ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު މީހަކު ޕޮޒިޓިވްވެ އަދަދު 129 އަށް

ކޮވިޑް-19 އަށް މާލެއިން އިތުރު މީހަކު ޕޮޒިޓިވްވެ މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 129 އަށް އަރައިިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް މިރޭ އިތުރު މީހަކު ޕޮޒިޓިވެފައިވާ ކަމަށެވެ. އެއީ ބަންގްލަދޭޝްގެ މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ހުކުރު ދުވަހު އެކަނިވެސް 18 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ބުރާސްފަތި ދުވަހަކީ ކޮވިޑަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެ ދުވަހު ވަނީ 23 މީހުން ޕޮޒިޓިވްވެފައެވެ.

މިއަދު ފުރަތަމަ ފެނިފައިވަނީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާގެ ކުޑަ އަންހެން ކުއްޖެކެވެ. މީގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ ދިވެއްސެއްވެސް ހިމެނެއެވެ. އެހެން ކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ހިމެނުނީއެވެ.

ފަހުން ޕޮޒިޓިވްވީ 13 މީހުންގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މަންމައާ ބައްޕަވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މި މީހުންގެ ތެރެއިން 12 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ މިރޭ ޕޮޒިޓިވްވީ ބިދޭސީ މީހާއެވެ.

އެންއީއޯސީންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުކުރު ދުވަހު ފެނުނު ކޭސްތަކުގެ ތެރެއިން އާ ކްލަސްޓާއެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަދި ދެން ފެނުނު ކޭސްތަކަކީ ކުރީގެ ކޭސްތަކާ ގުޅުންހުރި ކޭސްތަކެއް ކަމަށް ވިދާޅުވިއެެވެ.