ހަބަރު

ރަންދިހަފަހެއް ނޫޓްތައް ބޭނުން ކުރަން ފަށާނީ ޑިސެމްބަރުން ފެށިގެން: އެމްއެމްއޭ

Sep 15, 2015

ރަންދިހަފަހެއްގެ އާ ނޫޓު ސީރީޒް އަންނަ އޮކްޓޯބަރުމަހު ތައާރަފުކުރިޔަސް ނޫޓު ބޭނުންކުރަން ފަށާނީ ޑިސެމްބަރުން ފެށިގެން ކަމަށް މަރުކަޒީ ބެންކް، އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭގެ ބައެއް ޕްރޮގްރާމްތަކާ ބެހޭގޮތުން މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ އަޒީމާ އާދަމް ވިދާޅުވީ، އާ ނޫޓު ސީރީޒް އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައި ތައާރަފު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ނޫޓުތައް އާންމުކޮށް ބޭނުންކުރަން ފަށާނީ ޑިސެމްބަރުން ފެށިގެން ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ނޫޓު ރަސްމީކޮށް ބޭނުންކުރަން ފަށާ މުއްދަތު ފަސް ކުރިން ނިންމީ ނޫޓުތައް ނެރުމުގެ ކުރިން ހުރިހާ ރަށަކަށް ނޫޓުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ނޫޓުތައް ދައްކާލުމުގެ ގޮތުން ކަމަށާއި އަންނަ މަހު ނޫޓުތައް ނެރުމަށްފަހު، ނޫޓުތަކާ ގުޅުންހުރި މައުލޫމާތު ދިނުމަށް އަތޮޅުތެރޭގެ އެކި ރަށްރަށަށް އެމްއެމްއޭގެ ޓީމުތައް ދާނެ ކަމަށެވެ. 

އާ ނޫޓު ސީރީޒް ބޭނުންކުރަން ފަށާ މުއްދަތުން ފެށިގެން ހަ މަސްދުވަހާ ހަމައަށް މިހާރު ބޭނުންކުރާ ފައިސާ ވެސް ބޭނުންކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރާ ހަމަޔަށް މިހާރު ގެންގުޅޭ ނޫޓުތައް އައު ނޫޓުތަކަށް އެމްއެމްއޭ އިން ބަދަލުވެސް ކޮށްދޭނެއެވެ.

ހާއްސަ ޖަލްސާއެއްގައި ނޫޓު ނެރުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.