ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު އެއްލައްކައަށް

ދުނިޔޭގައި ދެވަނައަށް އެންމެ އާބަދީ ބޮޑު ގައުމު، އިންޑިއާއިން ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ކަންބޮޑުވާ ދަރަޖަ އަކަށް އިތުރުވެ، ކޮވިޑް މަރުގެ އަދަދު 100842 އަށް އަރައިފި އެވެ.

މިއާއެކު އިންޑިއާ ވެފައި މިވަނީ ދުނިޔޭގައި ކޮވިޑް ބަލީގައި ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ. ކޮވިޑް ބަލީގައި އެންމެ ގިނަ މީހު މަރުވެފައި ވަނީ އެމެރިކާއިންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ބްރެޒިލްގަ އެވެ.

އިންޑިއާ ގައި މިހާތަނަށް ވަނީ 6.47 މިލިއަން މީހުންނަށް ކޮވިޑް 19 ޖެހިފަ އެވެ. މިހާރު މި ބަލި ފެތުރޭ ގޮތަށް ބަލާނަމަ މަދު ހަފުތާ ތަކެއްގެ ތެރޭގައި އެމެރިކާގައި ބަލި ޖެހިފައިވާ ވަރަށް ވުރެ ގިނަ މީހުނަށް އިންޑިއާގައި މި ބަލި ޖެހޭނެ އެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ތިބި އިންޑިއާއަކީ ކޮވިޑް ބަލީގެ މީހުން މިހާތަނަށް އެންމެ ގިނައިން ރަނގަޅުވި ވެސް ގައުމެވެ. އިންޑިއާގެ އާބާދީއަކީ އެމެރިކާގެ އާބާދީއަށް ވުރެ ހަތަރު ގުނަ މަތީ އަދަދެކެވެ. ނަމަވެސް އިންޑިއާ ގައި ކޮވިޑް ޖެހިގެން މަރުވި މީހުންނަށްވުރެ ދެ ގުނަ އިތުރު އަދަދެއް އެމެރިކާގައި ވަނީ މަރުވެފަ އެވެ. މިހެން ވުމުގެ ސަބަބުން އިންޑިއާގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަސްލު އަދަދާމެދެ ޝައްކު އުފެދެ އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އިންޑިއާ ގައި މަރުވި މީހުންގެ ސައްހަ އަދަދެއް" ވައިރުލޮޖިސްޓެއް ކަމުގައިވާ ޓީ ޖެކޮބް ޖޯން އޭއެޕްޕީ އާއި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. "އިންޑިއާ ގައި ޕަބްލިކް ހެލްތު ސާވެއިލެންސް ސިސްޓަމެއް ނޯވޭ"

އިންޑިއާ ގައި އާބާދީގެ ނިސްބަތައް ބަލާއިރު އެ ގައުމުގައި ޓެސްޓް ކުރެވޭ ޕަސެންޓް ވަނީ އެހެނިހެން ގިނަ ގައުމުތަކަށް ވުރެ ދަށުގަ އެވެ. މިސާލެއްގެ ގޮތުން ބަލާނަމަ އެމެރިކާ ގައި ކޮވިޑަށް ޓެސްޓު ކުރާ މިންވަރު އިންޑިއާއަށް ވުރެ ފަސް ގުނަ އިތުރެވެ. އިންޑިއާ ގައި އަސްލު ބަލި ޖެހޭ މީހުން ގެ އަދަދާއި ބަލީ ގައި މަރުވާ މީހުންގެ އަދަދު މާ ބޮޑު ތަނުން މަތިވާނެ ކަމަށް ވެސް ދިރާސަތަކުން ދައްކަ އެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އެންމެ އިސް ޕެންޑެމިކް އެޖެންސީ އިން ނެރުނު ސާވޭ އެއްގައި ބުނާ ގޮތުން މިހާތަނަށް އިންޑިއާގައި 60 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން ނަށް ކޮވިޑް ޖެހިފައި ވެދާނެ އެވެ،. މިއީ ރަސްމީކޮށް ބަލި ޖެހުނު ކަމަށް ހާމަ ކުރެވުނު އަދަދައް ވުރެ 10 ގުނަ އިތުރު އަދަދެކެވެ.