ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ތުނޑިއަށް ބަލައިލީމެވެ. އޭރު ތުނޑިމަތީގެ ހަލަބޮލިކަން ވަނީ އިތުރުވެފަ އެވެ. ރޯކޮށްފައިވާ އަލިފާން ގަނޑުގެ ކައިރީ ދެ ޒުވާނުން ތިއްބެވެ. އެއީ ފަޒީނާ އާއި މުބީނެވެ. ދަރުގަނޑަކުން ދަރުގަނޑަކުން އެމީހުން އަލިފާން ގަނޑަށް ކާން އަޅަމުން ދިޔަ އެވެ. ތަންކޮޅެއް ދުރުގައި ހުސްގަޔާ ހުރީ މަތީނެވެ. އޭނާގެ މޭމަތީގައި ވަނީ ދޮންވެއްޔެވެ. އަތްދަނޑީގައި ވެސް ތަތްވެފައިވަނީ ހިމުން ވެއްޔެވެ. އޭނާގެ ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ތަންކޮޅު ކޮޅުން އިސްތަށިތައް އެލިފައި ހުއްޓެވެ. ހީވަނީ އޫތަކެއް ބޮލުން ފައިބައިފައި ހުރިހެންނެވެ. އޭނާ ފައި ހަމަ ކުރަމުން ދިޔައީ ޖަހަމުން ދިޔަ ބެރަށެވެ.
މަތީނު ކުރިމަތީގައި ހަރަކާތްތެރިވަމުން ދިޔައީ ނައުމާއެވެ. ނައުމާ ހުރީ ކުރުކުރު ސޯޓަކާއި ގަޔަށްބާރު ހުދު ކުލައިގެ ޓީޝާޓެއްގަ އެވެ. ޓީޝާޓުގެ ކަރު ވަނީ ދެ ކޮނޑާހަމައަށް އުޅާސްވެފަ އެވެ. އޭނާގެ އެއްކޮނޑު ހާމައަށް ފެންނަން ހުއްޓެވެ. އޭނާގެ ރަންކުލައިގެ އިސްތަށިގަނޑު ވަނީ ހޭވިފަ އެވެ. ބައެއް އިސްތަށި މޫނުގައި ތަތްވެފައި ހުއްޓެވެ. އޭނާ އިރުއިރުކޮޅާ އިސްތަށިގަނޑު ރީތި ކޮށްލައެވެ. އިސްތަށިތައް ކަންފަތުގައި އަޅުވާލަ އެވެ. ނައުމާގެ ކުޑަކަޅުވާއިން ފެށިގެން ފަލަމަސްގަނޑާ ހަމައަށް ހުރީ ދޮންވެއްޔެވެ. ލޮނާއެކު ހިކިފައިވާ ދޮންވެއްޔެވެ. ދޭތެރެ ދޭތެރެއިން ނައުމާއާ މަތީނާ ގާތްވެލައެވެ. މަތީނުގެ ގައިގައި ޖެހޭ ނުޖެހޭ ވަރަށެވެ. ބައެއް ފަހަރު ދެމީހުން ފިތި ބާރު ވެއެވެ. ބެރުގެ ހަމައަށް، ހަށިގަނޑު ތަޅުވަމުންނެވެ. އެކިފަހަރު އެކި ތަނެވެ. ދެމީހުން ޖެހި، ފިތިލާ ކޮންމެ ފަހަރަކު މުޅިތަން ހީވަނީ ކެކި އަރާހެންނެވެ. ހޯބޯލެވުން އިތުރު ވެއެވެ. އެ މަންޒަރު ބަލަން އުނދަގޫވާ ވަރު ވެސް ވެއެވެ.
އޭރު އިރުގެ ވާޖިބު އަދާކުރުމަށްފަހު، އޭގެ ތަންމައްޗަށް މިސްރާބު ޖެހިތާ ގަޑިއެއްހާ އިރު ފަހަނާ އަޅައިފި އެވެ. މުޅި މާހައުލުގައި ހިނގަމުން ދިޔަ މަސްހުނި ހަރަކާތްތައް ހިނދުނެވެ. ކޯޅިކޯޅިއަށް އެކި މީހުން އެކި ތަނަށް ދެމުނެވެ. ޖޯޑު ޖޯޑަށެވެ. އެކެއްގެ އުނގުގައި އަނެއްކަކު ބޯ އަޅައިގެންނެވެ. ބަލައިބެލުމަށް ހީވަނީ އެމީހުން ހިރިނުލެވޭ ވަރަށް ވަރުބަލި ވެފައިވާހެންނެވެ. މޫނުމަތިން ވިދަމުން ދިޔައީ ދަލުގެ އަސަރެވެ. ދަނޑިއަޅައިފައި އެކި ބައްޓަމަށް މައްޗަށް އަރަމުން ދިޔައީ ސިނގިރޭޓުގެ ދުންތަކެވެ. ތަންކޮޅެއް ދުރުން ހަޅޭއްކެއްގެ އަޑު އިވެމުން ދިޔައެވެ. ސިހިފައި އެންމެން ތެދުވި އެވެ. އަޑު އިވޭ ދިމާއަށް ދުއްވާގަތެވެ. އެމީހުންނަށް އާދެވުނީ އަހަންނާ ކައިރި އަށެވެ.
"މުބީން، މަތީނު، ނައޫ،" ދުވަމުން ދުވަމުން އައީ ފިނާ މާނޭވާލަމުން ބުނެލިއެވެ. "ހަސަން... ހަސަން."
ފިނާ އައި ގޮތަށް އައިސް ނައުމާގެ ގައިގައި އޮޅުލައިގަތެވެ. އޭނާ ހުރީ ބިރުން އަވަދިވާ ވަރު ވެފައެވެ. ނައުމާގެ ފަހަތުގައި ފަޒީނާ ހުއްޓެވެ.
"ކިހިނެއްތަވީ؟ ހަމަޖެހިބަލަ. ހަމަޖެހިބަލަ. ކޮބައިތަ ހަސަން؟" ނައުމާ އަވަސް އަވަހަށް އަހައިލި އެވެ.
އޭރު ވެސް ފިނާ ހުރީ ނައުމާގެ ގައިގައި ބައްދައިގެންނެވެ. ބާރުބާރަށެވެ. އެމީހުން ގާތަށް މުބީނާއި މަތީނު ވެސް އައެވެ.
"ކިހިނެއްވީ ފިނާ؟ ކޮބާ ހަސަން؟" މުބީން އަހައިލިއެވެ.
"ބޮޑު ކަޅު އެއްޗެއް. ދިރޭ އެއްޗެއް. އަތް ވެސް ހުރި. ފައި ވެސް ހުރި. ހަސަން ހަސަން އެބަ އޮތް ވެއްޓިފަ." ފިނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.
ފިނާ އިނގިލި ދިމާކޮށްލީ ފަޅުރަށުގެ ތުނޑިއަށެވެ. މުބީނާއި މަތީނު ދުއްވާގަތެވެ.
"އަހަރުމެން ވެސް ދާނަން. ބިރުގަނޭ." ފިނާ ހަޅޭއްލަވާގަތެވެ.
"ހަމަޖެހިބަލަ. އަހަރުމެން މި ތިބީނު. މަޑުކުރޭ އެމީހުން އަންނަންދެން." ނައުމާ އާއި ފަޒީނާ ފިނާގެ ދެ ފަރާތުން ކޮނޑުގައި ހިފައިލިއެވެ.
އޭރު އިރުމަތީ ފަރާތް ދޮން ކުރަމުން ދިޔައީ ހަނދުގެ އަލިންނެވެ. އެއީ ސާދަވިލޭރޭގެ ނަލަނަލަ ހަނދެވެ. ފިނާއާއި ނައުމާއާއި ފަޒީނާ ތިބީ ތުނޑީގެ މެދެއްހާ ހިސާބުގައި ޖަހައިފައިވާ ޓެންޓު ކައިރީގައެވެ. ޓެންޓުގެ ކުރިމަތީ ރޯކޮށްފައިވާ އަލިފާންގަނޑު ކަނިވަމުން ދިޔަ އެވެ. ހަނދުގެ އަލިދިޔައީ ގަދަވަމުންނެވެ. ފިނާގެ ގިސްލުމުގެ އަޑު އިރުކޮޅަކާ އިވިލަ އެވެ.
ތަންކޮޅެއް ދުރުން ބައެއްގެ އަޑު އިވުމުން އެމީހުން ކޮށްޅަށް ތެދުވިއެވެ. ތިން މީހުން ތިބީ ފިތި ބާރުވެފަ އެވެ. އެކަކު އަނެއްކެއްގެ ކޮނޑުގައި ހިފަހައްޓާ ލައިގެންނެވެ. ތިން މީހުން ވެސް ފުންކޮށް ނޭވާލަމުން ދިޔައެވެ.
"އަހަރެން ވަރަށް ބިރުގަނޭ. ހަސަން. ހަސަން." ފިނާ ރޯން ފެށި އެވެ.
"ފިނާ. އިހަށް ހަމަޖެހިބަލަ. ތިން މީހުން އެބައާދެއޭ." ފިނާގެ ކޮނޑުގައި ފަޒީނާ ހިފައިލި އެވެ.
އަހަންނަށް އޮވެވުނީ މަންޒަރު ބަލާށެވެ. ވެގެން އުޅޭގޮތެއް ނޭނގޭތީއެވެ. އެމީހުންގެ ހަރަކާތްތަކަށް ފާރަލާށެވެ. އިރުއިރުކޮޅާ ފެނުން މައްޗަށް ބޯ ހިއްލައިލަމެވެ. އެމީހުން ބަލައިލާ ކޮންމެ ފަހަރަކު އަހަރެން މޫދަށް ފީނައިލަމެވެ.
"ފިނާ ގެނޭ ކަތިވަޅި. އޮންނާނެ ފޮށިގަނޑުގަ." މަތީނު ބާރަށް ގޮވައިލިއެވެ.
އަހަންނަށް ނޭވާ ހިފަހައްޓާލަން މަޖުބޫރުވިއެވެ. ފެންނަމުން ދިޔަ މަންޒަރުންނެވެ. ހަސަނާއި މުބީން އިނީ އެއްގަމާ ވީކޮޅުގައެވެ. ފަޒީނާއާއި ނައުމާ އިނީ ގޮނޑުދޮށާ ވީފަޅީގައެވެ. ދުވެފައި ކަހަލަ ގޮތަކަށް ފިނާ އައެވެ. މަތީނަށް ކަތިވަޅި ދިއްކޮށްލިއެވެ.
"ބާރަށް ހިފަހައްޓާ އެންމެން!" މަތީނު ބުނެލިއެވެ.
"ކަރަށް ޖަހާ." މުބީނު ލަފާދިނެވެ.
"ބަލައިބަލަ. ހީކުރީ އަހަރުމެންނަށް ފިލައިގެން ދެވޭނެ ކަމަށްތަ؟" ހަސަން ބާރުބާރަށް ބުނެލިއެވެ.
"އަދި ހަސަނަށް ބޮނޑިއެއް ވެސް ދީފިޔޭ ދޯ." މުބީން ވެސް ބާރަށް ހޭން ފެށިއެވެ.
އެއާއެކު އެންމެން އެކުގައި ހޭންފެށިއެވެ. ފިނާ ވެސް ބައިވެރިވިއެވެ. ފިނާގެ ފަރާތުން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ހަރަކާތްތަކެކެވެ. ކުރިން ބިރުން ރޫރޫ އެޅި މީހާ ހަމައަކަށް އެޅުނެވެ.
މަތީނު ކަތިވަޅި އަތަށް ހެޔޮކޮށްލިއެވެ. އަހަންނަށް ބަލާކަށް ނުކެރުނެވެ. އިހުސާސް ކުރެވެމުން ދިޔައީ އަމިއްލަ ބަނޑަށް ވަޅިއެއް ހަރައިލުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ލޯ މަރައިގެން އޮތް އިރު ވެސް އެ މަންޒަރު ސިފަވާން ފެށިއެވެ. ކުއްލިއަކަށް ދެ ލޯ ހުޅުވާލީމެވެ.
އެ ގުރޫޕު ޕަކަޕަކަލައިފައި ހޭން ތިއްބެވެ. މަތީނުގެ މޫނުގައި ހުރި ލޭގެ ރޮނގުތައް އޭނާގެ އަތުގެ ނުފުށުން ފޮހެލިއެވެ. އަނެއްކާ ވެސް އޭނާ އަތަށް ކަތިވަޅި ހެޔޮކޮށްލިއެވެ. މިފަހަރު ވެސް ވީ އެވަރެވެ. އަހަންނަށް ލޯ މަރައިލެވުނީއެވެ. ހީވީ ބަނޑުގެ ދެފަރާތަށް ކަތިވަޅި ކޮށްޕަމުން ކަފަމުންދާ ހެންނެވެ. ސިފަވަމުން ދިޔައީ އެ މަންޒަރެވެ. އިހުސާސް ކުރެވެމުން ދިޔައީ އެ ވޭންތަކެވެ. އަހަންނަށް ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ. ހީވީ އަރުތެރެ އެކުގައި ބެދޭހެންނެވެ. ނޭވާ ހާސްވާހެންނެވެ. ހިންދިރުވާލަން ވެސް އުނދަގޫވިއެވެ. ނޭވާލާން ވެސް އުނދަގޫވަމުން ދިޔައެވެ.
ހުނުމުގެ އަޑު ބާރުވިހެން ހީވެގެން ލޯ ހުޅުވާލީމެވެ. އޭރު ނައުމާ ހުރީ ކޮޅަށެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގެ މޭމަތީ ކުރެހިފައި ވަނީ ލޭގެ ދެ ރޮނގެވެ.
"އައްޗީޑި. މަގޭ ޓީޝާޓޭ. ބަލައިބަލަ ހުސް ލޭ." ނައުމާ ކުދި ކިޔަން ފެށިއެވެ.
"ދޭ ދޮވެލަން. މޫދަށް ގޮސް ދޮވެލާ." މަތީނު ބުނެލިއަޑު އިވުނެވެ.
ނައުމާ ދުއްވާގަތީ މޫދާ ދިމާއަށެވެ. އޭރު އަހަންނަށް އޮވެވުނީ އެދިމާގައެވެ. އޭނާ ދުވެފައި އައީ ސީދާ އަހަންނާ ދިމާއަށެވެ. އަހަރެން ބޭރަށް ޖަހައިލީމެވެ. ދަމުން ފަހަތް ބަލައިލީމެވެ. ނައުމާގެ ހިނގުން ލަސްވިއެވެ. އަހަރެން އެނބުރި ބަލައިލީމެވެ. އޭރު ނައުމާ އައިސް އަހަންނާ ދާދި ކައިރިން މޫދަށް އެރިލިއެވެ. ޓީޝާޓުގައި ވެލި އުނގުޅަމުން އަތުން ހާކަމުންނެވެ.
"ނުފިލަ އޭ." ނައުމާ ބާރުބާރަށް ބުނެލިއެވެ. "މިތާ ގާ ވެސް އެބަހުރި. ބިރުގަނޭ."
"ވެލި ލައިގެން އުނގުޅާ." އެއްގަމާ ދިމާއިން ފަނޑު ގޮތަކަށް ހަސަނުގެ އަޑު އިވެމުން ދިޔައެވެ.
އަހަންނަށް އޮވެވުނީއެވެ. ނައުމާގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ ޓީޝާޓުގައި ވެލި އުނގުޅިއެވެ. ދެ އަތުން ވެލި ހޭކިއެވެ. ނަމަވެސް، ކާމިޔާބުވާގޮތެއް ނުވިއެވެ. ތަންކޮޅެއް ބޭރަށް ޖެހިލިއެވެ. ނައުމާ ކަކޫ ޖައްސައިގެން މޫދުގައި އިށީނދެލިއެވެ. ހިކިދިޔަ ކަމުން ރާޅުގެ އަސަރެއް ނެތެވެ. ނައުމާ ބަލައިލީ ފަހަތަށެވެ. އެއްގަމުގައި ހިނގާ ކަންތައްތައް ފެންނަނީ ފަނޑު ގޮތަކަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް އަހަންނަށް ސާފުކޮށް ފެނެއެވެ.
ނައުމާ ވަށައިގެން ހޯދައިލިއެވެ. އަހަންނާ އޭނާއާ ދެމުދު ހުންނާނީ ފަސްވަރަކަށް ފޫޓެވެ. ނައުމާ ހަމަޖެހިލައިގެން މޫދުގައި އިށީނެވެ. އޭނާގެ މެޔާ ހަމައަށް ލޮނުގަނޑު ނާރައެވެ. އަނެއްކާ ވެސް އޭނާ ތެދުވިއެވެ. މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އޭނާ އައީ އަހަންނާ ދިމާއަށެވެ. އަހަންނަށް ސިހުން ލިބުނެވެ. ސީދާ އޭނާ ބަލަމުން ދިޔައީ އަހަންނާ ދިމާއަށްހެން ހީވުމުންނެވެ. އަނެއްކާ ވެސް ނައުމާ ފަހަތް ބަލައިލިއެވެ. އޭނާގެ މޭކަށިގަނޑާ ހަމައަށް އާދެވުނެވެ. އޭނާގެ ބޮލުން ޓީޝާޓު ދަމައިގަތެވެ. އަހަރެން ގާތަށް ހިނިއައެވެ. ނުލަފާ ޚިޔާލެއް ބޮލަށް ސަވާރުވުމުންނެވެ.
އަވަސް ހަރަކާތްތަކަކާ އެކު ނައުމާ ޓީޝާޓުގައި ހުރި ލޭތައް ފިލުވަން މަސައްކަތްކުރަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އޭނާ ވަށައިގެން ބަލައިލައެވެ. އެންމެ ފަހުން ޓީޝާޓު ނަގައި މޫދުގައި ތަޅަން ފެށިއެވެ. ހައެއްކަ ފަހަރު ޖަހައިލި އިރަށް ނައުމާގެ އަތުން ޓީޝާޓު ދޫވިއެވެ. އަހަންނަށް ފުރުސަތު ލިބުނެވެ. ބޭނުންވީ ނައުމާއަށް ސަމާސާކޮށްލާށެވެ. ނައުމާއާ ގާތަށް ޖެހިލާށެވެ. އޭނާގެ ފައިގައި ބީހިލާށެވެ. ބިމުގައި ޖެހޭ ނުޖެހޭ ހިސާބުން ގޮސް ނައުމާގެ ފައިގައި ޖެހިލީމެވެ. ސިހިފައި ނައުމާ ހަޅޭއްލަވާގަތެވެ. އޭނާ ފަހަތަށް ޖެހެމުން ޖެހެމުން ދިޔައެވެ. ބާރުބާރަށް ހަޅޭއްލަވަމުންނެވެ. ދެއަތުން ނިވާކޮށްލައިގެންނެވެ.
ނައުމާގެ ހަޅޭއްކުގެ އަޑަށް މުބީން އައެވެ. މުބީންގެ ފަހަތުން ފަޒީނާ ވެސް އައެވެ.
"ކިހިނެއްވީ؟ ކޮބާ ޓީޝާޓު؟" މުބީނަށް ހުއްޓެވުނެވެ.
ނައުމާ ބާރުބާރަށް ރޯން ފެށިއެވެ. ދުވެފައި ގޮސް މުބީންގެ ގައިގައި ބައްދައިގަތެވެ. މުބީން އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށް އޭނާ ނައުމާ ގަޔާ ދުރުކޮށްލިއެވެ. މުބީނަށް ބަލައިލެވުނީ ފަޒީނާއާ ދިމާއަށެވެ. ފަޒީނާގެ ތުންފަތަށް ގޮތެއް ހަދައިލިއެވެ. އޭނާގެ ދެ ބުމަ ކައިރިކޮށްލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް މުބީންގެ ގައިން ނައުމާ ނައްޓުވާލިއެވެ. މުބީން ފަސްއެނބުރި ބަލައިލިއެވެ. މުބީންގެ ބޮލުން ޓީޝާޓު ދަމަގަތެވެ. ނައުމާއަށް ދިއްކޮށްލިއެވެ. ޓީޝާޓުގައި ހިފާ ނައުމާގެ މޭމަތީގައި ޖައްސާލިއެވެ. އަނެއްކާ ވެސް މުބީން ބަލައިލީ ފަޒީނާއާ ދިމާއަށެވެ.
ފަޒީނާގެ މޫނު ފެނުމުން މުބީން އެނބުރިލިއެވެ. ފަޒީނާ އެއްގަމާ ދިމާއަށް ހިނގަގަތެވެ. ފަހަތުން މުބީން ވެސް ހިނގައިގަތެވެ. ނައުމާ ބޮލުން ޓީޝާޓު ވައްޓާލިއެވެ. މުބީންގެ ފަހަތުން ނައުމާ ދުއްވާގަތެވެ.
"ފަޒީ ޕްލީޒް. އަންޑަސްޓޭންޑް ވެބަލަ." މުބީން ހިފީ ފަޒީނާގެ އަތުގައެވެ.
ފަޒީނާ ހުއްޓުނެވެ. ނައުމާ ވެސް ހުއްޓުނެވެ.
"ފަޒީ! ދެން މި ކަންތައް، ބޮޑު ކަންތައް ގަނޑަކަށް ނުހަދަބަލަ!" މުބީން ފަޒީނާއާ ގާތްވެލިއެވެ.
ފަޒީނާ ބަލައިލީ މުބީނުގެ މޫނަށެވެ. ފަޒީނާ ދެ ބުމަ ކައިރިކޮށްލިއެވެ. އެއަށްފަހު މުބީންގެ މޭގައި އަތްއަޅައި ކޮށްޕާލިއެވެ. މުބީން ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ނައުމާ ހުރީއެވެ. ވެގެން އުޅޭ ގޮތް އޭނާއަށް އިހުސާސްވާން ފެށި ކަހަލައެވެ.
"ފަޒީ! ޕްލީޒް. އަހަރެން.. އަހަރެން ގަސްތަކު ނޫނޭ." ނައުމާ ދުއްވާގަތެވެ.
ފަޒީނާގެ ކުރިމައްޗަށް ހުއްޓި ނައުމާ ވާހަކަފެށިއެވެ.
"އަހަންނަށް ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖޭ. އެކަމަކު މިހާރު ޔަގީން ވެއްޖެ. ނަސީބެއް މަށަށް އާދެވުނުކަން،" ފަޒީނާ ހިތްހަމަ ނުޖެހި ހުރެ ވާހަކަފެށިއެވެ. "އެހެން އެންމެން ތިއްބާ މުބީން ދުވެފައި އަންނަންވީ ސަބަބެއް މަށަކަށް ނުވިސްނޭ. މާދަތުރު އަންނަ ހިތުން އަހަރެން ގެނައީ ވެސް އެހެންވެއެއްނު."
"ފަޒީ! އަހަރެން މިތަނަށް އައީ މަތީނު ބުނީމައެއް ނޫންތަ؟" މުބީން ފެށިއެވެ.
"އަހަންނަށް ނާދެވުނު ނަމަ ދެމީހުން ތިބޭނީ ފެނުޕަރީކުޅެން ކަންނޭނގެ. ވަރަށް ފޫހިވޭ." ފަޒީނާ އެއްގަމާ ދިމާއަށް ހިނގައިގަތެވެ.
ފަޒީނާގެ ފަހަތުން މުބީން ވެސް ހިނގައިގަތެވެ. މުބީންގެ ފަހަތުން ނައުމާ ވެސް ހިނގައިގަތެވެ. އެކަކު އަނެއްކަކަށް ބަލައި ވެސް ނުލައެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެމީހުން ގޮސް މަތީނުމެން ގާތުގައި މަޑުކޮށްލިއެވެ.
ނައުމާ އަތުން ދޫވި ޓީޝާޓު ޖެހުނީ އަހަރެންގެ ބޮލުގައެވެ. ސިހިފައި އަހަންނަށް ބަލައިލެވުނެވެ. އަހަރެން ގާތަށް ހިނި ވެސް އައެވެ. އަހަރެން ކޮށްލި ކުޑަކުޑަ ކަމަކުން އެންމެންނަށް އެހައި ބޮޑު ބަދަލެއް އައުމުންނެވެ. އަނެއްކާ ވެސް ޓީޝާޓަށް ބަލައިލީމެވެ. ދިގު ނޭވާއެއް އެތެރެއަށް ދަމައިލީމެވެ. ލޯމަރައިގެން އޮވެއެވެ. ސިފަވަމުން ދިޔައީ ނައުމާއެވެ. ދަންފުޅިއެއްގެ ބައްޓަމަށް ހުރި އެ ހަށިގަނޑެވެ. މަޑުމަޑުން އެއްގަމަށް އެރީމެވެ. ޓީޝާޓު ކޮނޑަށް ވައްޓައިލަމުންނެވެ.
"ބަލަ ކިހިނެއްވީ؟" ނައުމާ ފެނުމުން މަތީނު އަހައިލިއެވެ. "މިހާރު ދެން މި ނިމުނީ، އެކަމަކު އަދިވެސް މަރެއް ނުވޭ. މިވަރު ކޮށްލިޔަސް މަރުވަން ވެސް ނޫޅޭ."
ބަދަލުގައި ނައުމާ އަނގައަކުން ނުބުނެއެވެ. އޭނާ ބަލަން ހުރީ ފަޒީނާއާ ދިމާއަށެވެ. ފަޒީނާ އެ ދިޔަ ގޮތަށް ގޮސް ޓެންޓު ކައިރީގައި އިށީނެވެ. ފަހަތުން މުބީން ވެސް ދިޔައެވެ. މުބީން ގޮސް ތަންކޮޅެއް ދުރުގައި އޮށޯތީއެވެ. އުއްޑުންނެވެ. މުބީނުގެ ނިތްމަތީގައި އަތް ބާއްވާލިއެވެ.
"ކިހިނެއް މިވީ؟" ހަސަން ސުވާލުކޮށްލިއެވެ.
"ކުނި ޖެހުނީތަ؟" ފިނާ ހޭން ފެށިއެވެ.
"އަބަދު ކުނި ޖެހިފަ ތިބޭ ދެމީހުންތަ މި؟" ހަސަން ބަލައިލީ މުބީނާ ދިމާއަށެވެ. "ހިޔެއް ނުވޭ ފަސޭހަ ރަހުމަތަކުން ތި ކުންޏެއް ފިލާނެހެން. ކީއްތަވީ؟"
"ކީއްވެ ޓީޝާޓު؟" ފިނާ އިނގިލި ދިމާކޮށްލީ ނައުމާއާ ދިމާއަށެވެ. "ކޮބާ ނައޫގެ. ތި ކޮން؟ ތި މުބީންގެ ޓީޝާޓުތަ؟"
ބަދަލުގައި ނައުމާ ބޯ ޖަހައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ.
މަތީނު މަސައްކަތް ހުއްޓައިލުމަށްފަހު ބަލައިލިއެވެ. ފުން ނަޒަރަކުންނެވެ. ނައުމާގެ މޫނަށެވެ.
"ކޮބާ ނައޫގެ ޓީޝާޓު؟" މަތީނު އަހައިލިއެވެ.
"ނޭނގެ،" ނައުމާ މަޑުމަޑުން ބުނެލިއެވެ. "ހިނގާ ރަށަށް ދާން. އަހަރެން ބޭނުންވަނީ ރަށަށްދާން."
"އޭ ބަލަ ހަމަޖެހިބަލަ. އަހަރުމެން މި ރަށަށް އައީ ފަތިހު ދާ ގޮތަށޭ. އަދި އެއްވެސް ކަމެއް ނުވެއެއްނު. ފަނި ހަދަން ފެށީތަ؟" ހަސަން ކޮޅަށް ތެދުވިއެވެ.
"އަދި އޮތީނު މިރޭ ބާކީ ބައި." ފިނާ ވެސް ތެދުވިއެވެ.
"ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ." ހަސަން ނައުމާގެ ގާތަށް ޖެހިލިއެވެ.
"ނޭނގެ. ގޮސް ރާނީ ގާތުގަ އަހައިބަލަ. އެ އިނީނު މަހާ ރާނީ." ނައުމާ ހިތްހަމަ ނުޖެހުނެވެ. "ތަންދޮރު ބަލައިނުލާ ފަނި ވައްޓަނީ މަށެއް ނޫނޭ."
"ކިހިނެއްތަވީ؟" މަތީނު އަތުގެ މުލައްދަނޑިން ނިތްމަތީގައި ހުރި ދާތައް ފޮހެލިއެވެ. "ވީގޮތެއް ކިޔައިބަލަ."
"އަހަރެން ޓީޝާޓުން ލޭ ނުފިލައިގެން، ބާލައިގެން ޓީޝާޓު އުނގުޅަށް އިންދާ ފައިގައި އެއްޗެއް ޖެހުނީ. ދެން ހަޅޭއްލަވާ ގަނެވުނީ." ނައުމާ ލަސްލަހުން ބުނެލިއެވެ.
"އެ ދެން ބޮޑު ކަމެއްތަ؟" ފިނާ މޫނުމަތިން ދެތިން ރޫ އަރުވައިލިއެވެ.
"ނޭނގެ. މަހާ ރެހެންދިން އުޅޭނީ އެހެން." ނައުމާ ފޫހި ރާގެއްގައި ބުނެލިއެވެ.
"އެޔެއް ނޫން ވީ ގޮތަކީ،" ފަޒީނާ ބާރުބާރަށް ބުނެލިއެވެ. "ބޯވަ އަރާ ތަތްކޮށްލީ."
"ފަޒީ؟" ހިތްހަމަ ނުޖެހިފައި އިނދެ ފިނާ ބުނެލިއެވެ.
"ކީއްވެތަ ހަގީގަތާ ކުރިމަތިލާން ނުކުރިގެން ތިއުޅެނީ؟" ފަޒީނާ ކުރިއަށް ޖެހިލިއެވެ. "އަހަރެންގެ ދެ ލޮލުންނޭ ދުށީ. އަދިވެސް އޮޅުވާލަންތަ ތިއުޅެނީ؟ ލޮލަށް ފެނުނީމަ ވެސް އޮޅުވާލަންތަ ބޭނުންވަނީ؟"
"ފެންނަ ފެނުމާ ހަގީގަތާ ތަފާތުވާނެ." ނައުމާ ހިތްހަމަ ނުޖެހުނެވެ.
ނައުމާ ކޮޅަށް ތެދުވިއެވެ. ފަޒީނާ ވެސް ކުރިއަށް ޖެހިލިއެވެ. ބަހުގެ ހަމަލާތައް ވަރުގަދަވަމުން ދިޔައެވެ. ރުންކުރުވެ ދަތްކުނޑިވިކެމުން ދިޔައެވެ.
"ލޮލަށް ފެންނަ ކަންކަން ވެސް ނުފެންނަ ކަންކަމަށް ހަދަންތަ ތި އުޅެނީ؟" ފަޒީނާ ދަތްކުނޑި ވިކައިގަތެވެ. "މަށަށް މާ ކުރިން ވެސް އެނގިފަ އޮތީ ކަލޭގެ ހިތް."
"ކަލޭ ފާޑުފާޑުގެ ވާހަކަ ނުދައްކާތި؟" ނައުމާ ވެސް ކުރިއަށް ޖެހިލިއެވެ.
"މާ އިނޮސެންޓް ވެގެން. ރަންޑި." ފަޒީނާ ދެބުމަ ގޮށް ޖަހައިލިއެވެ. "އާނ! ކަލޭ ތީ ފައްކާ ރަންޑިއެއް. ކަލޭއަށް މަތީނު ނުފުދެނީތަ؟ ނުފުދެންޏާ މަގާތު ބުނެލިނަމަ. ޑުރާމާ ނުކުޅުނަސް ފަސޭހައިން ލިބުނީސް."
"އޭ!" ނައުމާ ރުޅިގަނޑު ކޮންޓްރޯލް ވާގޮތެއް ނުވިއެވެ.
ނައުމާ ހަޅޭއްލަވާ ގަތެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ފަޒީނާގެ މޭގައި އަތް އަޅާ ކޮށްޕާލިއެވެ. ފަޒީނާ ދިޔައީ އެއްލިގެންނެވެ. ބަދަލުގައި ފަޒީނާ ވެސް ނައުމާގެ މޭގައި އަތް އަޅައި ކޮށްޕާލިއެވެ. ނައުމާ އިދިފުށަށް ވެއްޓުނެވެ. އެއާއެކު ހިމުން ދޮންވެލިތައް ބުރައިގެން ދިޔައެވެ. ނައުމާ ވެއްޓި ޖެހުނު ގޮތުން ތަދުވެގެން އަނގައިން އާހެއްގެ އަޑެއް ނުކުތެވެ. މަތީނަށް މަންޒަރު ބަލަން ނީނދެވުނެވެ. ފަޒީނާއާ ދިމާއަށް ދުއްވާގަތެވެ. ފަހަތުން ފިނާއާއި ހަސަން ވެސް ދުއްވާގަތެވެ.
"އޭތް މިހާރު ރައްކާވާން އުޅޭ." މަތީނު ރުޅިވެރިކަމާއެކު ފަޒިނާއާ ދިމާއަށް ބަލައިލިއެވެ.
އޭނާ އިނގިލި ދިއްކޮށްލީ ފަޒީނާގެ ނޭފަތާ ދިމާއަށެވެ. އޭރު މަތީނުގެ އިނގިލިން ލޭ ތިކި ޖަހަމުން ދިޔައެވެ. އޭނާގެ ދެއަތުގައި ވަނީ ރަތްލެއެވެ. މޭމަތީގައި ވެސް ހުރީ ހުސް ލެޔެވެ. މަތީނުގެ މޫނު ވަނީ ކަޅު ލެއިން ތަތްތެޅިފައެވެ. އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ފުހެލައިފައިވާ ތަންތަނުގައި ހުރި ލޭތައް ހުރީ ހިކިފައެވެ. މަތީނު ފެންނަނީ ބިރުވެރި ސިފައެއްގައެވެ. އޭނާގެ ހުދު ދެ ލޯ ފެނުމުން ސިއްސައިގެންދާހާ ވެއެވެ. އެ ސިފައިގައި މަތީނު ހުންނަ އިރު، ރުޅި އައުމުން ފެންނަނީ މާ ބިރުވެރި ގޮތަކަށެވެ.
"ކިޔާ އެއްޗެއް ކިޔާނީ އަނގައިން. ގަޔަށް ބޮލަށް ނާރާތި!" މަތީނު އިންޒާރު ދިނެވެ.
"ކަލޭގެ މަހާ ރާނީއަށް އިންޒާރުދީ. މަށާ ދިމާއަށް ފުއްޕާނެ ކަމެއް ނެތް." ފަޒީނާ ރުޅި ގަދަވިއެވެ.
"ތަންދޮރު ބަލައިނުލައި ވާހަކަދައްކަންޏާ އަތް ވެސް ލާނަން. ހަޅޭއް ވެސް ލަވާނަން. ކުޑަކުޑަ ކަމެއް ބޮޑު ކުރަންޏާ ގަޔަށްބޮލަށް ވެސް އަރާނަން." ނައުމާ މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.
"ޚަބަރުދާރު. ދެން މި އަނގަ ހުޅުވާލައިފި ނަމަ އަދަބު ދޭނީ މި ކަތިވަޅިން." މަތީނު އަތުގައި އޮތް ކަތިވަޅި ނަގައި ފަޒީނާއާ ދިމާއަށް ދިއްކޮށްލިއެވެ.
"ދީބަލަ! މަރައިލަބަލަ. ޖެހިލުމެއް ނުވޭ. ބިރެއް ނުގަނޭ. ކަލޭތީ ކާކު؟" ފަޒީނާ ތުރުތުރު އަޅައިގަތެވެ.
"އަދި ކިޔައިބަލަ." މަތީނު ހިފީ ފަޒީނާގެ ކޮލުގައެވެ.
މަތީނުގެ ބޮޑުވާ އިނގިއްޔާއި މެދު އިނގިއްޔަށް ބާރުކުރަމުން ފަޒީނާގެ ކޮލުގެ ދެފަރާތުން ފިތަމުން ދިޔައެވެ. ފަޒީނާ ފާޑެއްގެ ވޭނީ އަޑެއް ލައްވާލިއެވެ.
"ކަލޭ ވެސް ކިޔާ އެއްޗެއް އަނގައިން ކިޔާ. ގަޔަށް ބޮލަށް އަރާނެ ކަމެއް ނެތް." މުބީން އައި ގޮތަށް އައިސް މަތީނު ކޮށްޕާލިއެވެ.
މުޅި ތަނުގައި އޮތީ ޒުވާބާއި އަރައިރުމެވެ. އެކަކު އަނެއްކަކަށް ކުދި ކިޔުމާއި ހަޅޭއްލެވުމެވެ. އަހަރެން އޮތީ އަޑިން ހޭށެވެ. ހީހީ ގޮސް ހަލާކުވާ ވަރުވިއެވެ. ހިތަށް އަރަމުން ދިޔައެވެ. މާވަރުގަދަ ވެގެން މާ ބާރެއް ލިބިގެން އުޅޭ މީހުންގެ ހާލަތަކީ މިއީއެވެ. އަހަރެން ކޮށްލީ އެންމެ ހަރަކާތެކެވެ. މުޅި ތަނުގެ މަސްލަހަތު ގެއްލުނީއެވެ. މުޅި ތަން ހަނގުރާމައިގެ މައިދާނަކަށް ބަދަލުވީއެވެ. ބާރުގަދަ ކަމަށް ހެދިގެން އުޅޭ މީހުންގެ ހާލަކީ މިއީއެވެ. ބަލައިބެލުމަށް އެކުވެރިން ކަމުގައި ފެނުނަސް ހިތުގައި އަނދަނީ އަލިފާނެވެ. ނަފުރަތެވެ. އެހެން ނޫން ނަމަ، އަހަރުމެން ކަހަލަ ނިކަމެއްޗަކު ކޮށްލާ އެންމެ ހަރަކާތަކުން މުޅި މަސްރަހު ބަދަލުވާނެ ހެއްޔެވެ؟
ދެން އޮތީ އަނެއް ކަމެވެ. މަޖަލަކަށް ހަދައިގެން ކުރާ ދަތުރުތަކުގައި ވެސް ކޮށްއުޅެނީ މަނާކަންކަމެވެ. މިރޭ ވެސް އެ ކުރީ އެކަހަލަ ކަމެކެވެ. އަމިއްލައަށް ގާނޫނުތައް ހަދައިގެން އެއަށް ފައިން އެ އަރަނީ ވެސް އެމީހުންނެވެ. ނަމުން ހިމާޔަތްކޮށްގެން ކަމުން މަސްކަނީއެވެ.
އަހަންނަށް އޮވެވުނީ މަންޒަރަށް ބަލާށެވެ. މުޅި މަންޒަރު އެކުގައި ބަދަލުވަމުންދިޔަ ގޮތެވެ. މަޖާކުރަން ކުރި ދަތުރު ފެނަށް ވެގެން، ވިހަވި ގޮތެވެ. އެންމެ ފަހުން ތިން ޑިންގީ ގެނެސް ގުރޫޕު، ގުރޫޕަށް މީހުން ރަށުން ފައިބައިގެން ދިޔައީއެވެ.
މުޅިތަން އެކުގައި ހިމޭންވީއެވެ. ފަޅުރަށަށްދޭ ހަނދުވަރުގެ އަސްލަށް ބަދަލުވީއެވެ. ތަންކޮޅެއް އެއްގަމަށް އަރައި ބަލައިލީމެވެ. ދޮންވެލި ތުނޑީގެ މެދު އޮތީ ލެއިން ކަޅިވެފައެވެ. މުޅިތަނުގައި ވަނީ ރަތް ލެއެވެ. ތަންކޮޅެއް ކައިރިއަށް ޖެހިލީމެވެ. ހިތަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ހިތް ހީވީ ފަޅިފަޅިވެގެން ދިޔަހެންނެވެ. އަހަރެންގެ ލޮލުން ކަރުނަތައް އޮހިގަތެވެ. މޭގައި ހިތް ތާށިވި ކަހަލައެވެ. އެމީހުން އަތްދަށުވި ނަމަ އަހަންނަށް ވެސް އޮންނާނީ މި ހުކުމްތާއޭ ހިތްބުނެލިއެވެ. މޫދާ ދިމާއަށް މިސްރާބު ޖެހީމެވެ. ވޭނީ ގިސްލުމުގެ އަޑު އިވުމުން އަނެއްކާ އެނބުރިލީމެވެ.
"އަހަރުމެންގެ ވެށީގެ އަމާންކަން ގެއްލިއްޖެ،" އަހަރެންގެ އެކުވެރިޔާގެ އިހުސާސްތައް އަހަންނަށް މޭރުންވިއެވެ. "ބަލައިގެން، ވިސްނައިގެން އުޅޭތި."
އަހަންނަށް ހިންދިރުވާލެވުނެވެ. ހިތްދަތިކަމާއެކު އެކުވެރިޔާއަށް ދެވަނަ ފަހަރަށް ބަލައިލީމެވެ. އޭނާ ގުނަމުން ދިޔައީ ވަހު ވަގުތުކޮޅެވެ. އަހަންނަށް ކޮށްދެވޭނެ ކަމެއް އެބަ އޮތްހެއްޔެވެ؟ އަހަރެންގެ ހިތް އުދާސްވަމުންދިޔައެވެ. ހިތުން ކަރުނަތައް އޮހެމުން ދިޔައެވެ. މުޅި ގައިން ހީބިހި ނަގައި ގަތެވެ. އެކުވެރިޔާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނިފައެވެ. އޭނާގެ ވިންދުތަކުގެ އަޑު އިވިފައެވެ. އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ. އަހަންނަށް ހިންދިރުވާލަން ވެސް އުނދަގޫވިއެވެ.
އެންމެ ފަހުން އަހަރެން އެ ރަށުން ފޭބުމަށް މިސްރާބު ޖެހީމެވެ. ލޮލުގައި އަޅައިގަތީ ދިޔަރެސް މަތީގައި އޮތް ޓީޝާޓެވެ. ހިތްހަމަ ޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. މަޑުމަޑުން މޫދަށް ފީނައިގަތީމެވެ. އަމާންކަމެއް ނެތް މާހައުލަކަށް ނައުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ވެށީގެ ދިރުންތަކަށް ލޯބި ނުކުރާ ތަނަކަށް ދަރީންތަކެއް އުފަންކުރަން ބޭނުން ނުވެގެންނެވެ. އަހަރުމެން ކަހަލަ ވެލާ، ކަހަނބުގެ އިހުސާސްތައް އަޑު އަހާނެ ބަޔަކު ދިވެހި ފަސްގަނޑަށް އުފަންވުމަށް އެދި ދުޢާކުރަމުންނެވެ. މި ހިތުގެ ކެކުޅުންތައް އިއްވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. (ނިމުނީ)