ޔޫރަޕްގެ ކުޅުންތެރިން ކުލަބު ބަދަލުކޮށް ސޮއި ކުރުމުގެ އެންމެ ފަހު ދުވަހަކީ އިއްޔެ އެވެ. ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަހުގެ ގޮތުގައި މަޝްހޫރު ވެފައިވާ ދުވަހުގައި އެންމެ ހަރަކާތްތެރިކޮށް ފެނުނީ މެންޗެސްޓާ ޔުނައިޓެޑެވެ. ޓްރާންސްފާގައި އެންމެ ބޮޑު ނާކާމިޔާބެއް ކުރިމަތިވީ ވެސް ޔުނައިޓެޑަށެވެ.
ޓްރާންސްފާ ޕީރިއަޑް ރަސްމީކޮށް ފެށުމުގެ މާ ކުރިން ވެސް ޔުނައިޓެޑުން ހިތުލައިގެން ހުރި ކުޅުންތެރިންޔަކީ ބުރޫޝިއާ ޑޯޓްމުންޑްގެ އިނގިރޭސި ފޯވަޑް، ޖާޑަން ސަންޗޯ އެވެ. ޑޯޓްމުންޑާއެކު އެކި ފެންވަރުގައި އެކި މަރުހަލާތަކުގައި ޔުނައިޓެޑުން މަޝްވާރާކޮށް ވާހަކަ ދެއްކި އެވެ. ސަންޗޯ އާ ވާހަކަ ދައްކައި ކުޅުންތެރިޔާ އާއި ޔުނައިޓެޑާ ދެމެދު އަނގަބަހުން އެއްބަސްވުމަކަށް އައެވެ. އެހެންނަމަވެސް ހަމަނުޖެހުނީ ޑޯޓްމުންޑުން ޑިމާންޑް ކުރާ ޓްރާންސްފާގެ އަގެވެ. ސަންޗޯ ދޫކޮށްލަން ޑޯޓްމުންޑުން ބޭނުން ވަނީ މަދުވެގެން 120 މިލިއަން ޔޫރޯ އަށެވެ. ޔުނައިޓެޑުން ބުނެފައި ވަނީ ކޮވިޑް-19 ގެ ހާލަތުގައި ކުރިމަތި ވެފައިވާ މާލީ ތަދުމަޑު ކަމުގެ ސަބަބުން އެވަރުގެ އަގެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
ޓްރާންސާފާ ޕީރިއަޑްގެ ވަކި ހިސާބަކުން ސަންޗޯ ގެނެވެން ނެތުމުން ޔުނައިޓެޑުން އެ މަސައްކަތުން އަތް ދޫކޮށްލައި ދެން މަސައްކަތް ކުރީ ބަދަލުގައި ކުޅުންތެރިޔަކު ގެނައުމަށެވެ. ލޯން އެއްބަސްވުމުގެ ދަށުން ޓޮޓެންހަމްއަށް ގެރެތު ބޭލް ބަދަލުވުމުގެ ކުރިން ޔުނައިޓެޑުން އޭނާ ގެންނަން ޝައުގުވެރިކަން ފާޅު ކުރި އެވެ. ނަމަވެސް ރަސްމީކޮށް ޓްރާންސްފާއަށް ހުށަހެޅި ކަމެއް އެނގިފައެއް ނުވެ އެވެ. ސަންޗޯ ނުލިބުމުން އެޓޭކިންއަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ޔުނައިޓެޑުން ދެން މަސައްކަތް ކުރީ ބާސެލޯނާގެ އުސްމާން ޑެމްބެލޭ ގެނައުމަށެވެ. އެކަންވެސް ކާމިޔާބުވާ ގޮތް ނުވެ ޓްރާންސްފާ ޕީރިއަޑް ނިމިގެން ދިޔައީ އެވެ.
އިއްޔަ ޔުނައިޓެޑުން ވަނީ ރަނގަޅު ޑީލްތަކެއް ހަދާފަ އެވެ. މިދިޔަ ހަތް އަހަރު ޕީއެސްޖީއަށް ކުޅުނު އުރުގުއޭގެ ތަޖުރިބާކާރު ސްޓައިކަރު އެޑިސަން ކަވާނީގެ ސޮއި ޔުނައިޓެޑުން ހޯދި އެވެ. ޕީއެސްޖީއާއެކު އޭނާގެ ކޮންޓްރެކްޓް ހަމަވެފައި ވުމުން ޔުނައިޓެޑަށް އޭނާ ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
ވާތު ބެކެއް ހޯދުމަށް ޔުނައިޓެޑުން ކުރި މަސައްކަތުގައި އެންމެ ފުރަތަމަ ބެލީ މިދިޔަ ސީޒަންގައި ސެވިއްޔާގައި މޮޅު ކުޅުމެއް ދެއްކި ރެއާލް މެޑްރޑްގެ ސާޖިއޯ ރެގީލޯން ގެނައުމަށެވެ. ރެއާލްއިން ހުށަހެޅި ޝަރުތަކީ އެ ކުލަބުން ބޭނުންވެއްޖެނަމަ ރެގީލޯން އަނބުރައި ގެނައުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. ޔުނައިޓެޑުން އެކަމާ އެއްބަހެއް ނުވި އެވެ. އިއްޔަ ވާތު ބެކަށް ޔުނައިޓެޑުން ގެނައީ ޕޯޓޯގެ އެލެކްސް ޓެލްސް އެވެ. ބްރަޒިލްގެ ޒުވާން ޑިފެންޑަރުގެ ޓްރާންސްފާއަށް ޔުނައިޓެޑުން ވަނީ 15 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ.
ޔުނައިޓެޑުން ވަނީ އުރުގުއޭގެ ޒުވާން ވިންގާ ފަކްުންޑޯ ޕެލިސްޓްރީގެ ސޮއިވެސް ހޯދާފަ އެވެ. އޭނާގެ ޓްރާންސްފާއަށް އުރުގުއޭގެ ކުލަބު އެތުލެޓިކޯ ޕެނަރޯލްއިން ކީ 10 މިލިއަން ޔޫރޯ އެވެ. އެޓަލާންޓާގެ ޒުވާން ފޯވަޑް އަމްޑް ޓްރައޯރޭގެ ޓްރާންސްފާއަށްވެސް ޔުނައިޓެޑް ވަނީ ޑިލް ހަދާފަ އެވެ. އޭނާ ޔުނައިޓެޑަށް ސޮއި ކުރާނީ ޖަނަވަރީ ޓްރާންސްފާގަ އެވެ.