ޓްރާންސްފާ މާކެޓް

ޔުނައިޓެޑްގެ ބިޑަށް ޑޯޓުމުންޑުން ދެކޮޅު ހަދައިފި

ބުރޫޝިއާ ޑޯޓްމުންޑްގެ ޖާޑަން ސަންޗޯ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި 90 މިލިއަން ޔޫރޯގެ އަގަށް ސަންޗޯ ނުވިއްކާނެ ކަމަށް ޑޯޓްމުންޑުން ޔުނައިޓެޑަށް އަންގައިފި އެވެ.

ސަންޗޯގެ ބިޑާ ގުޅޭގޮތުން ޔުނައިޓެޑާއި ޑޯޓްމުންޑާ ދެމެދު އެކި ފެންވަރުގައި ވާހަކަތައް ދެކެވޭތޯ އެއް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދެ ކުލަބުގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކުގައި ކުރިއެރުންވެސް ލިބެމުން ދެއެވެ. އެހެންނަމަވެސް ކުރިއެރުން ނުލިބި އޮތް ހަމައެކަނި ނުކުތާއަކީ ޓްރާންސްފާގެ އަގެވެ.

ޑޯޓްމުންޑުން، ސަންޗޯ ދޫކޮށްލަން އެއްބަސް ވަނީ، މަދުވެގެން 120 މިލިއަން ޔޫރޯ އަށެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ހުށަހެޅުމަކީ، ކޮވިޑް-19 ގެ ހާލަތުގައި ކަމަށް ވުމުން އެވަރުގެ އަގެއް ދެވެން ނެތް ކަމަށެވެ. ޔުނައިޓެޑުން ތައްޔާރުވީ 90 މިލިއަން ޔޫރޯގެ ބިޑް ހުށަހެޅުމަށެވެ.

ސަންޗޯގެ ބިޑްގައި އިތުރަށް ކުރިއެރުން ލިބެން ނެތުމުން ޔުނައިޓެޑްގެ ވިސްނުން ބަދަލު ވެފައިވާ ކަމަށް އިންގިރޭސި މިޑިއާ ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑްގެ ވިސްނުމަކީ ބާސެލޯނާގެ ފްރާންސްގެ ފޯވަޑް އުސްމާން ޑެމްބެލޭ އެވެ. ޑޯޓަމުންޑްގެ ކުރީގެ ވިންގާ، އެއް އަހަރުގެ ލޯން އެއްބަސްވުމުގެ ދަށުން ގެނައުމަށް ޔުނައިޓެޑްގެ ވިސްނުން ގެންގުޅޭ ކަމަށް ދަ ގާޑިއަން ނޫހުގައި ރިޕޯޓް ކޮށްފަ އެވެ. އެހެންނަމަވެސް ޑެމެބެލޭ ބާސާ ދޫކޮށްލަން ބޭނުމެއް ނުވެ އެވެ.

ޔުނައިޓެޑުން ހުށަހަޅާ ބިޑަށް، ބާސާއިން އެއްބަސްވިޔަސް، އެ ހުށަހެޅުން ޑެމެބެލޭއަށް ވިސްނައި ދޭން ޖެހެ އެވެ. މި ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓެޑްގެ އެއް ނަންބަރު ޓާގެޓަކީ ސަންޗޯ އެވެ. އޭނާ ނުގެނެވިއްޖެނަމަ އެއީ އެ ކުލަބަށް މާޔޫސްކަން ގެނުވާނެ ކަމެކެވެ. އެހެންނަމަވެސް ޔުނައިޓެޑުން ވަނީ އަޔެކްސްގެ މިޑްފީލްޑާ ޑޮނީ ވެން ޑެ ބީކް ގެނެސްފަ އެވެ.