މެންޗެސްޓާ ޔުނައިޓެޑް

ސަންޗޯ ބިޑްގައި ޔުނައިޓެޑަށް ކުރިއެރުންތަކެއް

ބުރޫޝިއާ ޑޯޓްމުންޑްގެ އިނގިރޭސި ފޯވަޑް ޖާޑަން ސަންޗޯ ސޮއި ކުރުވުމަށް ކުރާ މަސައްކަތުގައި މެންޗެސްޓާ ޔުނައިޓެޑުން ކުރިއެރުންތަކެއް ހޯދައިފި އެވެ.

އިނގިރޭސި މިޑިއާތައް ބުނާ ގޮތުގައި ސަންޗާއެކު ޔުނައިޓެޑުން ވަނީ އަނގަބަހުން އެއް ބަސްވުމަކަށް އައިސްފަ އެވެ. ޑޯޓްމުންޑާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ވެސް ކުރި އެރުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑޯޓަމުންޑުން ގަބޫލު ކުރާ ގޮތުގައި ސަންޗޯގެ އަގަކަށް ވާން ޖެހޭނީ މަދުވެގެން 120 މިލިއަން ޔޫރޯ އެވެ.

އެހެން ނަމަވެސް ޔުނައިޓެޑްގެ ޓްރާންސްފާ ޓީމުން މިހާރު މަޝްވަރާ ކުރަމުން ދަނީ، އަގު ދަށް ކުރުމަށެވެ. ޔުނައިޓެޑްގެ ހުށަހެޅުމަކީ ކޮވިޑް-19 އާ ގުޅިގެން ކުލަބުތަކަށް ކުރިމަތި ވެފައިވާ މާލީ ދަތިތަކުގެ ސަބަބުން 120 މިލިއަން ޔޫރޯ އަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.

ޔުނައިޓެޑްގެ އެޓޭކު ވަރުގަދަ ކުރުމަށްޓަކައި، ޚޮޗް އޮލޭ ގަނާ ޝޮލްޝަޔާ ބޭނުންވާ ކުޅުންތެރިޔަކީ ސަންޗޯ އެވެ. ޔުނައިޓެޑުން ވަނީ މިޑްފީލްޑް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، އަޔެކްސްގެ ޑޮނީ ވެންޑެބީކްގެ ސޮއި ހޯދާފަ އެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓެޑުން ސޮއި ކުރުވި ހަމައެކަނި ކުޅުންތެރިޔަކީ ހޮލެންޑްގެ މިޑްފީލްޑަރެވެ.