ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕޮލިޓިކްސް

ރައީސް ނަޝީދު ދެއްވީ އިންޒާރެއްތަ؟

މިދިއަ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ: "މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ބާރު އޮންނާނެ. މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ވެސް ނިންމޭނެ."

މިއީ ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށައް ދެވޭނެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެކެވެ. މީގެ ކުރިން ވެސް މި އިޝޫއަށް އެ މަނިކުފާނު ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ކުރިޔާ ހިލާފަށް ހޯމަ ދުވަހު އެމަނިކުފާނުގެ ވާހަކަފުޅާއި ރާގު ހުރީ ތަންކޮޅެއް މުރަނަ ގޮަަތަކަށެވެ. ރިޔާސަތުގައި އިންނަވައިގެން ވަރަށް ގިނަ ވާހަކަފުޅު ވިދާޅުވުމަށް ފަހު އާދައިގެ މަތީން ސަމާސާ ކޮށްލަވާ ހިނިފުޅުވަޑުވައި ހެއްދެވި ނަމަވެސް އެ ވާހަކަފުޅު ވިދާޅުވި އިރު އެ މަންޒަރެއް ނުފެނުނެވެ. އޭގެ ބަދަލުގައި އެމަނިކުފާނަށް ވެސް "ކެތް ކުރެއް ވޭނީ ވަކި މިންވަރަކަށް" ކަމަށް ވިދާޅުވެފައި ވެއެވެ. އަދި "މިހާރު ކެތްތެރިކޮށް ކޮޅުން ލައިގެންގޮސްފައިވާ" ކަމަށް ވެސް އިޝާރާތް ކުރެއްވި އެވެ.

"އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން ދާ ތަން... އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް،" ކުރީގެ ރައީސް ވިދާޅުވި އެވެ.

ކޮވިޑްގެ މި ބަލާއާފާތުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކާއި މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މުޅި ދުނިޔެ ވެސް ތަޖުރިބާ ކުރާން ޖެހިފައިވާ ހާލަތެއް ރާއްޖެ ވެސް ކުރަމުން އޮވެ ދާނެ އެވެ. ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކަށް ވުމުން ބަލިން ރައްކާތެރިވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވެއެވެ.

ރާއްޖެވެސް އެ ފިޔަވަޅުތައް އަޅަން މަޖުބޫރެެވެ. ރާއްޖޭގައި އަޅާފައިވާ ކޮންމެ ފިޔަވަޅަކީ ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެވެ. އެއީ ވަކި ވަޒީރަކު ބޭނުން ވެގެން ނުވަތަ ނުވަތަ ނުފޫޒުގަދަ ވަކި ބޭފުޅެއްގެ ބާރުގައި އަޅާފައިވާ ފިޔަވަޅެކޭ ބުނާނެ ޖާގައެއް ނެތެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހިންގެ ގިނަ ބަޔަކު އަންދާޒާ ވެސް ނުކުރާ މިންވަރަށް މާލޭގައި ކޮވިޑް ފެތުރިފައިވާ ކަމެވެ. ރަށްރަށަށް ދަތުރު ކުރުން މަނާކޮށް މާލެ ލޮކްޑައުން ކުރީ އެހެންވެ އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގަ އެވެ. މާލެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މަސް ދުވަސްވީއިރު ހާހަކަށްވުރެ ގިނަ މީހުނަށް އެ ބަލި ޖެހިއްޖެ އެވެ. ދަތުރުފަތުރުގެ ސަބަބުން އިތުރު ބައެއް ރަށްތަކަށް ބަލި ފެތުރިއްޖެ އެވެ. ރަށްރަށުން ބަލި މީހުން ފެނިއްޖެ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ހަތަރު މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

މިއީ ފެންނަން ހުރި ހަގީގަތެވެ. ފެންނާން ނެތްބައި ވެސް އޮންނާނެ އެވެ. އެހެން ކަމުން ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދުލެއް ދޭނީ ކިހިނެއް ހެއްޔެވެ؟ ދުލެއް ދިނަސް ދެވޭނީ އެ އޮންނަ މުއްދަތަކުން ބަލަން ޖެހޭ ބެލުންތަކެއް ބެލުމަށް ފަހު އެވެ.

ނަމަވެސް ރައްކާތެރިކަމަށްޓަަކައި އަޅާފައިވާ ފިޔަވަޅަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މި މިވަރަށް ވާހަކަ ދައްކަވަނީ ކީއްވެގެންތޯ އެއީ ސުވާލަކަށް ވެއެވެ. އަދި އެކަމުގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގިދާނެ ކަމަށް އިޝާރާތް ދެއްވަނީ އެއީ ބިރެއް ދައްކަން ހެއްޔެވެ؟ ނުވަތަ ކުރިއަށް ރާއްވަވާފައިވާ ސިޔާސީ ކަމަކުން އިޝާރާތެއް ކުރަންވަނީ ހެއްޔެވެ؟

މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން ވެސް ރައީސް ނަޝީދު އެ ދިމާއަށް ވަޑައިގެންނެވި އެވެ:

"ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން،"

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވިއިރު އެ މައްްސަލައަށް ހައްލު ހޯދަން ސަރުކާރުން މަަސައްކަތް ނުކުރެއެކޭ ވެސް ބުނެވޭކަށް ނެތެވެ.

ރަށަށް ދާން ބޭނުންވާ މީހުންގެ ތެރެއިން 800 އަށްވުރެ ގިނަ މީހުން ކަރަންޓީންގެ މުއްދަތު ހަމަކުރަމުން އެބަދެ އެވެ. ރަަށަށް ދާން ބޭނުން ވެގެން 5،000 ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ. އޭގެ ތެރެއިން މާލޭގައި ތާށިވެފައި ތިބީ 1500 މީހުންނެވެ. ދެން ތިބި މީހުންނަކީ މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނެވެ. އެމީހުން ރަޖިސްޓްރީ ކުރީ މި ހާލަތުގައި ރަށުގައި އުޅެން ބޭނުންވާތީ އެވެ. އެހެންވީމަ ކަރަންޓީންގައި ޖާގަ އޮތް މިންވަރަކުން ފުރުސަތު ދެނީ ރަށްރަށަށް ފޮނުވަން އެންމެ މުހިންމު މީހުންނަށެވެ.

މިހާރު ދިމާވެފައިވާ ހާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަމައެކަނި ދައްޗާއި ތަކުލީފަކީ އެއީއެއް ނޫނެވެ. އެއީވެސް ބަޔަކަށް ކުރިމަތިވެފައިވާ ދައްޗެކެވެ. ނަމަވެސް ގޭގެ ކުލި ނުދެއްކިފައި ކިތައް މީހުން ތިބިކަން މަޖިލީހުގެ ރައީސަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންދާ އެތައް ބަޔަކު ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސް ނުގެނެވި ހާލަތު ގޯސްވެފައިވާކަން އެނގިވަޑައި ނުގަންނަވާ ހެއްޔެވެ؟ ކުރަމުން ދިޔަ މަސައްކަތް ގެއްލި، މުސާރަ ލިބުން ހުއްޓިފައިވާ އެތައް ބަޔަކު ތިބިކަން އެނގިވަޑައިގަންނަވާ ހެެއްޔެވެ؟ ބިލުތައް ނުދެއްކި މާދަމާ ވެސް ފެނާއި ކަރަންޓް ކަނޑާލަފާނެތީ އެ ކަމުގެ ކަންބޮޑުވުމުގައި ތިބި އެތައް އާއިލާއެއް އެބަ ތިއްބެވެ. މިއިން އެއްވެސް ކަމަކަށް ސަރުކާރަށް އަދި ހޯދައިދެވުނު މާބޮޑު ހައްލެއް ވެސް ނެތެވެ. އެކަމަކު އެވާހަކައެއް ނުދައްކަ އެވެ.

މި ހުރިހާ ވާހަކައަކަށް ވެސް މި އޮންނަނީ ކޮންމެ ރެއަކު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ތަރުޖަމާނެއްގެ ދުލެވެ. އޭނާ ވެސް އިލްތިމާސެއްގެ ގޮތުގައި ވިދާޅުވަނީ "ގޭގެއިން މީހުން ނުނެރޭށޭ" އެވެ. އަދި "ވަޒީފާތަކުން މީހުން ނުކަނޑާށޭ" އެވެ.

ދަތި ހާލުގައި ތިބި މީހުންނަށް އޮތް ހައްލެއް އަދި ނެތެވެ. އޮތީ އެކަން ރަނގަޅު ކުރަން ކުރަމުންދާ މަސައްކަތެއް އޮތިއްޔާ އެ ކަމެކެވެ. މި ހުރިހާ މައްސަލަތަކުގެ ތެރެއިން ހަމައެކަނި އެންމެ މައްސަލައެއް ނަންގަވާ ސަރުކާރާއި ވަޒީރުންނަށް އިޝާރާތް ކުރައްވާ ދެއްވާ އިންޒާރެއްގެ ގޮތަށް ސިފަ ކުރެވޭ ގޮތަށް ވާހަކަތައް ގެނައުމުގައި ކޮންމެވެސް އެހެން ކަމެއް ފޮރުވިފައި ވާނެ އެވެ.

ފުރަތަމަ ކަމަކަށް މިއީ ވަކި ވަޒީރަކާއި ގުޅުންހުރި މައްސަލައެއް ވެސް ނޫނެވެ. މި ފިޔަވަޅު އެޅީ ވަޒީރެއް ވެސް ނޫނެވެ. މިއީ މުޅި ދައުލަތް ސާމިލުވާ ފިޔަވަޅެކެވެ. ގާނޫނީ އިމުގެ ތެރެއިން ގާނޫނުގެ ބާރުން ގެނައި ފިޔަވަޅެކެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކުރީ ހެލްތު މިނިސްޓަރަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މާލެ ލޮކްޑައުން ކުރީ ޑިރެކްޓަރު ޖެރެނަލް އޮފް ޕަބްލިކް ހެލްތަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މާލެއިން މީހުން އަރާ ފޭބުން މަނާ ކުރީ ވެސް އެ ބާރުގެ ދަށުންނެވެ. އެކަންކަން ކޮށްފައި ވަނީ ރައީސް ސޯލިހުގެ ފުރިހަމަ އިރުޝާދާ އެއްގޮތަށެވެ.

މަޖިލީހުގައި ކިތަންމެ ބޮޑު ބާރެއް އޮތް ނަމަވެސް މި ކަމާ ގުޅިގެން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައަކާ ހަމައަށް ދާނެ ޖާގައެއް އަދި ނެތެވެ. އެހެން ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް އެބަ އޮތެވެ. އެއީ ވެންޓިލޭޓަރުގެ މައްސަލާގަ އެވެ. އެއީ އަޑި ނޭންގޭ އެތައް ކަމެއް ފޮރުވިފައިވާ ކަމެކެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަ ނުރަން އެދި ވަޑައިގެން ދެ ވާހަކައެއް އަވަސް އަށް އިއްޔެ ވިދާޅުވި އެވެ. އޭނާގެ އެއް ވާހަކައަކީ ވަރަށް ތަފާތު ވާހަކަ އެކެވެ. އެއީ ރައީސް ނަޝީދު ސަރުކާރަށް ޖެއްސުން ކުރައްވާ ވާހަކަ އެވެ. ބޭރަށް ނުފެނުނަސް މީގެ ކުރިން ވެސް އެތައް ގޮތަކުން ޖެއްސުން ކުރައްވައިިފިއޭ އޭނާ ވިދާޅުވެ އެވެ. ސަރުކާރަށް ދަތިކުރުމުގެ ގޮތުން ކޮށްފައިވާ އެތައް ކަމެއް އޭނާ ވިދާޅުވެ ދެއްވަ އެވެ. އަދި މިފަހަރު އެފަދަ ވާހަކަފުޅެއް ވިދާޅުވުމުގެ އެއް ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ދެކެ ވަޑައިގަންނަ އެވެ.

ދެވަނަ ކަމަކީ މަޖިލިސް ރައީސްގެ ރުހުން ނެތް ވަޒީރުންނަށް ދެން ކެބިނެޓްގައި ނުތިބެވޭނެ ކަމުގެ ސާފު އިޝާރާތެއް ދެވީ އެވެ.

"ހަގީގަތަކީ އެމްޑީޕީ އެކަނި ސަރުކާރު ހިންގަން ރައީސް ނަޝީދު ގޮވާލައްވާތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ. ނަމަވެސް އެއިން އެއްވެސް ގޮވާލުމަށް ރައީސް ސޯލިހް އިޖާބައެއް ނުދެއްވާ. އެމަނިކުފާނު ހުންނެވީ ވައުދާ އެއްގޮތަށް ފަސް އަހަރަށް ކޯލިޝަން ދެމެހެއްޓުމަށް. ނަމަވެސް ސަރުކާރު ކާމިޔާބު ކުރަން ރައީސް ނަޝީދުގެ އެހީތެރިކަން ވެސް އިންތިހާއަށް މުހިންމު، އެހެންވީމަ ރައީސް ނަޝީދު އެ ކުރައްވާ ކަންކަމަށް ފާޅުގައި އެއްޗެއް ވިދާޅުވެވޭކަށް ސަރުކާރަކަށް ނެތް. ނަމަވެސް ރައީސް ނަޝީދުގެ އެ މަގުސަދު ހާސިލު ކުރުމަށް ކޮންމެވެސް ކަމެއް ބަހަނާ އަކަށް ދައްކަވާފައި ކޮންމެ ފަހަރަކު ވެސް ވާހަކައެއް ދައްކަވަނީ އެންމެ ބޭނުމެއްގައި. އެއީ ސަރުކާރަށް ޖެއްސުން ކުރުމަށް ނޫނީ ސަރުކާރުގެ ތެރެއިން އެހެން ޕާޓީތަކުގެ ވަޒީރުން ބޭރު ކުރުމަށް،" އެމްޑީޕީއަށްވެސް ނިސްބަތްވާ އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ކޮންމެ ފިޔަވަޅަކީ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާ އެވެ. އެކަމަކު އެ މެންބަރުންގެ ނަމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައި މަންޒަރު ބަދަލު ކޮށްލައްވަނީ އެވެ.

"އެހެން ނޫންނަމަ މެންބަރުން ވެސް ބަހުސްގެ މަރުހަލާގައި އެކަންބޮޑުވުން ފާޅު ކުރައްވަންވީ ނޫންތޯ؟ މިއީ ރައީސް ނަޝީދު އުފަން ކުރުވާ މައްސަލަތަކެއް، ކަންބޮޑުވުންތަކެއް. އެއީ މަޖިލީހުގެ މެންބަރުންގެ ސާފު ވިސްނުމުއް ވެސް ނޫން."

އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި މަޖިލީހުގައި ރައީސް ސޯލިހުގެ ބާރުވެރިކަން ބޮޑެވެ. އެކަން ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އުފެދިގެން ނޫނީ އެމްޑީޕީގެ ތެރޭގައި އޮތް އެ ބައިބައިވުން ރައްޔިތުންނަށް ފެންނަ މިންވަރަށް ތިލައެއް ނުވާނެ އެވެ.

"މިއީވެސް ހަގީގަތް، މަޖިލީހުގައި ރައީސް ނަޝީދަށް ވަފާތެރި މެންބަރުންނަށްވުރެ ސަރުކާރާއި ރައީސް ސޯލިހަށް ވަފާތެރި މެންބަރުން ގިނަ. ނަމަވެސް އެކަން ޔަގީން ކުރެވޭނީ އެ ދެ ބޭފުޅުންގެ މެދުގައި ސިއްރުވެފައި އެ އޮތް ހަގީގީ ދެކޮޅުވެރިކަން ފެންމަތިވީ ވަގުތަކުން. އެހެންވާކަށް ރައީސް ބޭނުންފުޅެއް ނުވޭ. އެކަން އެގޮތަށްވެއްޖެނަމަ ކޯލިޝަން ދެމެހެއްޓުމުގައި ރައީސަށް ގޮންޖެހުން ކުރިމަތިވާނެ. ނަމަވެސް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެ މިސްރާބަށް." އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން މި އަންނަ ވާހަކަފުޅާ މެދު ގިނަ މެންބަރުންގެ ހިތްހަމައެއް ނުޖެހެ އެވެ.

"ރައީސް ނަޝީދު އެ ދެއްވަނީ މިވަގުތު ސަރުކާރު ދަމަހައްޓަން ތިބި ބަޔަކު ދެއްވައިގެން ވާނެ ޕްރެޝަރެއް ނޫން. އަނެއްކޮޅުން އެއީ ބަޔަކު ކިތަންމެ ރުޅި އަޔަސް ވާނެ ކަމެއްވެސް ނޫން. މާލެއިން ރަށްރަށައް މީހުން ފޮނުވުމަކީ ގަސްތުގައި ރަށަކަށް ބަލި ފެތުރުން ކަމުގައި ބުނެވިދާނެ. އެހެންވީމަ ސަރުކާރުން އެ ރިސްކެއް ނުނަގާނެ. އަދި ރިސްކު ނަގައިގެން އެކަން ކޮށްފިނަމަ އާހިރުގައި ލިބޭ ގެއްލުމަށް ވެސް ޒިންމާވާން ޖެހޭނީ ސަރުކާރު، މަޖިލީހެއް ނޫން." އައްޑޫ ސިޓީ ތަމްސީލް ކުރައްވާ މެންބަރަކު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުމާމެދު މީގެ ކުރިން ސަރުކާރުން ވާހަކަ ދައްކާފައި ވެއެވެ. ކޮވިޑްގެ ތެރެއިން އުފަންވި ސަރުކާރުގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ސަަރުކާރުގެ ވިސްނުމަކީ ވީހާވެސް ގިނަ ރަށެއް ބަލީގެ ނުރައްކަލުން ސަލާމަތް ކުރުމެވެ.

"އަޅުގަނޑުމެންނަށް ވީވަރަކުން ޖެހޭނެ ރާއްޖޭގެ ހުރިހާ ރަށެއް ވެސް ރައްކާތެރި ކުރުުމަށް މަސައްކަތް ކުރަން. ފަހަރުގައި ހަމަ އެހެން ރަށްތަކަށް ވެސް މި ބަލި ފެތުރިގެން ހިނގައި ދާނެ. ނަމަވެސް އަޅުގަނޑުމެންނަށް ރިސްކެއް ނެގޭކަށް ނެތް، މިވަގުތު އެހެން ރަށެއްގައި ކޮމިއުނިޓީ ސްޕްރެޑެއް އައުމަކަށް" މަބްރޫކް އަޒީޒު ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ ވިސްނުން ތަފާތެވެ. ސަރުކާރުން އަމަލު ކުރަނީ ސިއްހީ މާހިރުންގެ އިރުޝާދަށެވެ. އެނޫން ބަޔަކު ދައްކާ ވާހަކަތަކަށް ބަރޯސާވެވެން މިވަގުތަކު ނޯންނާނެ އެވެ.

"އަޅުގަނޑުމެން ވަރަށް ސާފުކޮށް ބުނަމުން މިއަންނަ ވާހަކައަކީ އިގްތިސޯދެއްގެ ބޭނުމެއް ނެތޭ ރައްޔިތުންގެ ރައްކާތެރިކަމަށް އަދި ރައްޔިތުންގެ ސަލާމަތަށް ނޫނީ. ދިވެހި ރައްޔިތުން ސަލާމަތަށް ރައްކާތެރިކަމެއް ނެތި އިގްތިސޯދެއް ހިންގުމުގެ ބޭނުމެއް ނެތް. އެހެންވީމަ އަޅާ ކޮންމެ ފިޔަވަޅެއްގައި އެންމެ އިސްކަން ދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް. މިކަމުގައި ޑޮކްޓަރުން ނޫނީ ދޭންޖެހޭ ލަފައެއް އޮންނާނެ ކަމަކަށް ނުފެނޭ. ސަރުކާރު އޮޕަރޭޓް ކުރާނީ އެގޮތަށް،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު އެއީ އިންޒާރަކަށް ނުވިޔަސް އެއީ އިންޒާރަކަށް ފުދެއެވެ. މުރަނަކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް އެއީ ސަރުކާރަށް ދެއްވުނު އިންޒާރެއް ކަމުގައި ހީފުޅު ވެގެން އުޅުއްވިހެން ވެސް ހީވި އެވެ. ވަކި ހިސާބަކުން ވިދާޅުވިއެވެ:

"މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ބާރު އޮންނާނެ. މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ވެސް ނިންމޭނެ، އެހެންވިޔަސް އަޅުގަނޑުމެން ދާން ބޭނުންވާ އަމާޒެއް ނޫން އެއީއެއް،"

އިއްޔެގެ ޖަލްސާގައި ވެސް އަލުން އެ ވާހަކަފުޅު ފެއްޓެ ވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެރޭގައި ހިނގާ ގޯސް ކަންކަމަށް މަޖިލީހުގެ މެންބަރުންނަށާއި އެމަނިކުފާނަށް ފާޑުވިދާޅުވުމުގެ ޖާގަ ލިބެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮންނާތީ އެވެ.

"އެމްޑީޕީގެ މެންބަރުން ސާރުކާރަށް ފާޑުކިޔުމަކަށް ޖެހިލުންވެވަޑައެއް ނުގަންނަވާނެ، އެއީ މެންބަރުންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް [ދައުލަތުގެ] ފައިސާގައި ޖެހިވަޑައި ނުގަންނަވާނެ ކަން." ނަޝީދު ވިދާޅުވި އެވެ.