ރަންދިހަފަހެއް

މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ރަންދިހަ ފަހެއްގެ ކެމްޕެއިން ކުރިޔަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތާރަފު ކުރި ދިވެހި ފައިސާގެ އާ ނޫޓު ސީރީސް ރަންދިހަ ފަހަކަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ކެމްޕެއިންނެއް ފަށައިފި އެވެ.

އަލަށް ތާރަފްކުރި ދިވެހި ނޫޓަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އެމްއެމްއޭ މުވައްޒިފުން ކުރިޔަށް ގެންދާ މިކެމްޕެއިން ހަފްތާ ބަނދުގައި މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ކުރިޔަށް އެބަދެ އެވެ. ކެމްޕެއިން ހަރަކާތްތައް ކުރިޔަށްދަނީ މެންދުރު ފަހުން 3:00 އިން އިރުއޮސި 6:00 އަކާ ހަމައަށެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސެން މިއަދު ވިދާޅުވީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރަންދިހަ ފަހެއް ނޫޓަށް މީހުން ހޭލުން ތެރިކުރުމުގެ ގޮތުން ރޯޑްޝޯތަކެއް ކުރިޔަށް ދާނެ ކަމަށާއި އެ ރޯޑްޝޯތަކުގައި ރަންދިހަފަހެއް ނޫޓާއި ބެހޭގޮތުން ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ.

"މި ކެމްޕެއިން މާލޭގައިވެސް ވަަރަށް ގިނަ ހިސާބުތަކުގައި އަޅުގަނޑުމެން ކުރިޔަށް ގެންދަން. ބޭނުމަކީ މި އާނޫޓުގެ ފީޗާސް ތަކާއި އަދި ގެންގުޅެން ޖެހޭ ގޮތޮތުގެ އިތުރުން ސަމާލުވެލަން ޖެހޭ ބައެއް ކަންތަށްތަށް ދެނެގަނެ އެކަންތަކަށް އާމުން ހޭލުން ތެރި ކުރުވުން. އަދި މި ރޯޑްޝޯތަކަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ އަދި އާނޫޓު ތަޖުރިބާކޮށްލަން އަތްލަން ވެސް ލިބޭނެ،" ފަޒާލް ވިދާޅުވި އެވެ.

ފަޒާލް ވިދާޅުވީ މިއަދާއި މާދަމާ މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ކެމްޕެއިން ކުރިޔަށް ދާއިރު އަންނަ ހަފްތާގެ ބަނދުގައި އަތޮޅޫތަކަށް ދާން ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މި ނޫޓަށް ހޭލުން ތެރިކުރުވުމަށް ރާއްޖޭގެ ހުރޮހާ އަތޮޅުތަކަށް ދިއުމަށް ހަމަޖެިފައިވާ ކަމަށެވެ.

މިނިވަން 50 އާ ގުޅުވައިގެން ޕޮލިމާ ކަރުދާހުގައި ހަދަފައިވާ ރަންދިހަ ފަހެއް ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ. އާ ނޫޓު ސީރީސް މިދިޔަ މަހުގެ 17 ވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ އިރު ނޫޓްތައް ސާކިއުކޭޝަން އަށް ދާނީ އަންނަނަ ޑިސެމްބަރު މަހުން ފެށިގެނެވެ.