އެމްއެމްއޭ

ފޭކް ޑޮލަރު ވިއްކަން އިޝްތިހާރު ކުރާ މައްސަލަ ފުލުހަށް

އަސްލާ އެއްގޮތަށް ހަދާފައި ހުންނަ "ފޭކް" ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރާ މައްސަލަ މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހް އަވަސްއަށް ވިދާޅުވީ ފޭކް ޑޮލަރު ވިއްކާ ކަމަށް ބުނެ އިޝްތިހާރު ކުރާ މައްސަލަ އެމްއެމްއޭގެ ސަމާލުކަމަށް އައުމާ އެކު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ހުރި ޕޯސްޓްތަކުގައި ބުނެފައިވަނީ ވިއްކަނީ ފޭކް ޑޮލަރު ކަމަށްވީ ނަމަވެސް އެއީ "ސުޕަ ކޮލިޓީ"ގެ ޑޮލަރު ކަމަށެވެ. އަދި މި ޑޮލަރުތަކަކީ އޭޓީއެމް މެދުވެރިކޮށް ޖަމާކުރެެވޭ ލެވޭ އަސްލު ޑޮލަރާ އެއްވެސް ތަފާތެއް ނެތް ޑޮލަރު ކަމަށްވެސް ބުނެފައިވެ އެވެ. އަސްލު ޑޮލަރުގައި ހުންނަ ހުރިހާ ސަލާމަތީ ފީޗާތަކެއް ފޭކް ޑޮލަރުތަކުގައި ހުންނާނެ ކަމަށްވެސް އިޝްތިހާރުގައި ބުނެފައިވެ އެވެ.

ރާއްޖެއަކީ ބޭރު ގައުމުތަކުން އެތެރެކުރާ މުދަލަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމަކަށް ވާތީ ޑޮލަރަކީ ރާއްޖެއަށް ވަރަށް މުހިއްމު ފައިސާ އެކެވެ.

ޑޮލަރުގެ ބޭނުން ރާއްޖެއަށް ކިތަންމެ މުހިއްމު ނަމަވެސް ރާއްޖެއަކީ ފޭކް ޑޮލަރު އާންމު ގައުމެއް ނޫނެވެ. ފޭކް ޑޮލަރު ތަކެއްގެ މައްސަލަ ރާއްޖޭގައި އެންމެ ފަހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރީ 2011 ވަނަ އަހަރު އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ފާއިތުވި ތިން އަހަރު ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު 2020 ވަނަ އަހަރު 297.1 މިލިއަން ޑޮލަރު، 2021 ވަނަ އަހަރު626.2 މިލިއަން ޑޮލަރު އަދި 2022 ވަނަ އަހަރު 889 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.