ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިވިލް ސާވެންޓުންގެ މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް

Apr 23, 2020
1

މި އަހަރު ބާއްވަން ތާވަލު ކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުން އެންމެ ފުރަތަމަ މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާނުލެވި އޮތުމުން މުސާރަ ނުލިބި ގިނަ މާލީ ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. ޝަރުއީ ނިޒާމުގެ ތެރެއިން އެ ކަމަށް ހައްލެއް ހޯދައި ދޭން ސީއެސްސީން ހައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް އަވަސްއަށް ވިދާޅުވީ އެ މައްސަލަ އެ ކޯޓަށް ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ. ސަބަބަކީ އެއީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ދުސްތޫރީ މައްސަލަތަކެއް ހިމެނޭ މައްސަލައަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަނާ ގުޅޭ މައްސަލަ ހައި ކޯޓަށް ހުުށަހެޅިއިރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ކައުންސިލް އިންތިހާބާ ގުޅޭ ހާއްސަ ވަގުތީ ގާނޫނުގެ ބިލުގައި އެ ސަސްޕެންޝަން އުވާލަން ހިމަނާފައިވެ އެވެ.

އެކަމަކު މަޖިލީހުގައި އެ ބިލުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވާއިރު ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ. އަދި ބިލު ތަޅުމަށް ބަލައިގަނެ ކަމާ ގުޅުން ހުރި ކޮމިޓީއަކަށް ފޮނުވައިގެން ބިލު ދިރާސާ ކުރަން ވެސް ޖެހެ އެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ބިލެއް ފާސްކުރާނީ އޭގެ ފަހުންނެވެ.