އަންނަ ޓްރާންސްފާ ޕީރިއަޑްގައި ބޮޑެތި އަދަދު ތަކުން ހަރަދު ކުރާނެ ފައިސާއެއް، މެންޗެސްޓާ ޔުނައިޓެޑްގައި ނެތް ކަމަށް، އެ ކުލަބުގެ އެގްޒެކެޓިވް ނައިބު ރައީސް އެޑް ވުޑްވާޑް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ހާލަތާ ގުޅިގެން މާލީ މައްސަލަތައް ޔުނައިޓެޑަށް ވެސް ކުރިމަތި ވެފައިވާ ކަމަށެވެ. ކުރިން ޔުނައިޓެޑުން ނިންމާފައި ވަނީ، ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި އެކުލަބުން އަލުން ބިނާ ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން 200 މިލިއަން ޕައުންޑްގެ ހޭދަ ކުރުމަށެވެ.
ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބޭނުންވާ ކުޅުންތެރިންނަކީ، ޓޮޓެންހަމް ހޮޓްސްޕާްގެ ފޯވަޑް ހެރީ ކޭން އާއި ބުރޫޝިއާ ޑޯޓަމުންޑްގެ ޖޯޑަން ސަންޗޯ އެވެ. މިދިޔަ މަހު އިނގިރޭސި ކެޕްޓަން، ކޭން ބުނީ ކުލަބު ބިނާ ކުރުމުގެ ވިސްނުން ޓޮޓެންހަމްއިން ނުގެން ގުޅޭނަމަ އޭނާ އެ ކުލަބުގައި މަޑު ނުކުރާނެ ކަމަށެވެ.
އެޑްވުޑްވާޑް އިޝާރާތް ކުރި ގޮތުންނަމަ، އަންނަ ޓްރާންސްފާގައި މަޝްހޫރު ކުޅުންތެރިޔަކު އެ ޓީމުން ނުގެންނާނެ އެވެ. އޭނާ ބުނީ ކޮރޯނާ ވައިރަސް އާ ގުޅިގެން، ވަކި ކުލަބަކަށް ވީތީ މާލީ ގޮންޖެހުންތައް ކުރިމަތި ނުވާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
"އަހަރެމެންގެ ކުލަބަށް ވެސް ވަނީ އެހާލަތު ކުރިމަތި ވެފަ،" ކުލަބުގެ ސަޕޯޓަރުންނާއެކު ބޭއްވި ކޮންފަރެންސް ކޯލް ބައްދަލުވުމެއްގައި ވުޑްވާޑް އިއްޔަ ބުންޏެވެ. "މިހާލަތަށް ބިނާކޮށް އަހަންނަކަށް އިހްސާސެއް ނުކުރެވޭ ވަކި ކުޅުންތެރިޔަކަށް ސަތޭކަ މިލިއަނުން ޓްރާންސްފާގައި ހަރަދު ކުރާނެ ކަމަށް އެ ފަތުރާ ވާހަކަ ތަކުގެ އަސާސެއް އޮތް ހެނެއް، އެ ވާހަކަތައް ފަތުރަނީ ކުލަބުތަކަށް ދިމާވެފައިވާ ހަލަތާ މެދު ހަގީގަތް އޮޅުވާލުމުގެ ގަސްތުގައި."
ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ނުކުރި ނަމަވެސް، އަންނަ ޓްރާންސްފާ ޕީރިއަޑްގައިވެސް ޔުނައިޓަޑުން ކޮންމެވެސް ވަރެއްގެ ހޭދަތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.