ރަންދިހަފަހެއް

މިމަހު 26 އިން ފެށިގެން ރަންދިހަ ފަހެއްގެ ނޫޓް ބޭނުންކުރަނީ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ދިވެހި ފައިސާގެ އާ ނޫޓު ސީރީސް "ރަންދިހަ ފަހެއް" މިމަހުގެ 26 ފަށައިގެން ބޭނުން ކުރަން ފަށަން ނިންމައިފި އެވެ.

މިއަދު އެމްއެމްއޭ އިން ކުރި ޓުވީޓެއްގައި ވަނީ މިމަހު 26 އިން ފެށިގެން އާ ނޫޓު ސީރީޒް ބޭނުންކުރަން ފަށާނެ ކަމަށެވެ.

ރަންދިހަ ފަހެއްގެ ނަމުގައި ޕޮލިމާ ކަރުދާހުގައި ނެރުނު ޓުތަކަކީ އެންމެ ފެންވަރު ރަނގަޅު ނޫޓުތަކަށް ވުމުގެ އިތުރުން އެ ނޫޓުތަކުގެ ވަގު ކޮޕީއެއް ނުހެދޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އާ ނޫޓު ސީރީސް ޗާޕްކުރަނީ ދިވެހި ރުފިޔާގެ ނޫޓުތައް 1947 ވަނަ އަހަރުން ފެށިގެން ޕްރިންޓްކުރާ އިނގިރޭސިވިލާތުގެ ޑިލާރޫއިންނެވެ.

މިނިވަން 50 އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.

އާ ނޫޓްތަކަކީ ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަން ދައްކައިދޭ ނޫޓުތަކެކެވެ.