ކުޅިވަރު

ބޭލް އާއި ރެގީލޯންއަށް ޔުނައިޓެޑް ވިސްނަނީ

ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ، ގެރެތު ބޭލް އާއި ޑިފެންޑަރު ސާޖިއޯ ރެގީލޯން ސޮއި ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ފަށައިފި އެވެ.

ޔުނައިޓެޑުން ހޯދަން މަސައްކަތް ކުރާ ބުރޫޝިއާ ޑޯޓްމުންޑްގެ އިނގިރޭސި ފޯވަޑް ޖާޑަން ސަންޗޯގެ ބިޑް ކާމިޔާބު ވުމުގެ މަގެއް ޔުނައިޓެޑަށް އަދި މިހާތަނަށް ފެނިފައެއް ނެތެވެ. ޑޯޓްމުންޑްގެ ކޯޗް ލޫސިއަން ފާވް އިއްޔަ ބުނެފައ ވަނީ ސަންޗޯ ޓީމު ދޫކޮށްލަން ޑޯޓްމުންޑްގެ އެއްވެސް މީހަކު ބޭނުން ނުވާ ކަމަށެވެ. އަނެއްކާ ވެސް އިތުރު ސީޒަނަކަށް އޭނާ އެ ޓީމުގައި މަޑު ކުރުމުގެ ފުރުސަތު ބޮޑެވެ.

ސަންޗޯގެ ބިޑް މި ސީޒަންގައި ކާމިޔާބު ނުވާނެހެން ހީވުމުން، ޔުނައިޓެޑުން ބޭލް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. ރެއާލް މެޑްރިޑާއެކު ބޭލް ހަަދާފައިވާ އެއްބަސް ވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. ވާހަކަ ދެކެވެނީ އޭނާ ކޮންމެ ކުލަބަކަށް ދިޔައަސް، ރެއާލްގެ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އޭނާއަށް ދޭ މުސާރައިން ބައެއް މެޑްރިޑުން ދޭ ގޮތަށެވެ. މިދިޔަ ސީޒަންގައި ރެއާލްގެ ޓީމުން ބޭލްއަށް ފުރުސަތު ލިބިފައި ވަނީ މަދުންނެވެ.

ޔުނައިޓެޑުން ދަނީ އޯޕަން ބިޑެއް، މެޑްރިޑްގެ ޑިފެންޑަރު ރެގީލޯން އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންނެވެ. ދެ ކުލަބުގެ ދެމެދުގައި ވާހަކަތައް ކޮންމެވެސް ވަރަކަށް ދެކެވިފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެ އެވެ. މިިދިޔަ ސީޒަންގައި ލޯން އުސޫލުން ސެވިއްޔާއަށް ކުޅުނު ޑިފެންޑަރު ދޫކޮށްލަން ރެއާލްއިން ހުށަހަޅަނީ 30 މިލިއަން ޔޫރޯ އެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ހާލަތުގައި އެ އަގު ބޮޑު ކަމަށް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ.

އުމުރުން 23 އަހަރުގެ ޑިފެންޑަރުގެ ކުޅުން ޔުނައިޓެޑުން މޮނިޓާ ކުރަމުން އަންތާ ހާފުތަތަކެއް ވެއްޖެ އެވެ. ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާގެ ބޭނުމަކީ އެ ޓީމުގެ މިހާރުގެ ޑިފެންޑަރު ލޫކް ޝޯގެ މަގާމަށް އިތުރަށް ވާދަވެރިކަން އުފެއްދުމެވެ.