ރަންދިހަފަހެއް

އާ ރުފިޔާގެ ވަގު ނޫޓް އުޅޭ ކަމަށް ބުނާތީ އެކަން ބަލަނީ

ދިވެހި ރުފިޔާގެ އާ ނޫޓް، ރަންދިހަފަހެއްގެ ވަގު ނޫޓުތަކެއް އުޅޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނާއި މަރުކަޒީ ބޭންކް އެމްއެމްއޭ ގުޅިގެން ބަލަން ފަށައިފި އެވެ. ވަގު ނޫޓުތަކެއް ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އާ ރުފިޔާގެ ވަގު ނޫޓުތަކެއް އުޅޭ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލަތަކެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެއީ ސީދާ ވަގު ނޫޓެއްކަން ނުވަތަ ނޫންކަން ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ވަރުގަދަ ސަލާމަތީ ކަންތައްތަކެއް ހިމަނައިގެން ޕޮލިމާ ކަރުދާހުގައި ތައްޔާރު ކޮށްފައިވާ އާ ނޫޓްތަކުގެ ނަކަލެއް ތައްޔާރު ކުރުމަކީ، ކުރެވޭނެ ކަމެއް ނޫން ކަމަށް މަރުކަޒީ ބޭންކާއި އެ ނޫޓްތައް ތައްޔާރު ކުރި އިނގިރޭސިވިލާތުގެ ޑިލަރޫ ކުންފުނިން ބުނެފައިވެ އެވެ.

ފޭސްބުކްގައި މިއަދު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުން، 500 ރުފިޔާގެ އާ ނޫޓް ނަކަލު ކޮށްފައިވާ ކަމަށް ބުނާ ނޫޓްގައި ޓްރާންސްޕޭރަންޓްކޮށް އިންނަ ވަށް ނިޝާނުގައި ހުރި ޑިޒައިންގައި ތަފާތުތަކެއް ހުއްޓެވެ. އަދި ލޮލަށް ނުފެންނަ މީހުންނަށް ނޫޓްގެ އަދަދު ދެނެގަތުމަށް އާ ނޫޓްގައި ހިމަނާފައިވާ ހާއްސަ ނިޝާންގައި ވެސް ތަފާތުތަކެއް ހުއްޓެވެ. އެނގިފައިވާ ގޮތުގައި ވަގު ނޫޓެއް ކަމަށް ބުނެ ދައުރުވަމުން އަންނަ ފޮޓޯގައި ފެންނަ ނޫޓަކީ އަސްލު ނޫޓަކަށް ބްލިޖް ފަދަ ކެމިކަލްއެއް އަޅައިގެން ކުލަ ދުއްވާލާފައިވާ ނޫޓެކެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ބަހެއް އަދި ނެތެވެ. ބުނީ އެކަމާ ގުޅޭ ބަޔާނެއް އާންމު ކުރާނެ ކަމަށެވެ.

އާ ނޫޓުތަކުގެ ސަބަބުން ވަގު ނޫޓު ދައުރުކުރުން ހުއްޓޭނެ ކަމަށް ވެސް އެމްއެމްއޭ އިން މީގެ ކުރިން ބުނެފައިވެ އެވެ.