާ މަބުރޫކް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ނަޝީދު އެކި ފަހަރު އެކި ލަފަޔާއި އަންދާޒާ ނަމްބަރުތައް އާންމު ކުރައްވާ ސަބަބާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވާކަށް މަބްރޫކަކަށް ވެސް ކެރިވަޑައެއް ނުގަތެވެ.

އަޅުގަނޑުމެންނަށް ވީވަރަކުން ޖެހޭނެ ރާއްޖޭގެ ހުރިހާ ރަށެއް ވެސް ރައްކާތެރި ކުރުުމަށް މަސައްކަތް ކުރަން. ފަހަރުގައި ހަމަ އެހެން ރަށްތަކަށް ވެސް މި ބަލި ފެތުރިގެން ހިނގައިދާނެ. ނަމަވެސް އަޅުގަނޑުމެންނަށް ރިސްކެއް ނެގޭކަށް ނެތް، މިވަގުތު އެހެން ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް އައުމަކަށް
މަބުރޫކް އަޒީޒް | އެންއީއޯސީގެ ތަރުޖަމާން

އަވަސްއާ ވާހަކަފުޅު ދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މައްސަލާގައި ސަރުކާރުން އާންމުކޮށް ކަންބޮޑުވުން ފާޅު ނުކުރި ނަމަވެސް ކަންބޮޑުވުން އެބައޮތެވެ. އަދި އެކަމާއި ގުޅޭގޮތުން އެންމެ މަތީ ލެވެލްގައި ވެސް ވާހަކަ ދެކެވެ އެވެ.

"އެންމެ ފުރަތަމަ ސަރުކާރުން ފިޔަވަޅުތައް އަޅަން ފެށުމުން ރައީސް ނަޝީދު ވިދާޅުވީ މިއީ މާބޮޑު ކަމެކެެއް ނޫނޭ. އެވަރުގެ ވަރުގަދަ ފިޔަަވަޅުތަކެއް އަޅާކަށް ނުޖެހެއޭ. ފަހުން ވިދާޅުވީ އެތައް ބަޔަކަށް މިބަލި ޖެހި މަރުވެދާނޭ. ފަހުން އަނެއްކާ މި ވިދާޅުވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބަލި ފެތުރި އެންމެންނަށް ބަލި ޖެހޭނޭ... ފިޔަވަޅުތައް ލުއި ކުރަންޖެހޭ ކަމަށް. މިއީ ސަރުކާރުގެ ކަންބޮޑުވުމެއް. އަދި އެއީ ސަރުކާރުން މިވަރަށް ފިޔަވަޅުތައް އަޅަމުންދާއިރު މިއީ ފިޔަވަޅުތައް މުގުރާލުމަށް ދެވޭ ހިތްވަރެއް، އަނެއްކޮޅުން މިއީ ރައްޔިތުންގެ ތެރޭގައި މިހާރު އޮތް ބިރުވެރިކަން ވެސް އިތުރުވާނެ ކަމެއް." ސަރުކާރުގެ ވަރަށް އިސް މަގާމެއްގައި ހުންނެވި އެ ބޭފުޅާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުންގެ ކަންބޮޑުވުން ވެސް އެބައޮތެވެ. އަވަސްއާ ވާހަކަ ދެއްކި ދެ ލީޑަރަކު ވަނީ އެ ވާހަަކަތަކާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި އެކަން ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

"މި ދައްކަނީ ކޮންކަހަލަ ވާހަކަތަކެއްތޯ؟ މުޅި ގައުމު އެއް މިސްރާބަކަށް މަސައްކަތްކުރަމުން ދާއިރު ރައީސް ނަޝީދުގެ ބަސްމަގު މި ހުރީ އެހެން މިސްރާބަކަށް. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް. އަޅުގަނޑުގެ ނަޒަރުގައި ސިއްހީ މާހިރުން ނޫނީ އެގޮތަށް އަދަދުތަކަކާމެދު ވާހަކަ ދައްކަވައިގެން ނުވާނެ. ހުދު ރައީސް ވެސް އެކަން ނުކުރައްވާ ނޫންތޯ؟ އެހެންވީމަ މިއީ ސަރުކާރުން ލުއިކޮށް ދޫކޮށްލަންވާނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން." ކޯލިޝަންގެ ލީޑަރަކު ނަން ހާމަ ނުކުރައްވަން އެދިވަޑައިގެން ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅޭގޮތުން ސިއްހީ މާހިރުން ފިޔަވައި އެހެން ބަޔަކު ހިސާބުތައް ޖަހައި ލަފަޔާއި އަންދާޒާތައް ހާމަ ކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރާ ގޮތެއް ނޫނެވެ. އަދި ބައެއް ގައުމުތަކުގައި އެފަދަ ކަންކަން ކުރުމަކީ ކުށަކަށް ހަދާފައި ވެއެވެ.