(ފަހު ބައި)
"ހަވީރު ދިމާވީ! އަދި ބުންޏޭ މަ ދެން ބުނާނީ ސޮރީއޭ، ވަރަށް ލޯބިވެވިއްޖޭ އޯ." ފަޔާޒު ވެސް ބަލައިލީ ދާނިޝް އަށެވެ.
"ދެން ވީތަ މިހާރު؟" ދާނިޝް ހިނިތުންވެލި އެވެ.
"މަށެއް ނޫނެއްނު މި ވަނީއެއް."
"އެހެންވެއެއްނު ފިރާޝާ މަތިން ތި ހަނދާން ކުރަނީ." ދާނިޝް ދިމާކޮށްލި އެވެ.
"ފިރާޝާއޭ. އެ؟" ސުވާލުގެ ނަޒަރުން ފަޔާޒު ބަލައިލި އެވެ.
"އާނ! އެއީ ފިރާޝާ، ފިރާ،" ފަޔާޒު ވެސް ހިނިތުންވެލި އެވެ. "ފިރާޝާ، ފަޔާޒު ކިހައި ގުޅޭ ނަމެއް."
"ކައޭނު ތި ލޯބިވީ. ތި ހުރިހާ އެއްޗެއް ވެސް ހޯދީ ވެސް." ފަޔާޒު ލާނެތް ރާގެއްގައި ބުނެލި އެވެ.
"މަށަށް މިކަމުގައި އެބަ ޖެހޭ ހެލްޕު ވައްޓައިލަން. މަށަށް އެ ފިރާގެ ގަޓު ވަރަށް ސަޅި ވެއްޖެ. އެ ވަރަށް ގަޓު މީހެއް. މަ ބޭނުން ވަނީ އެކަހަލަ ކެރޭ މީހެއް." ކޮފީތަށި މޭޒު މަތީގައި ބަހައްޓަމުން ދާނިޝް ބުނެލި އެވެ.
ކޮފީގައި ތިބެގެން ދާނިޝް ވާހަކަދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިން ކަމުގައިވާ މޫސައާއި އޭނާގެ އަންހެނުންނާ އެވެ. ފިރާޝާގެ ހިތް އަތުލެވޭނެ ގޮތްތަކާ މެދުގައެވެ. މޫސަގެ ޚިޔާލު ވަރަށް ތަފާތެވެ.
"މާގިނަ ގޮތެއް ހަދާނެ ކަމެއް ނެތް. ހަމަ ފެންނަ އިރަށް ގޮސް ބުނެލަންވީ." މޫސަ ފެށި އެވެ.
"ކަމަކު ނުދާނެ. މި ޒަމާނުގަ ކަމުދާނީ ޑޭޓަކަށް ދިޔުން. ގޮސް ވަރަށް ރޮމޭންޓިކް މާހައުލެއްގައި ވަރަށް އިމޯޝަނަލްކޮށް ލޯބި ހުށަހެޅުން." މޫސަގެ އަންހެނުން، ލައިޝާގެ ޚިޔާލު މުޅިން ތަފާތެވެ.
"ހިނގާބަލަ މާދަމާ މިކަމާ އުޅެދޭން، ހުވާ މިބުނީ މިހާރު ރަނގަޅަށް ނިދެނީކީ ނޫން. ކެވެނީކީ ނޫން. އަބަދު މި ފިކުރެއްގަ ހުރެވެނީ. ދެ ހަފުތާ ވެސް ދެ ގަރުނަށް ވެއްޖެ. އެ މަންޖެ ފެނޭތޯ މުގޯލި އެޅެނީ. ބީޗަށް ދެވެނީ. އެގޭ ދޮށުން ބުރު ޖެހެނީ." ދާނިޝް ހިންދިރުވާލަމުން ބުނެލި އެވެ.
"އަނެއްކާ މަންޖެ ހުސްތޯ ބެލިންތަ؟" މޫސަ ހިނިގަނޑެއް ޖަހައިލި އެވެ.
"މަށަށް އެނގިފަ އޮތީ އެހެން." ދާނިޝް ވެސް ހިނިތުންވެލި އެވެ.
އެ ދުވަހުގެ ބައްދަލުވުން ނިމިގެން ދިޔައީ ދާނިޝް ކަންތައް ކުރަންވީ ގޮތުގެ ހުރިހާ ރޭވުންތަކެއް ރާވައި ނިންމަމުންނެވެ.
ޖެހިގެން އައީ ހުކުރު ދުވަހެވެ. ދާނިޝްއާއި މޫސަ އިންތިޒާރު ކުރަމުން ދިޔައީ ފިރާޝާ އާއި ހަމީޝާ އަށެވެ. އޭރު ހަވީރު ހަތަރެއް ޖަހަނީއެވެ. އެމީހުން ތިބީ ހުޅުމާލޭ އަތިރިމަތީ ގައެވެ. އެއްލި ކަޅިއަކުން މޫސަގެ ލޮލުގައި އަޅައިގަތީ އަތިރިމައްޗާ ދިމާއަށް މަޑުކޮށްލި ސައިކަލެވެ. ސައިކަލުގައި ތިބީ ހަމީޝާއާއި ފިރާޝާ އެވެ.
"ބަލަ މިއޮށް ތިރިކޮށްލީ ދެ މުނިޔާ. ދެން ގިނަ އިރެއް ނުވެ ތި މަޅިފަތީގައި ޖެހިދާނެ." ފިރާޝާ މެންނާ ދިމާ ބަލަން އިނދެ މޫސަ ކޮއްޓައިލީ ދާނިޝްގެ މުލައްދަނޑީގައެވެ.
ފިރާޝާއާއި ހަމީޝާ މަޑުކޮށްލީ އެމީހުން ތިބި ތަނާ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައެވެ. އެއީ އަތިރިމަތީގައި ޚިދުމަތްދޭ ގޮތަށް ހުރި ކެފޭއެކެވެ.
"ދޭބަލަ! ގޮސް ހުށަހަޅައިބަލަ. ބުނޭ އަނެއް މަންޖެ ގާތު މަ އެބަ ގޮވައޭ." މޫސަ ޚިޔާލު ދިނެވެ.
"ކާކު؟" ހަމީޝާ ބަލައިލީ މޫސައާ ދިމާ އަށެވެ. "އަހަރެން ދަންނަ މީހެއް ނޫން. ނުދެވޭނެ."
ދާނިޝްމެންގެ ރޭވުން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދާނިޝްއަށް ބަލައިލެވުނީ ހައެއްކަ ފޫޓު ދުރުގައި އިން މޫސައާ ދިމާ އަށެވެ. ފިރާޝާއާއި ހަމީޝާ ތިބީ ދާނިޝްއަށް ބަލާށެވެ.
"އިށީނދެބަލަ ކޮޅަށް ނުހުރެ." ފިރާޝާ ބުނެލި އެވެ.
"ކީއްކުރަން އޭނަ ގޮވަނީ؟" ފިރާޝާ އެހި އެވެ.
"ނޭނގެ." ދާނިޝް ކޮނޑު އަރުވައިލި އެވެ.
"ކީއްކުރަނީ މިތާ؟" އަނެއްކާ ވެސް ފިރާޝާ އަހައިލި އެވެ.
"ފިރާ ގާތު ވާހަކައެއް ބުނެލަން."
"އަހަންނަށް އެނގޭ،" ފިރާޝާއާއި ހަމީޝާ ޕަކަޕަކަލައިފަ ހޭންފެށި އެވެ. "އަތުގައި ތި އޮތް މަލުން އެނގިއްޖޭ."
ދާނިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ފެށި އެވެ. މުޅި މީހާ ދާހިއްލާން ފެށި އެވެ.
"ތި އުޅެނީ އަހަރެން ދެކެ ލޯބިވެޔޭ ބުނަން ވެގެންނެއްނު." ފިރާޝާ ހެމުން ހެމުން ބުނެލި އެވެ.
ދާނީޝް އިސްޖަހައިލަމުން ބޯ ޖަހައިލި އެވެ.
"މަށަށް އެނގޭ އެ ދުވަހު ބެލި ގޮތުން ވެސް މި ދުވަސް އަންނާނެކަން." ހަމީޝާ ވެސް ފިރާޝާއާ ބައިވެރިވި އެވެ.
ދާނިޝް ލަދުގަންނަ ގޮތްވި އެވެ. އޭނާގެ ނޭވާ އަވަސްވެ މޭ ތުރުތުރެއް އަޅަމުން ދިޔައެވެ.
"ދެން ފިރާ އަވަހަށް ބުނޭ އާއެކޭ. އެހެން ނޫނީ އެ ފަކީރުގެ ދުވަސް ހިނގައިދާނެ. ލޯބިވުމަކީ ކުށެއް ނޫނޭ. ލޯބި ހޯދަން އުޅުމަކީ ވެސް ކުށެއް ނޫނޭ. އެއީ ފާފައެއް ވެސް ނޫން،" ހަމީޝާގެ ރާގު ބަދަލުވި އެވެ. "ދާނިޝް ކަހަލަ ކުއްޖަކު ފިރާ އަކަށް ނުލިބޭނެ. ދެން ދާނިޝް ތި ގެނައި މާ ނަގައިފަ ދިއްކޮށްލާ، އަހަރެން ފޮޓޯއެއް ނަގައިދޭނަން."
ދާނިޝް އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމާ ގޮނޑި ކައިރިއަށް ވެއްޓުނެވެ. އޭނާ ގޮނޑިން ތެދުވެ ހިނގައިގަތެވެ.
"މަޑުކޮށްބަލަ،" ފިރާޝާ ބުނެލިއެވެ. "ކީއްވެ ތި ދަނީ؟"
ދާނިޝް ބަލައިލީ ފިރާޝާއާ ދިމާ އަށެވެ. ދާނިޝްގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފިރާޝާއަށް ފެންނަމުން ދިޔައެވެ.
"ފަޔާޒު ގެނައި ނަމަ މި ކަންތައް މާ ކާމިޔާބު ވީސް، މުސްކުޅި މީހާ ގަނޑެއް ގާތަށް ވިޔަ ހަމީ ފޮނުވާލަން ތި އުޅުނީ. ރޭވުންތެރިކަން ދަށީ ދޯ ހަމީ." ފިރާޝާ ލާނެތް ފާޑަކަށް ހޭންފެށި އެވެ.
ދާނިޝް ދިޔަ ގޮތަށް ދިޔައީއެވެ.
އެދުވަހުގެ ރެޔެވެ. ދާނިޝްއާއި ފަޔާޒު އިޝާ ނަމާދުން ފައިބައިގެން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ކުއްލިއަކަށް އެ ދެމީހުން ހުއްޓުނެވެ. ކުރިމައްޗަށް ރަތްކުލައިގެ ކާރެއް މަޑުކޮށްލުމުންނެވެ. ކާރުން ފޭބީ ދެ ފިރިހެނުންނެވެ. އެމީހުން އައި ގޮތަށް އައިސް ފަޔާޒާއި ދާނިޝްގެ އަނގަމަތީގައި އަތްއަޅައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ކާރަށް އެރުވިއެވެ. ކާރުގައި ވެސް އިތުރު މީހުން ތިއްބެވެ. ކާރަށް އެމީހުން އެރުވުމާއެކު ބޮލަށް މަހައިލީ ކަޅުކުލައިގެ އުރައެކެވެ. އެއާއެކު ދެމީހުންގެ އަތް ބަނދެލި އެވެ. ކާރު ދުއްވާލި އެވެ.
ދިހަވަރަކަށް މިނެޓު ދުއްވުމަށްފަހު ކާރު މަޑުކޮށްލިއެވެ. ކާރުގެ ދޮރު ހުޅުވުމާއެކު ގަދަކަމުން ކަހަލަ ގޮތަކަށް ދާނިޝްއާއި ފަޔާޒު ކާރުން ނެރުނެވެ. ދެމީހުން ތެޅިގަންނަން މަސައްކަތްކުރި އެވެ. ނަމަވެސް، ވަރުގަދަ ހަތަރު މީހުން އެމީހުން ހިފަހައްޓައިލީ އެވެ. ދެމީހުން ގެންގޮސް ލިފްޓަކަށް އެރުވި އެވެ. އިރުކޮޅެއްވީ އިރަށް ލިފްޓުން ބާލައިގެން ދެމީހުން ގެންދިޔަ އެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ.
އިވުނީ ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑެވެ. ދެމީހުން ވެސް ގޮނޑިއެއްގައި ބޭންދުވި އެވެ. އެއަށްފަހު އަތާއިފައި ރަނގަޅަށް ވެހައިލި އެވެ. އިރުކޮޅަކުން ބޮލުގައި އޮތް، ފޮތި ކޮތަޅު ދަމައިގަތެވެ. ދެމީހުން ލޯ ހުޅުވާލިއެވެ. އަނދިރިކަމުން ތަނެއް ވަކިވާ ވަރެއް ނުވިއެވެ.
"ކާކު؟ ކޮން ބަޔެއް؟" ފަޔާޒު ހަޅޭއްލަވާގަތެވެ.
ފަޔާޒުގެ އަޑު އެކޯވަމުން ދިޔަ އެވެ. އެތައް ފަހަރަކު އޭނާގެ އަޑު އިވެމުން ދިޔައެވެ.
"ކާކުހޭ؟" ފަޔާޒު އަނެއްކާ ވެސް ހަޅޭއްލަވާ ގަތެވެ.
"ފަޔާ ހަމަޖެހިބަލަ." ދާނިޝް މަޑުމަޑުން ބުނެލިއެވެ.
"ކީއްކުރަންހޭ މިހެން ހެދީ؟ މި ދާނިޝްގެ ކަމެއް ދޯ." ފަޔާޒު އަނެއްކާ ވެސް ބާރުބާރަށް ވާހަކަ ދެއްކި އެވެ.
ދާނިޝް އަނގަޔަކުން ނުބުނެއެވެ. އޭނާ އިން ގޮތަށް އިނީއެވެ. ފުން ނޭވާތަކެއް ބޭރުކުރަމުންނެވެ. ނަމަވެސް، ފަޔާޒު މަސައްކަތް ކުރަމުން ދިޔައީ ސަލާމަތްވެވޭތޯ އެވެ. ދެ ފަހަރަކު އޭނާ ތެދުވަން މަސައްކަތްކުރި އެވެ. ގޮނޑިއާއެކު ވެހައިލައިފައި ވުމުން ރަނގަޅަށް ތެދު ނުވެވުނެވެ. އެންމެފަހުން، ގޮނޑިއާއެކު އޭނާ ވެއްޓުނެވެ. ބަނޑުވަތަށެވެ.
ކުއްލިއަކަށް މުޅި ތަނުން އިވެން ފެށީ ހުނުމުގެ އަޑެވެ. ދެ އަންހެނުން އެކުގައި ހޭން ފެށުމުން އިވޭ ކަހަލަ އަޑެކެވެ. އިރުކޮޅަކުން، މުޅި ތަން ދިއްލުނެވެ. ކުރިމަތީގައި ހުރީ ގަޔަށްދޫ ކަޅު ހެދުންލައި މޫނު ބުރުގާ އަޅައިގެން ތިބި ދެ އަންހެނުންނެވެ. ދާނިޝް ސިހުނެވެ. ފަޔާޒު ވެސް ބަލައިލި އެވެ. އޭނާ ވެސް ހިމޭން ވިއެވެ. ފަހަތުގައި ތިބި ދެ ފިރިހެނުން ފަޔާޒު ނަގައި ގޮނޑީގައި ބޭންދުވި އެވެ.
އެ ދެ އަންހެނުން އެކުގައި ދާނިޝްމެންގެ ފަހަތަށް ދިޔައެވެ. އެކަކު ދިޔައީ ދާނިޝްގެ ފަހަތަށެވެ. އަނެއްކަކު ފަޔާޒުގެ ފަހަތަށެވެ. ދެމީހުންގެ ކުރަނީ އެއް ހަރަކާތެކެވެ. ހީވަނީ އެތައް ދުވަހަކުން ދަސްކޮށްފައިވާ ހަރަކާތްތަކެއް ހެންނެވެ. ދާނިޝްއާއި ފަޔާޒުގެ ކަނދުރާމަތީގައި އެމީހުންގެ ޝަހާދަތް އިނގިލި ޖައްސާލަމުން މައްޗަށް ހިއްލައިލިއެވެ. މަޑުމަޑުންނެވެ. އެންމެ ފަހުން ކަންފަތާ ހަމައަށް އިނގިލި ގެންދިޔުމަށްފަހު، އަނެއް އަތުން ހަމަ އެގޮތަށް ހަރަކާތް ކޮށްލިއެވެ. ދާނިޝް މަޑުމަޑުން އިނީއެވެ. ނަމަވެސް، ފަޔާޒު ކަނދުރާ އަރިކޮށްލާ ހަރަކާތް ކުރަމުން ދިޔައެވެ.
ފަހަތުގައި ތިބި ދެމީހުންގެ މޫނުގައި އަޅައިފައި އޮތް ބުރުގާ ނަގައި ދާނިޝްމެންގެ އުނގަށް ވައްޓައިލިއެވެ. ފަހަތުގައި ތިބި ދެމީހުން މަޑުމަޑުން ގުދުވެލިއެވެ. އެމީހުންގެ ނޭވާ، ގޮނޑީގައި ތިބި ދެމީހުންގެ ކަނދުރާއަށް އެޅޭ ވަރަށް އެމީހުންގެ ކަންފަތާއި ނޭފަތް ކައިރިކޮށްލިއެވެ. އެއަށްފަހު، މަޑުމަޑުން، ދެ މީހުންގެ އިނގިލިތައް ޖައްސައިލީ ގޮނޑީގައި ތިބި ދެމީހުންގެ މުލައްދަނޑީގަ އެވެ. ދެމީހުންގެ މުލައްދަނޑިން ފެށިގެން މައްޗަށް އަތް ހިންގައިލަމުން ދިޔައެވެ. ދާނިޝްގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. ފަޔާޒަށް އުނދަގޫ ގޮތްތަކެއް ވަމުންދާތީ އޭނާ ތެޅި ގަތެވެ.
ކުއްލިއަކަށް އެ ދެމީހުން ކުރި މައްޗަށް ނުކުތެވެ. ދާނިޝްގެ ކުރިމަތީގައި ހުރީ ފިރާޝާއެވެ. ފަޔާޒުގެ ކުރިމަތީގައި ހުރީ ހަމީޝާއެވެ. ދެމީހުންނަށް ވެސް ލިބުނީ ސިހުމެވެ.
"އައި ލަވް ޔޫ! ވިލް ޔޫ މެރީ މީ." ދާނިޝް ފަލަމަސްގަނޑު މަތީ އިށީންނަމުން ފިރާޝާ ބުނެލިއެވެ.
"ހައި، މަށާ އިންނަން ކެރިދާނެތަ؟" ހަމީޝާ ވެސް ތުއި ރާގެއްގައި ބުނެލިއެވެ.
އޭނާ ވެސް ހަރަކާތްކުރީ ފިރާޝާ ވެސް ހަރަކާތް ކުރި ގޮތަށެވެ.
ފިރާޝާގެ ޝަހާދަތް އިނގިލި ޖައްސާލީ ދާނިޝްގެ ކޯތާފަތުގައެވެ. އޭނާ ސީދާ ބަލައިލީ ދާނިޝްގެ ދެ ލޮލަށެވެ. އެއާއެކު ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ.
"މި ގޮތް ކަޑަ، ލޯބި ހުށަހަޅަން މި މާ ސަޅި ގޮތެއްނު ދޯ؟" ފިރާޝާ ހިނިތުންވެލިއެވެ. "ދެން ޖަވާބު ދީ!"
ދާނިޝްގެ އަތުގައި އައްސާފައިވާ ނަނުފަށް މޮހައިލަމުން ދެމީހުން އެކުގައި ވާހަކަ ދެއްކިއެވެ.
"އަހަންނަށް ވެސް ދާނިޝް ދެކެ ވަރަށް ލޯބިވެ ވިއްޖެ." ދާނިޝްގެ މޭގައި ފިރާޝާ ބޯ ޖައްސައިލިއެވެ.
"އެދުވަހުން ފެށިގެން، ފަޔާގެ ހަރަކާތްތަކަށް ބަލަމުން މި އާދެވުނީ. އަހަންނަށް ވެސް ވަރަށް، ވަރަށް ބޮޑަށް ފަޔާ ދެކެ ލޯބި ވެވިއްޖެ." ހަމީޝާ ފަޔާޒުގެ ގައިގައި ބައްދައިލިއެވެ.
"އޭނ! ކައޭ މަދެކެ." ފަޔާޒު ދުރަށް ޖެހިލިއެވެ. "ނުވާނެ."
އެންމެނަށް ވެސް ލިބުނީ ހައިރާން ކަމެވެ. ފަޔާޒުގެ ބަސްމަގު ހުރި ގޮތުންނެވެ. ފިރާޝާއަށް ހިފައި ލެވުނީ ދާނިޝްގެ އަތުގައެވެ. ދާނިޝް ފިރާޝާގެ އަތަށް ބާރުކޮށްލިއެވެ. ދާނިޝް މަޑުމަޑުން ފަޔާޒު ގާތަށް ޖެހިލިއެވެ. ދާނިޝްއާއެކު ފިރާޝާ ވެސް ކުރިއަށް ޖެހިލިއެވެ.
ހަމީޝާ ފެންކަޅިވިއެވެ. އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. ކުރިން ހުރި ގޮތްގަނޑު އެކުގައި ގެއްލުނެވެ.
"ކައޭމެން އަހަރުން ކިޑު ނެޕްކޮށްގެން ގެނެސް، ލޯބިވެޔޭ ބުނީމަ ނިމުނީތަ؟ އޭނ." ފަޔާޒު ބާރުބާރަށް ބުނެލި އެވެ.
"ފަޔާ! ކޫލް ޑައުން." ފަޔާޒުގެ ކޮނޑުގައި ދާނިޝް ހިފިއެވެ.
"ލޯތްބަކީ ވާއެއްޗެއް ނޫނޭ. އެއީ ވެވޭ އެއްޗެއް. ލޯބިވުމަކީ އަދި ވެވުމަކީ ވެސް ކުށެއް ނޫން. ފަޔާ ދެކެ ހަމީ ކަހަލަ ރީތި، ރަނގަޅު ކުއްޖަކު ލޯބިވުން އެއީ ފަޔާގެ ނަސީބު. ދެން ވެސް ޝުކުރު ކުރަން ދަސްކޮށްބަލަ." ދާނިޝް އޯގާތެރިކަމާއެކު ބުނެލިއެވެ.
"ލޯތްބޭ! މި މީހުން. ނުވާނެ." ފަޔާޒުގެ އަޑު ބަދަލުވަމުން ދިޔަ އެވެ.
އޭރު ހަމީޝާއަށް ގިސްލެވެނީ އެވެ. ފިރާޝާ ގޮސް ހުއްޓިލީ ހަމީޝާ ގާތަށެވެ. ފިރާޝާގެ ގައިގައި ހަމީޝާ އޮޅު ލައިގަތެވެ.
"އަހަންނަށް އޮޅުނީ. ފިރާ ބުނި އެއްޗަކުން އަހަންނަށް ކުށް ހީއެއް ކުރެވުނީ." ހަމީޝާ ރޮމުން، ގިސްލަމުން ބުނެލިއެވެ.
"އާނ! ދާނިޝް ބުނި ވާހަކައަކުން އަހަންނަށް ވެސް އޮޅުނީ." ފިރާޝާ ފިރުމައިލީ ހަމީޝާގެ ބޮލުގައެވެ.
"ފަޔާ ބުންޏޭ އެހެން! ފަޔާ ބުނެބަލަ ނުބުނަމޭ." ދާނިޝް އަވަސްއަވަހަށް ބުނެލިއެވެ.
"ކީކޭތަ؟ ކީކޭތަ ބުނަންވީ؟" ފަޔާޒު ރުޅި އަންނަ ގޮތް ދައްކައިލިއެވެ.
"ހަމީދެކެ.." ދާނިޝް ހުއްޓައިލިއެވެ.
"އާނ! އާނ! އަހަރެން އަހަރެން ހަމީ ދެކެ އިންތިހާއަށް ލޯބިވޭ. ވަރަށް، ވަރަށް ލޯބިވޭ،" ފަޔާޒު ހޭންފެށިއެވެ. "ތި މީހުން ވެސް ކުޅުނީ ޑުރާމާއެއްނު. މަ ވެސް ޑުރާމާއެއް ކުޅެލީ."
ހަމީޝާ އިސް އުފުލައި ބަލައިލިއެވެ. އެއާއެކު ފަޔާޒާ ދިމާއަށް ދުއްވައިގަތެވެ. ފަޔާޒު ވެސް ހަމީޝާގެ ގައިގައި އޮޅުލައިގަތެވެ. ފިރާޝާ ވެސް ދާނިޝްގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ. ލޯބިވޭ ބުނެލަމުންނެވެ. ލޯބި ހޯދަން ކުޅުނު ޑުރާމާ ވެސް ނިންމާލަމުންނެވެ. (ނިމުނީ)