ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

12 އަހަރުގެ ފަގީރު ކުއްޖާ މަރުވީ ހިތްދަތި ގޮތަކަށް

ކޮވިޑް-19 އިގެ ސަބަބުން އިންޑިއާ ލޮކްޑައުންކޮށްފައި ވާތީ އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އެ ގައުމަށް ހިޖުރަކޮށް ވަރަށް ފަގީރު، ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށެވެ. އުމުރުން 12 އަހަރުގެ ޖަމާލޯ މަކްދަމް އަކީ ވެސް އިންޑިޔާއަށް ހިޖުރަކޮށް އުޅެމުންދާ އަންހެން ކުއްޖެކެވެ. ޖަމާލޯއަކީ އޭނާގެ މައިންބަފައިންގެ ހުރި އެންމެ ދަރިފުޅެވެ.

އެ އާއިލާގެ ފަގީރުކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ކުރާނެ މަސައްކަތެއް ހޯދުމުގެ ބޭނުމުގައި ކުޑަ ޖަމާލޯ ވަނީ އިންޑިއާގެ ތެލަންގަނާ ސްޓޭޓަށް ގޮސް އެތާގެ ރަށެއްގައި އޮންނަ މިރުސް ދަނޑެއްގައި މަސައްކަތް ކުރަން ފަށާފަ އެވެ. ނަމަވެސް ލޮކްޑައުން ކުރުމުން ވަޒީފާ ގެއްލި ބަނޑުހައިހޫނުކަން ބޮޑުވާން ފެށުމުން އާއިލާ ކައިރިއަށް އަނބުރާ ދަނިކޮށް އޭޕްރިލް 18 ވަނަ ދުވަހު ޖަމާލޯ މަރުވެގެން މަގުމައްޗަށް ވެއްޓުނީ އެވެ.

ޖަމާލޯ ދަތުރު ފެށީ އޭނާ ފަދައިން އިންޑިއާއަށް ހިޖުރަ ކޮށްފައިވާ އިތުރު 12 ވަރަކަށް މީހުންނާ ޗައްތީސްގަޅަށެވެ.
ޖަމާލޯމެން ތިބި ތެލަންގަނާ ސްޓޭޓާއި ޗައްތީސްގަޅާ ދޭތެރޭ 100 ކިލޯމީޓަރުގެ ދުރު ރާސްތާއެއް އޮތެވެ. ބަނޑުހައިހޫނުކަމާއި ވަރުބަލިކަމާއެކު ފައިމަގުގައި އެމީހުން ކުރި ދަތުރުގައި މަންޒިލަށް ވާސިލު ވާން 11 ކިލޯމީޓަރު އޮއްވާ ޖަމާލޯ މަރުވެގެން ބިންމައްޗަށް ވެއްޓުނީ އެވެ.

ޖަމާލޯ އަކީ އަންޑޯރާމް، 33، އާއި ސުކާމަތީ، 30، ގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ދެ މީހުން ބަނޑުފުރާނަ މުއްތިކުރަނީ ޖަންގަލި ތެރެއަށް ވަދެ ލިބޭ އެއްޗަކުންނެވެ. އެހެންވެ ތެލަންގަނާގެ މިރުސްހައްދާ ދަނޑަކުން ވަޒީފާއެއް ލިބުމުން އެހެން ބައެއް އެކުވެރިންނާއި އާއިލާގެ ބައެއް މީހުންނާއެކު ޖަމާލޯ ތެލަންގަނާއަށް ދިޔައީ މީގެ ދެ މަސް ކުރިންނެވެ.

ޖަމާލޯގެ ބައްޕަ ބުނީ ދަރިފުޅުގެ ޚަބަރެއް އެންމެ ފަހުން ވީ އެޕްރީލް 16 ވަނަ ދުވަހު ކަމަށެވެ. ޖަމާލޯ އާއެކު ދަތުރުކުރި މީހުންގެ ތެރެއިން ފޯނެއް އޮތީ އެންމެ މީހެއްގެ އަތުގަ އެވެ. ނަމަވެސް އެ ފޯނުގެ ވެސް ބެޓެރި ހުސްވެގެން ނިވިފައިވާތީ އޭނާ މަރުވުމުން ވެސް މައިންބަފައިންނަށް އެންގޭނެ ގޮތެއް ވެސް ނުވި އެވެ. އެހެންވެ އެއްބަޔަކު މަރުވެފައިވާ ޖަމާލޯގެ މަސްގަނޑުގެ ކައިރީގައި ތިބެފައި އަނެއްބަޔަކު ހިނގާފައި ގޮސް އާއިލާއަށާއި އެ ހިސާބުގަނޑުގެ ފުލުހުންނަށް އަންގައިގެން އެ މީހުން އައިސް ޖަމާލޯގެ ހަށިގަނޑު ގެންދިޔައީ އެވެ.

އޭނާ ބެލި ޑޮކްޓަރުން ބުނީ ޖަމާލޯ ކޮވިޑް-19 އަށް ނެގެޓިވް ކަމަށާއި އޭނާ މަރުވީ ބަނޑުހައިހޫނުކަމުގައި ދިގު ދަތުރެއް ކުރުމުން ލިބުނު ވަރުބަލި ކަމުގައި ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.